Support Us

ޖޭ.އެސް.ސީގެ މެންބަރުކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އަލުން ޢައްޔަނު ކުރައްވަނީ

ޖޭ.އެސް.ސީގެ މެންބަރުކަމަށް އުޝާމް އަލުން އައްޔަން ކުރައްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)ގެ މެންބަރުކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އަލުން ޢައްޔަނު ކުރައްވައިފިއެވެ. އުޝާމް، ޖޭ.އެސް.ސީގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަންޑާރަނައިބުގެ ހައިސިއްޔަތުންނެވެ.

ޖޭ.އެސް.ސީގެ މެންބަރުކަމަށް އުޝާމް އަލުން އައްޔަން ކުރެއްވީ އިދިކޮޅު އެމް.ޑީ.ޕީ ކޮންޓްރޯލްކުރާ ރައްޔިތުންގެ މަޖިލީހުން ބަންޑާރަނައިބަށް މިއަދު ރުހުން ނުދިނުމުން، އަލުން އެ މަގާމަށް އުޝާމް އައްޔަނު ކުރެއްވުމަށްފަހުގައެވެ. އުޝާމްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ނުދިން ދެ ވަޒީރަކު ވެސް އަލުން އެ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އައްޔަންކުރައްވައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާއަކު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އައްޔަން ކުރައްވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް، އިދިކޮޅުގައި މެޖޯރިޓީ އޮތަސް، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ފުރަތަމަ ފަހަރެވެ. އަދި މަޖިލީހުން ރުހުން ނުދިން ވަޒީރުންތަކެއް އަނެއްކާ ވެސް އެ މަގާމަށް އައްޔަން ކުރެއްވި ވެސް ފުރަތަމަ ފަހަރެވެ.

އަލްއުސްތާޛު އަޙްމަދު އުޝާމް މި މަގާމަށް ޢައްޔަނު ކުރައްވާފައިވަނީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޖޭ.އެސް.ސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އުޝާމް، ވަނީ ޖޭ.އެސް.ސީގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޙުސްނުއް ސުޢޫދެވެ. އަދި ހުވައިގެ އިޤްރާރުގައި އަލްއުސްތާޛު އަޙްމަދު އުޝާމް ވަނީ ސޮއިކުރައްވާފައެވެ.

ޖޭ.އެސް.ސީގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ރަސްމިއްޔާތުގައި އުޝާމަށް ޙަވާލުކޮށްދެއްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *