ރާއްޖޭގައި ސަލާމަތާއި ރައްކާތެރިކަމާއެކު، އަލުން ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް އަލުން ފެށުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މި ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
އެގޮތުން "މެޑިވެކް" އާއި "ސަރޗް އެންޑް ރެސްކިއު"ގެ ޚިދުމަތްތައް ލާޒިމުކޮށް، ދެ އިންޖީނުލީ ހެލިކޮޕްޓަރ ބޭނުންކޮށްގެން، ހެލިކޮޕްޓަރ އޮޕަރޭޝަން ފެށުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ. އަދި މި ޚިދުމަތް ނޫން އެހެން އާންމު ދަތުރުތައް ކުރަންވާނީ ހުއްދަ ދީފައިވާ ހެލިޕޯޓަކުން ކަމުގައި އެމަނިކުފާނު ކަނޑައެޅުއްވިއެވެ.
މިއަދުގެ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހެލިޕޯޓަކަށް ޖާގަ ހަމަޖެއްސެވުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި، އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ހަދަންޖެހޭ ކަމަށް ފާހަގަކުރެވޭނަމަ، އެކަމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ. އަދިވެސް މި ނިންމުމާ ގުޅިގެން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮނިގަނޑު އިޞްލާޙުކޮށް، އިންޑަސްޓްރީން ފަންނީ ޤާބިލު މީހުން އެކަމަށް ޝައުޤުވެރިކަން އުފައްދަވައި އެފަދަ މީހުން މި ދާއިރާގައި ދެމެހެއްޓުމަށް އެކަށީގެންވާ އެކަން ކުރެވޭވަރުގެ މުސާރައިގެ އޮނިގަނޑެއް އެކުލަވައިލަންވެސް ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ.



advertisment