Support Us

މާލޭގެ މުހިއްމު އާސާރުތަކެއް ބެލެހެއްޓުމާ ސްޓެލްކޯއިން ހަވާލުވެއްޖެ

މާލޭގެ މުހިއްމު އާސާރުތަކެއްގެ އާބާތުރަފިލުވައި، މަރާމާތުކޮށް، އެ ތަންތަން ޒީނަތްތެރިކުރުމުގެ މަސައްކަތާ ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި ފަހުމުނާމާގެ ދަށުން މާލޭ ހުކުރު މިސްކިތާއި މިސްކިތުގެ ގޯތިތެރެ އަދި މުންނާރާއި މާލޭ މެދުޒިޔާރަތުގެ އިތުރުން ކަޅުވަކަރު މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކުރަން ހުރި އާބާތުރަފިލުވުމާއި މަރާމާތުކުރުމާއި ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ކުރުމާ ސްޓެލްކޯއިން ވަނީ ހަވާލުވެފައެވެ.

މި ފަހުމުނާމާއަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ގުޅިގެން މަސައްކަތް ކުރުމަށް ސޮއިކުރި ފަހުމުނާމާއެކެވެ.

މި ފަހުމުނާމާގެ ދަށުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަންނީ އިރުޝާދުގެ ދަށުން، ސްޓެލްކޯއިން މާލޭ ހުކުރު މިސްކިތާއި މިސްކިތުގެ ގޯތިތެރެ އަދި މުންނާރާއި މާލޭ މެދުޒިޔާރަތުގެ އިތުރުން ކަޅުވަކަރު މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި، އެތަންތަން ރައްކާތެރިކަމާއިއެކު ގިނަ ޒަމާންތަކަކަށް ދެމެހެއްޓުމަށްޓައި ކުރަން ހުރި އާބާތުރަފިލުވުމާއި މަރާމާތުކުރުމާއި ޒީނަތްތެރުކުރުމުގެ މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމަ މި އާއެކު އެ ތަންތަނުގައި ކުރަންހުރި ކަރަންޓުގެ އެކި މަސައްކަތްތައްވެސް މި ފަހުމުނާމާގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، މި އާސާރުތައް ރައްކާތެރިކުރުމުގެ މަސައްކަތް މޫސުމާއި ގުޅިގެން ލަސްވެގެން ދިޔަ ނަމަވެސް ދެން މި މަސައްކަތަށް އިތުރު ލަސްކަމެއް ނާންނާނެ ކަމަށެވެ.

"މީ ވަރަށް ބޮޑަށް ޓެކްނިކަލީ ކަންތައްތައް ބެލިގެން ކުރަންޖެހޭ މަސައްކަތަކަށް ވާތީ އަޅުގަނޑުމެން މިނިސްޓްރީއާ ގުޅިގެން ވަރަށް ބޮޑަށް މި ދިޔައީ ބަލަމުން. ވިއްސާރަ މޫސުމަކަށްފަހު ކޮންމެސް ވަގުތުކޮޅެއް ދޭންޖެހޭ ހުކުރު މިސްކިތު މުންނާރު ހިކުމާ އަދި އެހެނިހެން ޓެކްނިކަލް ކަންތައްތަކަށްވެސް. އެހެންވީމަ އަސްލު ލަސްވެގެން ދިޔައީ. ޙަޤީޤަތުގައި އަޅުގަނޑުމެންނަށް މޫސުން ތަން ނުދިނީމަ، އެހެން ނޫންނަމަ މި މަސައްކަތް އަޅުގަނޑުމެންނަށް ވާނީ މީގެ ކުރިންވެސް ފެށިފައި."

މި ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، ސްޓެލްކޯއަކީ ކުރީއްސުރެވެސް މި ދާއިރާއިން މުހިއްމު މަސައްކަތްތަކެއް ކޮށްދެމުންދާ ކުންފުންޏެއް ކަމަށެވެ.

"އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ޙަޤީޤަތުގަ އަޅުގަނޑުމެންގެ މި ބަހާބެހޭ ވުޒާރާއަށް އަދި ތަރިކަ ރައްކާތެރިކުރާ މަރުކަޒަށް މީގެ ކުރިންވެސް ސްޓެލްކޯއަކީ ވަރަށް މުހިއްމު ބައިވެރިއެއް. ވަރަށް ގިނަ އެހީތެރިކަން ދެއްވަމުން ގެންދަވާ… އަޅުގަނޑުމެން މި ވުޒާރާގެ މަސައްކަތާ ހަވާލުވި ފަހުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގައި ވެސް ސްޓެލްކޯގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައި ވަނީ."

ސްޓެލްކޯއިން މީގެ ކުރިންވެސް ވަނީ މިފަދަ ފަހުމުނާމާއެއްގެ ދަށުން މާލޭ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ހުރި ހިރިގައު ވަޅުތަކާއި، މުންނާރާއި އަދި މާލޭ މެދުޒިޔާރަތް ރައްކާތެރިކޮށް، އާބާތުރަފިލުވައި، ޒީނަތްތެރިކުރުމުގެ މަސައްކަތްތަކެއް ކުރިއަށްގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ރާއްޖޭގެ އާސާރުތައް ބަލަހައްޓައި ދެމެހެއްޓުމަކީ ކިތަންމެހައިވެސް މުހިންމުކަމެއް. ނަމަވެސް، ސައްތައިންސައްތަ ސަރުކާރު ހިއްސާވާ، އަދި ދައުލަތުގެ ބަޖެޓުން ސަބްސިޑީޒްގެ ގޮތުގައި މިލިޔަނުން ފައިސާ ދޫކުރަމުން ގެންދާ ކުންފުންޏަކުން އެ ކުންފުނި ހިންގުމުގެ ސީދާ މަޤްޞަދުގެ ބޭރުން މިޒާތުގެ ކަންކަމަށް ޚަރަދުކުރުން ހުއްޓާލަންޖެހެޔޭ ދެންނެވޭނީ. މިހާރު ހަގީގަތުގައި މި ވާ ގޮތަކީ، "މާލޭގެ މުހިންމު އާސާރުތަކެއް" ބެލެހެއްޓުމަށް ސްޓެލްކޯ އިން ކުރާ ޚަރަދަށްވުރެ ބޮޑު އަދަދެއް ސަބްސިޑީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ސްޓެލްކޯއަށް ދޭ އިރު، ސްޓެލްކޯ ގެ ފައިދާގެ ގޮތުގައި ސަރުކާރަށް އެއްޗެއް ދައްކާ ނަމަ، އެ ދައްކާ އެއްޗަކުން އެ އޮންނާނީ އެއްކަލަ، އާސާރުތައް ބެލެހެއްޓުމަށް ކުރި ޚަރަދުގެ ފައިސާ އުނިވެފައި. ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި ސްޓެލްކޯއަށް ދައްކާ ފައިސާ ވެސް ލިބިގެން އާސާރުތައް ބަލަހައްޓަން ސްޓެލްކޯ އިން މި ޚަރަދުކުރަނީ. ސްޓެލްކޯ އިން އިތުރު ކަންކަމަށް ޚަރަދުކުރެވޭވަރު ތަނަވަސްކަން ހުންނަ ނަމަ، ރައްޔިތުންނަށް ދޭ ޚިދުމަތުގެ އަގު ނިސްބަތުން ހެޔޮކުރެއްވިއްޔާ، މާ ރަނގަޅެއްނޫންތޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *