ސޫރިޔާގެ ވެރިރަށް ދިމަޝްޤުގެ މިއްޒާ އަވަށަށް އިސްރާއިލުން ވައިގެ ޙަމަލާއެއް ދީ އީރާނުގެ އިންޤިލާބީ ފާރަވެރިންގެ ލަޝްކަރުގެ ހަތަރު މުޝީރަކު އަވަހާރަކޮށްލައިފި އެވެ.
އީރާނުގެ މީޑިޔާ ބުނާގޮތުގައި އަވަހާރަކޮށްލި ބޭފުޅުންގެ ތެރޭގައި ޤުދުސް ފައުޖުގެ ޖާސޫސީ ބައިގެ މަސްއޫލުވެރިޔާއާއި އޭނާގެ ނައިބު ހިމެނެއެވެ. މި އިސް ދެ ބޭފުޅުންގެ އިތުރަށް އިތުރު ދެ ބޭފުޅަކު ވެސް އަވަހާރަކޮށްލައިފައިވާ ކަމަށް އީރާނުގެ މަހްރު ނޫސް އޭޖެންސީ ބުންޏެވެ.
ރޮއެޓާރޒް ބުނާގޮތުގައި އިސްރާއިލުން މިއްޒާ އަވަށުގައި ހުންނަ މި ޢިމާރާތަށް އިސްރާއީލުން ޙަމަލާދީފައިވަނީ ދުރުން އަމާޒު ހިފައިގެން ޙަމަލާދޭ ޒާތުގެ މިސައިލްތަކަކުންނެވެ.
ފަލަސްޠީނުގެ އިސްލާމީ ޖިހާދު ޖަމާޢަތުގެ މަންދޫބު އިސްމާޢީލުއް ސިންދާވީ ސޫރިޔާގެ އަލްވަޠަން ދުވަހު ނޫހަށް ވިދާޅުވިގޮތުގައި އިސްރާއީލުގެ މި ޙަމަލާގައި އެ ޖަމާޢާތުގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. އަދި އެ ޖަމާޢަތުގެ އެއްވެސް އޮފީހަކަށް ވެސް ގެއްލުމެއް ނުލިބެއެވެ.
އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުން ޙަމަލާދިން މި ޢިމާރާތަކީ އެ ޙަރަކާތާ ގުޅުން ހުރި ތަނެއްނޫނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އިސްލާމީ ޖިހާދު ޙަރަކާތުގެ އަމީން ޢާންމު ޒިޔާދުއް ނައްޚާލާ ގަދަވެ ސަލާމަތުން އެބަހުންނެވިއެވެ.
އީރާނުން މިހާރު ވަނީ އިސްރާއީލުގެ މި ޙަމަލާ ކުށްވެރިކޮށްފައެވެ. އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާނު ނާޞިރު ކަންޢާނީ ސިފަކުރެއްވި ގޮތީ "މިއީ ސަރަޙައްދުގައި އަމަންއަމާންކަން ނެތެމުންދާތީ މާޔޫސްވެގެން އިސްރާއީލުން ދިން ޙަމަލާއެކެވެ."
ރޮއެޓާރޒް ބުނިގޮތުގައި އިސްރާއީލުން ޙަމަލާދިން ޢިމާރާތަކީ އީރާނުގެ ޢަސްކަރީ އިސް ބޭފުޅުން އުޅުއްވާ ތަނެކެވެ.
އިސްރާއީލުން މި ޙަމަލާއާ ބެހޭގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެނަސް އިސްރާއީލަކީ ސޫރިޔާގައި ތިއްބަވާ އީރާނުގެ ޢަސްކަރީ ބޭފުޅުން ތިއްބަވާ ތަންތަނަށް ދޭތެރެދޭތެރެއިން ޙަމަލާދެމުންދާ ބައެކެވެ.



advertisment