ރަޖަބުމަހާއި ޝަޢުބާންމަހާއި ރަމަޟާންމަހަކީ ޢުމުރާ މޫސުމުގެ ކުންނުކަމަށް ވާތީ މި ތިންމަހުގައި ޢުމްރާވުމަށް ބޭރުން އަންނަ މީހުންނަށް ޚިދްމަތްދިނުމަށް ޓަކައި 270 ކުންފުންޏަކުން ތައްޔާރުވެފައިވާ ކަމަށް ޙައްޖާއި ޢުމްރާއާ ބެހޭ ސައޫދީ ޤައުމީ ކޮމެޓީގެ މެންބަރު ސަޢީދު ބާޙަޝްވާން ވިދާޅުވެއްޖެއެވެ.
ޢަރަބިއްޔާ ނެޓްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ހާމަކުރެއްވި ގޮތުގައި 270 ކުންފުންޏަކުން އޮތީ ޢުމްރާ އަދާކުރުމަށް އަންނަ ރަޙްމާންވަންތަ ރަސްކަލާނގެ މެހެމާނުން ސުޢޫދީ ޢަރަބިއްޔާއަށް އަންނަ ހިސާބުން ފެށިގެން އެމީހުންގެ ޤައުމަށް އެނބުރިދާންދެން އެ މީހުންނަށް ބޭނުންވާ ހުރިހާ ކަމެއް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކަމަރުބަނދެގެންނެވެ. ﷲގެ މެހެމާނުންނަށް ބޭނުންވާ ޚިދްމަތްތައް ރަނގަޅު ފެންވަރުގައި ކުޑަ އަގެއްގައި މި ކުންފުނިތަކުން ކޮށްދޭތޯ ސުޢޫދީ ސަރުކާރުން ބަލަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އެމީހުންނަށް ޢުމްރާގެ މަނާސިކުތައް އަދާކުރުމަށާއި މަދީނާއަށް ކުރާ ޒިޔާރަތް އަމާންކަމާއެކު ކުރުމަށް މި ކުންފުނިތަކުން އެހީވާނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މައްކާއާއި މަދީނާގެ ހޮޓާތައް މިހާރު ވަނީ ޚިދްމަތްތައް ރަގަނޅުކޮށްފައެވެ. ރެސްޓޯރެންޓްތަކާއި މުވާޞަލާތީ ވަސީލަތްތައް ވަނީ އިތުރުވެފައެވެ. އަމާންކަމާއެކު ބާޒާރުވެސް ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި ޢުމްރާވާ މީހުން އެންމެ ގިނައިން އަންނަނީ ތުރްކީއާއި އިންޑޮނޭޝިޔާއާއި މިޞްރާއި ޕާކިސްތާނާއި އުޒްބަކިސްތާނާއި އަޒަރްބައިޖާނާއި މެލޭޝިޔާއާއި އިންޑިޔާއާއި ތޫނިސުންނެވެ.



advertisment