ތ. ގުރައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލު ކުރައްވައިފިއެވެ.
ގުރައިދޫ ކައުންސިލްގެ އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގުރައިދުއަށް ޒިޔާރަތްކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމަށާއި، މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ވަކި ތަރުތީބަކުން ރައްޔިތުން އެންމެ އިސްކަންދޭ ކަންކަމަށް ބައްލަވައިގެން ކަމަށެވެ. އެގޮތުން ގުރައިދޫ ރައްޔިތުންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ފަދައިން އެ ރަށުގެ އެއާޕޯޓު އެޅުމުގެ މަޝްރޫޢު މިއަހަރު ފެށުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރަށު ކައުންސިލުން ވަނީ، ރަށުގެ ތަރައްޤީއާ އެންމެ ބޮޑަށް ގުޅިފައިވަނީ އެއާޕޯޓުކަމުގައި ފާހަގަކުރައްވާފައެވެ. އަދި ރަށުގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާކަމުގައި ވިދާޅުވެ، މަސްވެރިންނަށް ބާނާ މަހުގެ އަގު ލިބުމުގައި ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލްގެ ފަރާތުން ޙިއްޞާކުރެއްވިއެވެ. އަދި ޒުވާނުންނަށް ކުޅިވަރުކުޅުމަށް އިތުރު ފެސިލިޓީސް ބޭނުންވާކަމަށާއި، ރަށުގައި މަގުތައް ހަދަންޖެހިފައި ވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ވިއްސާރަ ދުވަސްވަރު މަގުތައް ނުހެދި ހުރުމުން ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވައި، ވިއްސާރަ ދުވަސްވަރު ސްކޫލް ކުދިން ދަތުރުކުރުމަށް ބަހެއް ބޭނުންވާކަންވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ކައުންސިލުން ވަނީ ރަށުގެ ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ބަޖެޓާއި މުސާރައިގެ ދަތިކަން ފާހަގަކުރައްވައި އެކަމަށް ހެޔޮ ބަދަލެއް ގެނެސްދެއްވުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަސްވެރިންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމަށް އެމަނިކުފާނު ކަންތައްތަކެއް ކަނޑައަޅުއްވައި، އިއްޔެގެ ރިޔާސީ ބަޔާނުގައިވެސް އެކަން ފާހަގަކުރައްވާފައިވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



advertisment