އެކަނިވެރި މައިންނަށް ދޭ އިނާޔަތް އަންނަ އަހަރު ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށްޓެވި ސިލްސިލާ "ރައީސްގެ ޖަވާބު"ގައި އާއްމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެކަނިވެރި މައިންނަށް ދޭ އިނާޔަތް ބޮޑުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި އެ އިނާޔަތް ބޮޑުކޮށްދެއްވާނީ ކޮން އިރަކުންތޯ އާއްމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެކަމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދެއް ކަމުގައިވާއިރު އެ ވައުދު ފުއްދަވާނެ ކަމަށެވެ. ނަމަވެސް ގައުމު މިހާރު އޮތް އިގުތިސާދީ ހާލަތުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާތީ މިއަހަރުގެ ބަޖެޓްގެ ތެރެއިން އެކަނިވެރިމައިންނަށް ލިބޭ އިނާޔަތް އިތުރު ކުރަން އަދި ހަމަޖެހިފައިނުވި ނަމަވެސް އެކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"މި އަހަރުގެ ބަޖެޓްގެ ތެރެއިން އިތުރު ކުރުމަކީ އަދި މުޅިން ހަމަޖެހިފައި އޮތް ކަމެއް ނޫން. އިގުތިސާދުގައި މި ކުރަން ހުރި މަސައްކަތްތައް އިތުރަށް ރަނގަޅު ކުރުމުގެ ކަންތައްތައް ހުރީމަ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ މިއަންނަ އަހަރަކީ އެކަނިވެރިމައިންގެ އިނާޔަތް ބޮޑުކުރެވިގެންދާނެ އަހަރަކަށް ހަދާނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ޔަތީން ކުދިންނަށް މި ސަރުކާރުން ކިހާވަރެއްގެ އަހައްމިއްޔަތު ކަމެއް ދެއްވާނަންތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޔަތީމް ކުދިންނަށްޓަކައި އެކި ކަހަލަ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށްގެންދާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެކަންކަން އިތުރަށް ފުޅާކޮށްދެއްވާނެ ކަމަށެވެ.
ޔަތީމް ކުދިންނެކޭ އެއްފަދައިން މުޖުތަމައުގެ ހަވާސާ ވެފައިވާ އަޅާނުލެވޭ އެހެން ހުރިހާ ފަރާތްތަކަށް ވެސް މީގެ ކުރިން ނުދެވޭ ވަރުގެ ސަމާލުކަމެއްދީ އަޅާލުންތެރިކަމާއި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.



advertisment