ތަރައްޤީގެ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ލިބޭކަމުގެ ޔަޤީންކަން އިދިކޮޅު އެމް.ޑީ.ޕީގެ މެޖޯރިޓީ އޮންނަ އައްޑޫސިޓީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މިއަދު އަރުވައިފިއެވެ.
މި ޔަގީންކަން އެރުވީ ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ މިއަދު ބައްދަލުކުރެއްވުމުންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ސިޓީ ކައުންސިލު އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރި ކަންކަމުގައި ތެރޭގައި ޞިއްޙީ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާކަމަށާއި ބޭސް ލިބުމުގައި ކުރިމަތިވާ ދަތިތަކާއި، ފެނުގެ ޚިދުމަތާއި، އިންޖީނުގެއާއި ކަރަންޓު ވިއުގައާއި، ޕޯޓާއި ބައެއް ބަނދަރުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިމެނެއެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަޞީލަތްތައް ތަރައްޤީކުރުމާއި، ވަޒީފާގެ ފުރުޞަތު ތަނަވަސް ކުރުމާއި އަދި ހުޅުދޫމީދޫގެ ބިންހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތުމާއި، މަގުހެދުމުގެ މަޝްރޫޢާ ގުޅޭގޮތުންނާއި، ދަނޑުވެރިންނާއި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިމެނޭހެން އައްޑޫސިޓީ އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކާ ގުޅޭގޮތުން ކައުންސިލްގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އައްޑޫސިޓީގެ އަންހެނުންގެ ކޮމިޓީގެ ފަރާތުން ވަނީ އައްޑޫސިޓީގެ އިޖްތިމާޢީ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި އ.ތ.މ. ކޮމެޓީއަށް މާލީގޮތުން ކުރިމަތިވާ ގޮންޖެހުންތައް ޚާއްސަ ގޮތެއްގައި ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަންކަންކަމުގައި ވީ އެންމެ ރަނގަޅަށް އެކަންކަމަށް ސަމާލުކަން ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން އައްޑޫސިޓީގައި މަސައްކަތް ކޮށްދެއްވާނީ އެސިޓީގެ އިޤްތިޞާދީ ކުރިއެރުމަށް ކުރަންހުރި ކަންކަމަށް އިސްކަން ދެއްވައިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އައްޑޫސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދިއުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.



advertisment