ޣައްޒާގެ ނުޞައިރާތު ފޭލިގެއަވަށަށް އިސްރާއީލުން އިއްޔެ ދޭން ފެށި ޙަމަލާތަކުގައި ފަލަސްޠީނުގެ 33 މީހުން ޝަހީދުވެއްޖެ ކަމަށް ޖަޒީރާއިން ބުނެފިއެވެ.
މީގެ އިތުރަށް އަންރުވާގެ ބެލުމުގެ ދަށުގައި އައްރިމާލު އަވަށުގައި ހުންނަ މަދުރަސާއަކަށް ބޮންއެޅުމުގެ ސަބަބުން އެތާނގައި ދިރިއުޅޭ މީހުންގެ ތެރެއިން 10 މީހަކު ރޭ ފަތިހު ވަނީ ޝަހީދުވެފައެވެ.
އަނެއްކޮޅުން އިސްރާއީލުގެ ރޭޑިއޯ ބުނާގޮތުގައި ކުރިއަށް އޮތް ހަފުތާތަކުގައި ޣައްޒާއަށް އިސްރާއީލުން ދޭ ޙަމަލާތައް ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ.
އިސްރާއީލުން ވަނީ ޚާން ޔޫނުސްގެ "އަމަލު ހަސްފަތާލާ"އި ނާޞިރު މެޑިކަލް އެކަޑަމީ ޙިޞާރުކޮށްފައެވެ. މި ދެ ހަސްފަތާލު ޙިޞާރުކުރަމުންދާތާ ހަ ދުވަސްވެއްޖެއެވެ.
ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި ޣައްޒާ ސަހަރުގެ ދެކުނު ރަށްބޭރުގައި ޞަބްރާ އަވަށަށް ވެސް އިސްރާއީލުން ދަނީ ވަރަށް ވަރުގަދައަށް ޙަމަލާދެމުންނެވެ.