އިސްރާއީލުގެ ޢަސްކަރީ ޙަމަލާތަކުގެ ސަބަބުން ޣައްޒާގައި ޝިކާރަވެގެންދާ ޢާންމުންގެ ޢަދަދު ހީނުކުރާހާ މިންވަރަށް ގިނަވަމުންދާކަމަށް ވައިޓް ހައުސުން ރޭ ބުނެފިއެވެ. ވައިޓް ހައުސް ބުނިގޮތުގައި އިސްރާއިލުން ދަނީ ޣައްޒާއަށް ދެމުންދާ ޙަމަލާތައް އިތުރަށް ފުޅައުކުރަމުންނެވެ.
އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ވައިޓްހައުސްގެ ތަރްޖަމާނު ޖޯން ކަރބީ ވިދާޅުވި ގޮތުގައި ދެ ދައުލަތުގެ ޙައްލަށް އެމެރިކާއިން ކުރާ މަސައްކަތް ހުއްޓައިނުލައި ކުރިއަށް ގެންދާނެއެވެ. ރިޔާސީ މަތިންދާބޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން އޭނާ ވިދާޅުވިގޮތުގައި މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމުން އެ ސަރަޙައްދު ހިފުމެއް ދެނެއް ނޯންނާނެއެވެ.
އިއްޔެ ހަވީރުގެ ވަގުތެއްގައި ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ކުރި އިޢުލާން ބުނާގޮތުގައި އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން ޣައްޒާއިން ޝަހީދުވި މީހުންގެ ޢަދަދު އިއްޔެ ވަނީ 24،620 އަށް އަރައިފައެވެ. އަދި ޒަޚަމުވި މީހުންގެ ޢަދަދު ވަނީ 62 ހާހަށް އިތުރުވެފައެވެ.
އެމެރިކާގެ ޚާށރިޖިއްޔާގެ ތަރްޖަމާނު މެތިޔު މިލަރ ވިދާޅުވާގޮތުގައި ފަލަސްޠީނު ދައުލަތް ޤާއިމުކުރެވިގެން މެނުވީ އިސްރާއީލާ ކުރިމަތިވެފައިވާ ސަލާމަތީ ގޮންޖެހުންތައް ޙައްލެއް ނުކުރެވޭނެއެވެ. އަދި ޣައްޒާ އާރާސްތެއް ވެސް ނުމެކުރެވޭނެއެވެ. އޭނާ ނޫސްވެރިންނަށް ވިދާޅުވިގޮތުގައި ސަރަޙައްދުގެ ޤައުމުތައް އޮތީ އިސްރާއީލަށް ސަލާމަތީ ޖާމިނުކަން ތަނަވަސްކޮށް ދިނުމަށް ހުޅުވިގަނެގެންނެވެ.
އަނެއްކޮޅުން ފަލަސްޠީން ނޫސް އޭޖެންސީ (ވަފާ) ބުނާގޮތުގައި އިސްރާއީލުން ރޭ ޣައްޒާގެ ހުޅަނގުގައި ހުރި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ބޮންއެޅުމުގެ ސަބަބުން ހަތަރު މީހުން ޝަހީދުވެ އެތައް ބަޔަކު ޒަޚަމުވެއްޖެއެވެ. މީގެއިތުރަށް އިސްރާއީލު ސިފައިން ރޭ ވަނީ ޚާން ޔޫނުސްގެ ޤީޒާނުއް ނައްޖާރު ސަރަޙައްދަށް ހުދު ފޮސްފޯރު ބޮމުން ޙަމަލާދީފައެވެ.އަދި އައްޝަހީދު އަބޫ ޔޫސުފުއްނައްޖާރު ހަސްފަތާލު ވަށައިގެންވާ ސަރަޙައްދުތަކަށް ވަނީ ބޮންއަޅައިފައެވެ. މީގެއިތުރަށް ޤަދީމީ ޣައްޒާގެ ބުރުޖުލް ޢަންތަރަށް ވަނީ ރޮކެޓުން ޙަމަލާދީފައެވެ. ޣައްޒާގެ ތައްލުއްހަވާ އަވަށުގައި ރެފިޔުޖީންނަށް ބޯހިޔާވަހިކަންދޭ އެތައް މަދުރަސާތަކަކަށް ވެސް އިސްރާއީލުގެ މަތިންދާބޯޓުތަކަށް ޙަމަލާތައް ދިނެވެ. އަދި ޚާން ޔޫނުސްގެ އިރުމަތީގައި އޮންނަ ބަނީ ސުހައިލާ ރަށުގައި މީހުން އުޅޭ ސަރަޙއްދަކަށް ވެސް ވަނީ ބޮންއަޅައިފައެވެ.
ޣައްޒާގެ އިންސާނީ ޙާލަތު ނުބައިވުން
އަނެއްކޮޅުން ފިލަސްޠީނުގެ ރެޑް ކްރެސެންޓް ޖަމްޢިއްޔާއިން އިއްޔެ ބުނިގޮތުގައި އިސްރާއީލުގެ ޢުދްވާނާއި ޙިޞާރުގެ ސަބަބުން ޣައްޒާ ސަހަރާއި އުތުރު ޣައްޒާ ސަރަޙައްދުގެ އިންސާނީ ޙާލަތުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެއީ އިސްރާއީލުން މި ސަރަޙައްދުތަކަށް އިންސާނީ އެހީ އެތެރެކުރުން މަނާކުރުމުގެ ސަބަބުންނެވެ.
މި ޖަމްޢިއްޔާ ބުނާގޮތުގައި 800 ހާސް މީހުން ވަނީ ސާފު ބޯފެނުން މަޙްރޫމުވެފައެވެ. ބަނޑުފުރާނަ މުއްތިކޮށްލާނެ ސުވައެއް ނުލިބިފައެވެ. މި ސަރަޙައްދުތަކުގެ ބިނާރުތައް ވަނީ ހަލާކުކޮށް ޚިދްމަތުން ބޭރަށްލައިފައެވެ. މި ސަރަޙައްދުތަކުގައި މި ވަގުތު ކައިލާނެ ރޮށިކޮޅެއް ތަރުކާރީކޮޅެއް ކުޑަކުދިން ބޮއިލާނެ ކިރުފޮދެއް މީހަކަށް ފަރުވާދިނުމަށް ބޭނުންވާ ބޭސްކޮޅެއް ނެތެވެ. ކަރަންޓާއި ތެލާއި އަނދަނައިން މަޙްރޫމުކޮށް މުޅި ސަރަޙައްދު ވަނީ ތަޅުލައި ޖަލަކަށް ހަދައިފައެވެ.



advertisment