Support Us

ވިލުފުށި ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައިފި

ތ. ވިލުފުށި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ކދިޔަމިގިލި ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވިލުފުށި ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި، މިހާރު ފަށާފައިހުރި މަޝްރޫޢުތައް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މިވަގުތަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވަނީ ހޮސްޕިޓަލުގެ މަޝްރޫޢު ފެށުމާއި، ވިލުފުށީގެ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދިއުން ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިލުފުށީ ހޮސްޕިޓަލާއި، ވިލުފުށީގެ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން ކައުންސިލަށް ދެއްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ވިލުފުށީގެ ތަރައްޤީއަށް ބޭނުންވާ ކަންކަންވެސް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާކުރެއްވިއެވެ. އެގޮތުން މަސްވެރިކަން ފުޅާކުރުމަށާއި، ފަތުރުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސުނާމީގެ ސަބަބުން ގެދޮރުގެ ދަތިކަން ކުރިމަތިވި ޢާއިލާތަކަށް އެކަމުގެ ހައްލު ހޯދައިދިނުމަށްޓަކައި އެއްބަސްވެވޭ ގޮތެއްގެ މަތިން ހައްލެއް ހޯދުމަށް ބޭނުންފުޅުވާކަމުގައި ވިލުފުށި ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ބަނދަރު ފުޅާކުރުމުގެ މަސައްކަތް ކުރަންބޭންވާ ކަމުގައިވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގައި ހަދަމުންދާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތްތައް ކުރިއަށްދާ ސަރަހައްދުގައި، އެތަންތަން ނިމުމުގެ ކުރިން، އަސާސީ ޚިދުމަތްތައް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގަތެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭ ގޮތުން ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *