އިންޑިއާއިން އަބަދުވެސް ދެކެނީ އިންޑިއަން އޯޝަން ނުވަތަ އިންޑިއާ ކަނޑަކީ އިންޑިއާގެ ބެކްޔާޑް (ގޭގެ ފަހަތުގައި އޮންނަ ހުސް ބައި) ކަމަށާއި، މި ކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއާމެދު އިންޑިއާ ދެކެމުން ދިޔައީ ކޮލޯނިއަލް އޯވަލޯޑް ނުވަތަ ރާއްޖެއަށް ވެރިވެގެން ތިބޭ ބޭރުގެ އިސްތިއުމާރީ ބާރެއްގެ ގޮތުގައި ކަމަށާއި، ރާއްޖެ އަކީ އިންޑިއާގެ ސިޔާސީ، އިގުތިސާދީ އަދި ސަގާފީ ބާރު ހިނގަން ޖެހޭ ތަނެއް ކަމަށް އިންޑިއާއިން ދެކޭ ކަމަށް، ޗައިނާގެ ދުވަހު ނޫހެއް ކަމަށްވާ ޗައިނާ ޑެއިލީގެ އެޑިޓަރުގެ ބަހުގައި ބުނެފިއެވެ.
ޗައިނާގައި އެންމެ ފުޅާ ދާއިރާއެއްގައި އިނގިރޭސި ބަހުން ޗައިނާގެ ދައުލަތުން ނެރޭ މި ދުވަހު ނޫހުގެ އިއްޔެގެ އެޑިޓޯރިއަލްގައި ބުނެފައި ވަނީ، އިންޑިއާއިން މި ގޮތަށް ދެކޭތީ މި ހިޔާލާ ރާއްޖެ އިން އެއްބަސްނުވާކަމީ ހައިރާންވާ ކަމެއް ނޫން ކަމަށާއި، ރާއްޖޭގެ މި ނަޒަރިއްޔާތު ހާމަކުރުމުގެ ގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ރާއްޖެ އެދުނީ ކަމަށެވެ.
ޗައިނާ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ނެރޭ ޗައިނާ ޑެއިލީ ނޫހުން ފާހަގަކުރި ގޮތުގައި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އާދީއްތަ ދުވަހު ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އަންނަ މާރިޗު މަހުގެ 15ގެ ކުރިން ރާއްޖެއިން ބޭލުމަށް އިންޑިއާ ކިބައިން އެދިވަޑައިގެންފައެވެ. މި ނިންމެވުން ދިމާވެފައި ވަނީ ރައީސް ޑރ. މުއިއްޒު ޗައިނާ އަށް ކުރެއްވި ކާމިޔާބު ރަސްމީ ދަތުރުފުޅެއް ނިންމަވާލެއްވި ހިސާބުން ކަމަށާއި، މި ނިންމެވުމުގެ ސަބަބުން އިންޑިއާގެ އެތެރޭގައި "ކުޅަނދުރު ހަތައަކަށް ގާ އުކީމާ" ވާ ކަހަލަ މަސްރަހެއް ކުރިމަތިވެފައިވާ ކަމަށާއި، ރައީސް ޑރ. މުއިއްޒުގެ މި ނިންމެވުމަކީ ޗައިނާގެ ބާރުއެޅުމުގެ ސަބަބުން އައިސްފައިވާ ނިންމެވުމެއް ކަމަށް ބައެއް ފަރާތްތަކުން ދެކޭ ކަމަށް ވެސް ޗައިނާ ޑެއިލީގައި ލިޔެފައިވެއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިހާރު ހިނގަމުންދާ ނުތަނަވަސްކަމުގެ ފަހަތުގައި ވަނީ ކޮން ސަބަބުތަކެއްތޯ ކިޔައިދިނުމަށް، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ގާއިމުކޮށްފައިވާ އެން.ޑީ.ޓީ.ވީން ޕްރޮގްރާމެއް ފޮނުވާފައިވާ ކަމަށާއި، އެ ޓީވީ ޗެނަލުން ބުނެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާގެ 88 ސިފައިންނަކީ "ނުރައްކަލެއް ކުރިމަތި ކުރުމަށް ވުރެ މަދު އަދަދެއް" ކަމަށާއި ރާއްޖެއިން އިންޑިއާ ސިފައިން ބާލަން ނިންމުމުގެ ފަހަތުގައި ވަނީ އިންޑިއާގެ ބަދަލުގައި ޗައިނާގެ އަސްކަރިއްޔާ ރާއްޖޭގައި ގާއިމުކުރުން ކަމަށެވެ.
"ނަމަވެސް މިހެން ބުނާ ފަރާތްތަކުން ފާހަގަކޮށްލަން ޖެހޭނެ ކަމަކީ ޑރ. މުއިއްޒު ރާއްޖޭގެ ރައީސް ކަމަށް ހޮވިވަޑައިގަތީ ރާއްޖޭގެ ފަސްގަނޑުގައި އެއްވެސް ބޭރުގެ އަސްކަރިއްޔާއެއް ނުބައިތިއްބާނެ ކަމުގެ ވައުދުފުޅާއެކު" ކަމަށް ޗައިނާ ޑެއިލީން ބުންޏެވެ.
މި ފަދަ ފަރާތްތަކުން އިތުރަށް ބަލައިލަން ޖެހޭނީ ދާދި ފަހުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ލަކްޝަދްވީޕް ޖަޒީރާތަކަށް ޗުއްޓީ ހޭދަ ކުރައްވަމުން ވަޑައިގެން ގޮތުގެ މައުލޫމާތުތައް މީސްމީޑިއާގައި ހިއްސާ ކުރައްވަމުން ދިޔަ ގޮތާއި، މި ކަން ފުޅާ ދާއިރާއެއްގައި މާނަ ކުރެވިފައި ވަނީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އެއްފަރާތްކޮށްލުމަށް އިންޑިއާގެ ޓޫރިސްޓުން ލަކްޝަދްވީޕަށް ޝައުގުވެރިކަން ބަދަލު ކޮށްލެއްވުމަށް ކުރެއްވި ކަމެއް ކަމަށެވެ.

ރާއްޖެއިން އިންޑިއާ ސިފައިން ބާލަން ރައީސް ޑރ. މުއިއްޒު ގޮވާލެއްވި ގޮވާލެއްވުން ދިމާވެފައި ވަނީ އިންޑިއާގެ ފަތުރުވެރިން ރާއްޖެ އަށް ގެއްލުނަސް އެއަކު މައްސަލައެއް ނެތް ކަމަށް އެ މަނިކުފާނު ކަންބޮޑުވެވަޑައިނުގަންނަވާތީ ކަމަށާއި، ރާއްޖެ އަށް މުހިންމު ކަންތައްތަކަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ މަނިކުފާނަށް ޗައިނާ އިން އަރުވާފައިވާ ކަމަށް ޗައިނާ ޑެއިލީން ފާހަގަކުރިއެވެ. މީގެ ތެރޭގައި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ގުޅުންތައް ވަރުގަދަ ކުރުމާއި ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ އާއި ޗައިނާއާ ދެމެދުގައި އެއްބާރުލުން ވަރުގަދަކުރުން ހިމެނޭ ކަމަށްވެސް ޗައިނާ ޑެއިލީން ފާހަގަކުރިއެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމުގެ ސަބަބެއް ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުން ދައްކަނީ 1988 ގައި ރާއްޖެ އަށް ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބު ކޮށްލުމުގައި ދިވެހި ސަރުކާރަށް ވީ އެހީގެ "ތަރިކަ"އެއް ގޮތުގައި ކަމަށާއި، މިހާރު ވެސް އިންޑިއާ ސިފައިން ތިބެނީ ހިއުމެނިޓޭރިއަން އެސިސްޓެންސް (އިންސާނިއްޔަތަށް އެހީތެރިވުމަށް) އަދި ޑިޒާސްޓަރ ރިލީފް (ކާރިސާތަކަށް އެހީއެއް) ފޯރުކޮށްދިނުމުގެ ނިޒާމުގެ ދަށުން ކަމަށެވެ.

"އެކަމަކު އިންސާނިއްޔަތުގެ އެހީތެރިކަމާއި ހަނޑޫ، ތަރުކާރީ އަދި ބޭސް ފަދަ ޒަރޫރީ ތަކެއްޗަށް ރާއްޖެއިން އިންޑިއާ އަށް ބަރޯސާވެފައިވާތީ، މި ކަން ވެފައިވަނީ އިސްތިއުމާރީ ނަޒަރަކުން ރާއްޖެ އާ މެދު އިންޑިއާ ދެކޭ ދެކުމަށް އިތުރަށް ތެޔޮ އެޅުން ކަމަށާއި، މި ކަމުގެ ސަބަބުން 'އިންޑިއާ އައުޓް' ("އިންޑިއާ ބޭރުކުރޭ") ޝިއާރުގެ ޖަޒުބާތީ ރާޅެއްގައި ނޮވެމްބަރު މަހުގެ އިންތިޚާބު ރައީސް ޑރ. މުއިއްޒު ކާމިޔާބު ކުރެއްވީ" ކަމަށް ޗައިނާ ޑެއިލީގައި ބުނެފައިވެއެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް އެއްބާރުލުމުގެ ގުޅުން އިތުރަށް ކުރިއެރުމުން، އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހިންގެ އާމްދަނީ ހޯދާނެ މަގުތައް، ރައީސް ޑރ. މުއިއްޒުގެ ޗައިނާ ދަތުރުފުޅުގެ ސަބަބުން އިތުރަށް ތަނަވަސްވެފައިވާ ކަމަށާއި މި ދަތުރުފުޅުގެ ސަބަބަން ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ފުޅާވަމުން އަންނާނެ ކަމަށާއި، މި ކަމުގެ ނަތީޖާ ވާނީ އިންޑިއާގެ ނުފޫޒު ދަށްކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އިތުރަށް ވަރުގަދަ ކުރުމުގެ ފުރުސަތެއް ކަމަށް، ޗައިނާ ޑެއިލީން ބުންޏެވެ.




advertisment