Support Us

ޗައިނާގެ ސިޔާސީ ދައުރު އެފްރިކާގައި އިތުރަށް ހަރުދަނާ ކުރަނީ

ޗައިނާގެ ޚާރިޖީވަޒީރު ވަންގް ޔީ މިހާރު އެފްރިކާގެ ބައެއް ޤައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އަމާޒަކީ ޗައިނާގެ ސިޔާސީ ދައުރު އެފްރިކާގައި އިތުރަށް ހަރުދަނާ ކުރުން ކަމަށް މީޑިޔާތަކުން ބުނެފިއެވެ.

މި މަހުގެ 13 އިން 18 އަށް ކުރައްވާ މި ދަތުރުފުޅުގައި އޭނާ މިޞްރަށާއި ތޫނިސަށާއި ޓޯގޯއަށާއި އައިވަރީ ކޯސްޓަށް ވަޑައިގަންނަވާނެއެވެ. އެފްރިކާއާއި ޢަރަބި ބައެއް ޤައުމުތައް މި އަހަރު ބްރިކްސް ޖަމާޢަތާ އަލަށް ގުޅުމާ ވިދިގެން އެ ޤައުމުތަކާ ޗައިނާއާ ދެމެދުގައިވާ ގުޅުންތައް ވަނީ އައު އުސްމިންތަކަކަށް ވާޞިލުވެފައެވެ.

ޢާންމު ގޮތެއްގައި ޗައިނާގެ ޚާރިޖީވަޒީރަކީ އައު އަހަރު ފެށުމާއެކު އެފްރިކާއަށް ދަތުރުފުޅެއް ކުރައްވާ ބޭފުޅެކެވެ. ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު މައޮ ނިންގް ވިދާޅުވިގޮތުގައި މިއީ ޗައިނާގެ ޚާރިޖީ ވަޒީރުން އެފްރިކާއަށް ކުރައްވާ 34ވަނަ އަހަރީ ދަތުރުފުޅެވެ.

ޗައިނާގެ ރައީސް ޝީ ޖިން ޕިންގް ވަނީ މި ދިޔަ އޮގަސްޓްމަހު ދެކުނު އެފްރިކާއަށް ރަސްމީ ދަތރުފުޅެއް ކުރައްވައިފައެވެ. އެއީ ބްރިކްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޝީ ދެކުނު އެފްރިކާއަށް ކުރެއްވި ދަތުރުފުޅާއެކު ކުރެއްވި ރަސްމީ ޒިޔާރަތެކެވެ. މި ދަތުރުފުޅުގައި ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯޒާ ވަނީ ޗައިނާގެ ރައީސަށް ދެކުނު އެފްރިކާގެ މެޑެލް އަރުއްވައިފައެވެ.

ޗައިނާއިން ރަސްމީކޮށް ބުނާގޮތުގައި މި ދިޔަ އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ބަދަލުކުރެވުނު އެފްރިކާ ޗައިނާ ވިޔަފާރި ވަނީ 7.4% ކުރިއަރައިފައެވެ. އެއީ ގާތްގަނޑަކަށް 160 ބިލިޔަން ޑޮލަރެވެ. ވޭތުވެދިޔަ ދަހަރަށް ބަލާއިރު ޗައިނާއަކީ އެފްރިކާގެ ވިޔަފާރީގެ އެންމެ ބޮޑު ޙިއްސާދާރެވެ.

ވިޔަފާރި ބަދަލުކުރުމާ ބެހޭ ޢަރަބި ޗައިނާ މަޖިލީހުގެ ރައީސް ޢާދިލުލް މުސަލްމާނީ ވިދާޅުވާގޮތުގައި އެފްރިކާގައި ޗައިނާއަށް ލިބިފައިވާ އިޤްތިޞާދީ ދައުރާ އެއްވަރުގެ ސިޔާސީ ދައުރެއް ޙާޞިލު ކުރަން ޗައިނާއިން އެދެއެވެ. ޢަރަބި ސަރަޙައްދުގައި ޗައިނާއަށް މި ދައުރު ކުޅުމަށް ލިބިފައިވާ ފުރްޞަތު ވަރަށް ބޮޑެވެ.

އައްޝަރްޤު ދުވަހުނޫސް ބުނާގޮތުގައި ޗައިނާގެ ޚާރިޖީ ވަޒީރު އެފްރިކާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގެ ސަބަބުން ޗައިނާގެ ސިޔާސީ ދައުރު އެފްރިކާ ބައްރުގައި ފުޅައުވެގެންދާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ޗައިނާއިން އެފްރިކާއާއި ޢަރަބި ދުނިޔޭގައި އިޤްތިޞާދީ ދައުރު ފުޅައުކުރަމުން ދިޔައީ ސިޔާސީ އަދި ޢަސްކަރީ އެއްވެސް ދައުރެއް ނުކުޅެއެވެ. އެހެނަސް އިޤްތިޞާދީ ދައުރު ހަރުދަނާކުރުމަށް ޓަކައި ސިޔާސީ ދައުރެއް ކުޅެން ޖެހޭކަމަށް މިއަދު ޗައިނާ ދެކެއެވެ.

މުސަލްމާނީ ވިދާޅުވިގޮތުގައި ޗައިނާގެ ޢަސްކަރީ ދައުރު ފަށައިފައިވަނީ ޖިބޫތީގައި ޤާއިމުކުރި ޢަސްކަރީ ބޭހުންނެވެ. މި ބޭސް ޗައިނާއިން ޤާއިމު ކުރީ އެ ސަރަޙައްދުގައި އޮތް ޗައިނާގެ އިޤްތިޞާދީ މަޞްލަޙަތު ޙިމާޔަތްކުރުމަށް ޓަކައެވެ. އޭނާ ވިދާޅުވިގޮތުގައި ޗައިނާއަށް މި ސަރަޙައްދުގައި އެމެރިކާއަށްވުރެ މުހިއްމު ދައުރެއް ކުޅެވިދާނެއެވެ. އެއީ ޗައިނާއާއި އީރާނާ ދެމެދުގައި ވާ ސިޔާސީ ގުޅުމުގެ ސަބަބުންނެވެ. އެމެރިކާއަށް މި ދައުރު ވަނީ ގެއްލިފައެވެ.

މިޞްރުގެ ޚާރިޖީވަޒީރުގެ ކުރީގެ އެހީތެރިއެއް ކަމުގައިވާ ޙުސައިން ހުރައިދީ ވިދާޅުވާ ގޮތުގައި ޗައިނާގެ ޑިޕްލޮމާސިއްޔަތު އޮތީ ހުޅުވައިލައިފައެވެ. އެއީ ވަރަށް ޙަރަކާތްތެރި ސިޔާސަތެކެވެ. އީރާން- ސުޢޫދީ ގުޅުންތައް ރަނގަޅުކުރުމުގައި ޗައިނާއިން ކުޅެފައިވާ ދައުރަކީ މި ކަމުގެ ވަރަށް ރަނގަޅު މިސާލެކެވެ. ޗައިނާގެ ސަބަބުން މި ދެ ޤައުމު މިހާރު ވަނީ ޞުލްޙަވެ ރަޙްމަތްތެރިވެ ގުޅުންތައް އައުކޮށްފައެވެ.

އޭނާ ވިދާޅުވާގޮތުގައި ޗައިނާގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅު މިޞްރުން ފެށްޓެވިފެށްޓެވުމުން މެދުއިރުމައްޗާއި އެފްރިކާއާ ބެހޭ ފައިލްތައް ތަރްތީބުކުރުމާއި ވިލަރެސްކުރުމުގައި މިޞްރަށް ދޭ އަހައްމިއްޔަރު ރިވެލިވެގެންދެއެވެ.

އޭނާ އައްޝަރްޤު ދުވަހުނޫހަށް ވިދާޅުވިގޮތުގައި މެދުއިރުމައްޗާއި ގަލްފުގައި ޗައިނާގެ ދައުރު ދަނީ ވަރަށް ބޮޑަށް ފުޅައުވަމުންނެވެ. އީރާން- ސުޢޫދީ އެއްބަސްވުމުގެ ސަބަބުން ޗައިނާގެ ދައުރު ވަނީ މެދުއިރުމައްޗާއި ގަލްފުގައި ވަރަށް ކުރުންތެރި ދައުރަކަށް ވެފައެވެ.

އަހްރާމު މަރްކަޒުގެ ސިޔާސީ ދިރާސާތަކާބެހޭ ބައިނަލްއަޤްވާމީ ޔުނިޓްގެ ވެރިޔާ އަޙްމަދު ޤިންދީލް ވިދާޅުވާގޮތުގައި ޗައިނާގެ ޚާރިޖީ ވަޒީރުގެ އެފްރިކާ ދަތުރުފުޅުގެ މަސައްކަތު ތާވަލަށް ބަލާއިރު އެ ދަތުރުފުޅުގައި ޣައްޒާ ހަނގުރާމަ ފަދަ މުހިއްމު ސިޔާސީ އެތައް ފައިލްތަކެއް ވެއެވެ.އޭނާ ފާހަގަކުރެއްވި ގޮތުގައި ސަލާމަތީ މަޖިލީހުގައި ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓައިލުމަށް ގޮވައިލަމުންދާ އެންމެ ބޮޑު ޤައުމަކީ ޗައިނާއެވެ.

ޗައިނާގެ ސިޔާސީ މުޙައްލިލެއް ކަމުގައިވާ އިލްހާމު ލީ ވިދާޅުވާގޮތުގައި ޗައިނާއަކީ މެދުއިރުމަތީގެ ހުރިހާ ޤައުމުތަކަކާއެކު ބަދަހި ގުޅުމެއް އޮންނަ ޤައުމެކެވެ. އޭނާ ވިދާޅުވިގޮތުގައި ސުޢޫދީ– އީރާން ގުޅުންތައް ރަގަނޅު ކޮށްދިނުމަށް ޗައިނާއިން މުހިއްމު ދައުރެއް ކުޅުނުފަދައިން ޔަމަނުގެ ސަރުކާރާ ޙޫސީންނާ ދެމެދުގައިވާ ގުޅުންތައް ރަގަނޅުކޮށްދިނުމަށް ވެސް ޗައިނާއިން ވަނީ މެދުވެރިއެއްގެ ބައި ކުޅެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *