ހުޅަނގު އައްސޭރީގައި ކޮންމެ ފަލަސްޠީނު މީހެއްގެ ގަޔަށް ބަނޑިޖަހައި މަރައިލުމަށް އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ހަރުކަށި ދީނީ ވަޒީރު އީތުމާރު ބިން ޣަފީރު ގޮވައިލައިފިއެވެ. މި ކަމަށް ބިން ޣަފީރު ގޮވައިލީ ހުޅަނގު އައްސޭރީގައި އިސްރާއިލު ސިފައިންނާ ރޭ ބައްދަލު ކުރަމުންނެވެ.
"މުޅި އިސްރާއީލު އޮތީ ސިފައިންގެ ފަހަތުގައެވެ. އިސްރާއީލު އެންމެން ސިފައިންނަށް ވާގިވެރިވެއެވެ." އޭނާ ބުންޏެވެ. "އަހުރެންގެ ފަރާތުން ތިޔަބައިމީހުންނަށް ފުރިހަމަ ތާއީދު އެބަ އޮތެވެ. ތިޔަބައިމީހުންނަށް ބިރެއްކަމުގައި ނުވިޔަސް ނިރުބަވެރިއަކު ފެނިއްޖެނަމަ މަޑުނުކޮށް އޭނާ މަރައިލާށެވެ. ފަލަސްޠީނު ކޮންމެ މީހަކީ ނުރައްކަލެއްކަމަށް ބަލާށެވެ. އިސްރާއީލުގެ މުޅި ދައުލަތް އޮތީ ތިޔަބައިމީހުންގެ ފަހަތުގައެވެ. އިސްރާއިލު ދެކެގޮތުގައި ތިޔަބައިމީހުންނަކީ ގަދަ ހިތްވަރާއެކު ނިރުބަވެރިންނާ ހަނގުރާމަ ކުރާ ބައެކެވެ. ތިޔަބައިމީހުންގެ ކުޅަދާނަކަން މަށަށް ވަނީ ފެނިފައެވެ. ސަރަޙައްދީ ފުލުހުންގެ އައްޑަނައަކީ ތިޔަބައިމީހުންނެވެ."
އޮކްޓޫބަރު ހަތެއްގެ ފަހުން އިސްރާއީލުން ވަނީ ހުޅަނގު އައްސޭރިން 367 މީހުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 97 ކުޑަކުދިން ހިމެނެއެވެ. އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ހުޅަނގު އައްސޭރިން ޒަޚަމުވި މީހުންގެ ޢަދަދު މިހާރުވަނީ ހަތަރު ހާހަށް އަރައިފައެވެ. އޭގެ ތެރޭގައި 637 ކުޑަކުދިން ހިމެނެއެވެ.



advertisment