Support Us

ވޭތުވެދިޔަ ދިގު މާޒީގައި ކޮޅުމަޑުލު ރާޑަރުން ކައްސާލައިފައި އޮތް އޮތުން ނިމުމަކަށް ގެނެސްދޭނަން: ރައީސް

ވޭތުވެދިޔަ ދިގު މާޒީގައި ކޮޅުމަޑުލު އަތޮޅު ރާޑަރުން ކައްސާލައި ފަހަތަށް ގޮސްފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިޔަޤީންކަން ދެއްވީ ތ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ކަނޑޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޮޅުމަޑުލަކީ ތަރައްޤީގައި އެންމެ ކުރީ ސަފުގައި ފުރުޞަތުތައް ލިބޭ އަދި ތަރައްޤީވެފައިހުރި ރަށްތަކެއް ހިމެނޭ އަތޮޅަކަށް ބަދަލުކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ އިޤުތިޞާދީ ކަންކަން އޮތީ މުޅިން ހަލާކު ކޮށްލާފައިކަމުގައި ވިދާޅުވެ، އެކަންކަން ރަނގަޅުކުރުމަށް މިސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމުގައި ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކަކީ ރަނގަޅު ހަރުދަނާ ފިޔަވަޅުތަކެއްކަން އައި.އެމް.އެފް. އިން ރާއްޖޭގައި އަމިއްލައަށް ކުރި ދިރާސާއިން ފާހަގަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކަނޑޫދޫގެ ޞިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޚާއްސަކޮށް ތެލެސީމިއާއަށް ފަރުވާ ހޯދަންޖެހޭ ކުދިންނާއި ޢާއިލާތަކަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމުގައެވެ. ތެލެސީމިއާއަށް ބޭނުންވާ ފަރުވާދިނުމުގެ ކަންކަން ފަހިކުރުމަށާއި އަދި ޖުމްލަކޮށް ކަނޑޫދޫގެ ހެލްތު ސެންޓަރުގެ މަޝްރޫޢަށް ޚާއްސަ އިސްކަމެއްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުން އެދޭގޮތަށް ރަށުގެ ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވުމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ރައްޔިތުންނާއި ކައުންސިލުތައް ބާރުވެރިކުރުމަށް އަދި އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް ކައުންސިލްތަކަށް އިތުރު ރަށެއް ހޯދުމަށް ސަރުކާރުން ހުޅުވާލާ ފުރުޞަތުގެ ބޭނުން ހިފައި، ދަނޑުވެރިކަން ފަދަ މަސައްކަތްތައް ފުޅާކުރުމުގެ މަގުފަހިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *