Support Us

ރިޔާސީ ބަޔާން 2024: އެއްގަމާއި ކަނޑާއި ވައިގެމަގުންވެސް ޤައުމު ދިފާޢުކުރެވޭނެ ޒަމާނީ ޢަސްކަރީ ޤާބިލުކަން ވަރުގަދަކުރަންޖެހޭ: ރައީސުލްޖުމްހޫރިއްޔާ

އެއްގަމާއި ކަނޑާއި ވައިގެމަގުންވެސް ޤައުމު ދިފާޢުކުރެވޭނެ ޒަމާނީ ޢަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރަންޖެހޭ ކަމަށާއި އަދި އެކަން ކުރަން ފަށާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު ވަޢުދުފުޅަކީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެކަމުގެ ވަޢުދު ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުން ކުރި ތާއީދަކީ، ދިވެހިރާއްޖޭގައި ތިބި ބޭރުގެ ޢަސްކަރީ ސިފައިން ފޮނުވައިލުމަށާއި، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާއި، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެ ގޮތަކަށް ދައުލަތުން ހަދައިފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލުމުގެ މައްޗަށް ކުރި ތާޢީދެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ޤައުމު ދިފާޢުކުރެވޭނެ ޒަމާނީ ޢަސްކަރީ ޤާބިލުކަން އެއްގަމާއި، ކަނޑާއި، ވައިގެމަގުން ވަރުގަދަކުރުމުގެ ތެރެއިން، ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލްކަން ވަރަށް އަވަހަށް ދިވެހި ޢަސްކަރިއްޔާގައި ޤާއިމް ކުރެވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގެ ކަންކަން ހިންގުމުގައި އެމަނިކުފާނު ހިފަހައްޓަވާނެ އެންމެ މައިގަނޑު އުޞޫލަކީ، ދިވެހީންނަށާއި ދިވެހި ޤައުމަށް އިސްކަން ދިނުން، ނުވަތަ "ޕްރޯ މޯލްޑިވްސް"ގެ ސިޔާސަތުކަން ތަކުރާރު ކުރެއްވިއެވެ.

އިންޑިއާ ސިފައިން އަނބުރާ ގެންދިއުން

މިއަދު ރިޔާސީ ބަޔާން އިއްވަވަމުން، ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން މަޝްވަރާތައް ކުރިއަށްދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އެންމެފަހުގެ މަޝްވަރާތަކުން އެއްބަސްވެފައިވާ ގޮތުގެ މަތިން، ރާއްޖޭގައި ޤާއިމުވެފައި ތިބި ތިން އޭވިއޭޝަން ޕްލެޓްފޯމުގެ ތެރެއިން އެއް ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް، އަންނަ މާރިޗު 10ގެ ކުރިން ގެންދާނެ ކަމަށާއި، ބާކީ ދެ ޕްލެޓްފޯމުން މޭ 10ގެ ކުރިން މިލިޓަރީ ފަރާތްތައް ގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކަނޑުއަޑީގެ ޗާޓުތައް ކުރަހައި ކަންކަން ބެލުމުގެ ބޮޑެތި އިޚްތިޔާރުތަކެއް އިންޑިއާއަށް ލިބިދީފައިވާ އެއްބަސްވުން ދިވެހި ދައުލަތުން އަލުން އާ ނުކުރާނެކަންވެސް ރަސްމީ ހަމަތަކުގެ މަތީން އަންގަވއިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުން

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށްޓަކައި، ބައިނަލްއަޤްވާމީ ހަމަތަކުގެ މަތީން އަލުން އެދި، ވަކާލާތު ކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުމުގެ މަސައްކަތް، ތަޖްރިބާކާރުންގެ ޓީމަކުން މިހާރު ހަލުވިކަމާއެކު ކުރިއަށް ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *