Support Us

ބުންޏޭބުންޏޭ ކިޔައިފައި ދޮގު ޚަބަރުތައް ނުފެތުރުމަށް ގޮވައިލައިފި

ޙަމާސުން ބުންޏޭބުންޏޭ ކިޔައިފައި އަސީރުންނާ ބެހޭ ޑީލާމެދު ވާހަކަތައް ހަދަހަދައިގެން ނުދެއްކުމަށް ޙަމާސުގެ އިސްވާރެއް ކަމުގައިވާ އުސާމާ ޙަމްދާން އިންޒާރުކުރައްވައިފިއެވެ.

އޭނާ ބައިރޫތުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ވިދާޅުވި ގޮތުގައި އިސްރާއީލާއެކު އަސީރުން ބަދަލުކުރުމާބެހޭ  އެއްބަސްވުމެއްގެ ޢާންމު ގިއުގަނޑެއް ވަނީ ލިބިފައެވެ. އޭނާ ވިދާޅުވިގޮތުގައި އެއްބަސްވުމަކާ ހަމައަށް ދެވޭނީ ޣައްޒާއަށް ދެމުންދާ ޢުދްވާން ހުއްޓައިލައި އިސްރާއީލު ސިފައިން ޣައްޒާއިން ފައިބާ ޣައްޒާގެ ޙިޞާރު ނައްތައިލައި ފަލަސްޠީނު މީހުންނަށް އެމީހުންގެ ކުރިމަގު ކަނޑައެޅުމުގެ ޙައްޤުދީ އެމީހުންގެ ދައުލަތް ޤާއިމުކުމުގެ ޖާމިނުވުން ލިބި އެ ދައުލަތުގެ ވެރިރަށް ކަމުގައި ޤުދުސް ވުމުންނެވެ. 

ޙަމްދާން ވިދާޅުވިގޮތުގައި ޙަމާސް އޮތީ މި ކަންކަމަށް ހުޅުވިގެންނެވެ. އެކަންކަމަށް ހުރަސްއަޅަނީ ނަތަންޔާހޫގެ ސަރުކާރުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ޙަމާސުން މި މަސައްކަތް ކުރަނީ ޕެރިސް ބައްދަލުވުމުގެ ޢާންމު ގިއުގަނޑުގެ ތެރޭގައެވެ. 

ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ޓަކައި މިޞްރާއި ޤަޠަރުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ ޙަމްދާން އެ ދެ ޤައުމަށް ޝުކްރު އަދާކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ޙަމާސް އޮންނާނީ ރައްޔިތުންގެ މަޞްލަޙަތުގެ މަތީގައެވެ. ޙަމާސުން އިސްކަންދެނީ ޣައްޒާ ރައްޔިތުންގެ ބަރުދާސްތުތައް އެއްފަރާތަށް ލުމަށެވެ. ހުޅަނގު އައްސޭރީގެ ރައްޔިތުން ޙިމާޔަތް ކުރުމަށެވެ. އަޤްޞާ މިސްކިތާއި އެހެނިހެން މުޤައްދަސް ތަންތަން ރައްކައުތެރިކޮށް ދިފާޢު ކުރުމަށެވެ. ފަލަސްޠީނު މީހުންނަށް އެމީހުންގެ ބިމަށް އެނބުރި އައުމަށް މަގު ފަހިކޮށްދިނުމަށެވެ."

އޭނާ ހާމަކުރެއްވި ގޮތުގައި ޙަމާސުން ކޮންމެ ފިޔަވަޅެއް ވެސް އަޅަނީ އެހެން ޖަމާޢަތްތަކާއެކު ވިލަރެސްކޮށްގެންނެވެ. 

ފަލަސްޠީނުގެ ދުޝްމަނުން ފަތުރަމުންދާ ޚަބަރުތަކަށް  ޚަބަރުދާރުވުމަށް އޭނާ ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޚަބަރުތައް ހޯދަން ވާނީ ރަނގަޅު މަޞްދަރުތަކުންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޙަމާސުގެ އިސްވާރުންގެ މެދުގައި އެއްވެސް ދެބަސްވުމެއް ނެތެވެ. ޤަރާރުތައް އެކަށައެޅުމުގައި ހުރިހާ އިސްވާރުންގެ ބައިވެރިވުން އޮންނަ ކަމަށް ޙަމްދާން ވިދާޅުވިއެވެ. 

ޙަމްދާން ނޫސްވެރިންނަށް ވިދާޅުވިއެވެ. "އަދި އެއްވެސް ޑީލެއް ނެތެވެ. އޮތީ ތަފްޞީލެއް ނެތް ޢާންމު ގިއުގަނޑެކެވެ. ފަލަސްޠީނު ރައްޔިތުންގެ އެދުންތަކަށް އިސްރާއީލު އިޖާބަދޭން ޖެހޭނެއެވެ." 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *