ސޫރިޔާގައި ތިބި އީރާނުގެ ޢަސްކަރީ ބަޔަކު ދިރިއުޅޭ ޢިމާރާތަކަށް އިސްރާއީލުން އިއްޔެ ޙަމަލާދީ ބަޔަކު މަރައިލުމުން އީރާނުން އިސްރާއީލަށް ރައްދު ދޭނެކަމަށް އީރާނުގެ ރައީސް އިބްރާހީމު ރައީސީ ވިދާޅުވެއްޖެއެވެ. އިސްރާއީލުން މި ދިން ޙަމަލާގެ ސަބަބުން އީރާނުގެ ޢަސްކަރީ އިސް ފަސް ބޭފުޅަކު ވަނީ އަވަހާރަވެފައެވެ.
އީރާނުގެ އިންޤިލާބުގެ ޒިކްރާ އައުކުރުމާ ބެހޭ ކޮމެޓީގެ ބޭފުޅުންނާ ރައީސީ ބައްދަލުކުރައްވަމުން ވިދާޅުވިގޮތުގައި ޞިހްޔޫނީ ނިޒާމުން އަރައިގަންނަމުންދާ ޖަރީމާތަކަށް ރައްދުނުދީ އީރާން މަޑަކުން ނޯންނާނެއެވެ.
އީރާނުން އިއްޔެ ބުނިގޮތުގައި އިސްރާއީލުގެ ޙަމަލާގެ ސަބަބުން ޢަސްކަރީ ހަތަރު ބޭފުޅަކު އަވަހާރަވިއެވެ. ފަސްވަނަ ބޭފުޅާ އަވަހާރަވީ ޒަޚަމުތަކުގެ ސަބަބުން ފަރުވާދެމުން ދަނިކޮށްނެވެ.
ސޫރިޔާގެ ނޫސްއޭޖެންސީ ބުނާގޮތުގައި އިސްރާއީލުން ޙަމަލާދީފައިވަނީ ވެރިރަށް ދިމަޝްޤުގެ މިއްޒާ އަވަށުގައި ހުންނަ ޢިމާރާތަކަށެވެ. ސޫރިޔާއިން ބުނާގޮތުގައި އިސްރާއިލުން މި ޙަމަލާދިނީ މިސައިލުންނެވެ. ސޫރިޔާގެ ވައިގެ ދިފާޢުތަކުން އިސްރާއީލުގެ ބައެއް މިސައިލްތައް ވަނީ ވައްޓައިލެވިފައެވެ.
ސޫރިޔާއިން ހާމަކުރިގޮތުގައި އިސްރާއީލުގެ ޙަމަލާ އަމާޒުކުރި ޢިމާރާތް އެކަށް ފުޑުފުޑުވެގެން ބިމަށް ވެއްޓުނެވެ. އަދި ކައިރީގައި ހުރި ބައެއް ޢިމާރާތްތަކަށް ވެސް ގެއްލުން ލިބުނެވެ. ޢާންމުންގެ އެތައް ބަޔަކު މަރުވެ ޒަޚަމުވިއެވެ.
އިސްރާއީލުން 2011 އިން ފެށިގެން ދަނީ ސޫރިޔާއަށް ވައިގެ ޙަމަލާތައް ދެމުންނެވެ. ދިމަޝްޤުގެ ވައިގެ ބަނދަރުވެސް ޝާމިލުވާ ގޮތަށެވެ.
ޢާންމު ގޮތެއްގައި އިސްރާއީލުން ހަމަލާދިފައި ވަނީ ސޫރިޔާގައި ހުންނަ އީރާނު ސިފައިންގެ މަރްކަޒުތަކަށެވެ.
މި ދިޔަ ޑިސެންބަރު މަހު އިސްރާއީލުން ވަނީ އީރާނުގެ އިންޤިލާބީ ފާރަވެރިންގެ ލަޝްކަރުގެ އިސް ބޭފުޅެއް ކަމުގައިވާ ރިޒާ މޫސަވީ ސޫރިޔާގައި އަވަހާރަކޮށްލައިފައެވެ.



advertisment