Support Us

ތ. އަތޮޅު ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ތ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

ތ. އަތޮޅުގެ ބައެއް ރަށްރަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ގުރައިދުއަށެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ދިޔަމިގިލި، މަޑިފުށި، ވޭމަންޑޫ، ބުރުނީ، ކަނޑޫދޫ، ވަންދޫ، އޮމަދޫ، ކިނބިދޫ އަދި ގާދިއްފުށްޓަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި ކައުންސިލުތަކާއި އަންހެންނުގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުންވެސް ތ. އަތޮޅު ކައުންސިލާއި ވިލުފުށީ ކައުންސިލާއި ހިރިލަންދޫ އަދި ތިމަރަފުށީ ކައުންސިލާއި އެރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި އެކި ރަށްރަށުގައި ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި މާލީ ދަތިކަމާއެކު ހުރިހާ ރަށެއްގެ ކައުންސިލުތަކުން ވެސް އެރަށެއްގައި މިއަހަރުގެ ތެރޭގައި އެންމެ ބޮޑަށް ކުރަން ބޭނުންވެފައިވާ އަދި އެންމެ އިސްކަންދޭ ކަންކަމުގެ ތަރުތީބެއް، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ކަނޑައަޅައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖެއަށް އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށާއި ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް މާލީ ތަނަވަސްކަން އިތުރުކުރުމަށް ކުރަމުންގެންދާ މަސަކަތްތައް ވެސް ފާހަގަކުރައްވާފައެވެ. އަދި އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށާއި އިޤްތިޞާދު ފުޅާކުރުމަށް މި ސަރުކާރުން ގެންގުޅޭ އިޤްތިޞާދީ އެޖެންޑާ އައި.އެމް.އެފް އިން ބަލައިގަނެފައިވާކަން އެމަނިކުފާނު މިދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅުތަކުގައި ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *