އިސްރާއީލުން އުތުރު ޣައްޒާއަށް ދެމުންދިޔަ ޙަމަލާތައް ނިމިއްޖެ ކަމަށާއި ދުކުނު ޣައްޒާއަށް ދެމުންދާ ޙަމަލާތައް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު ޔޫއާފް ގެލެންޓް ބުނެފިއެވެ.
މި ކަން އޭނާ އިޢުލާންކުރަމުން ބުނިގޮތުގައި ޣައްޒާގައި އޮތް އިސްރާއީލު ލަޝްކަރުގެ ޑޫވްޑަން ޔުނިޓް ވަނީ ހުޅަނގު އައްސޭރިއަށް އިޢާދަކޮށްފައެވެ. އަދި ގޯލާނީ ބްރިގޭޑްގައި ހިމެނޭ 36 ވަނަ ފައުޖު ވަނީ ޣައްޒާއިން ބާލައިފައެވެ.
ޣައްޒާ ހަނގުރާމައަށް 100 ދުވަސް ފުރުމުގެ މުނަސަބަތާ ގުޅިގެން ގެލެންޓް ނޫސްވެރިންނަށް ހާމަކުރިގޮތުގައި ޣައްޒާ ހަނގުރާމަ ފެށިއިރު އޭނާ ހުށައެޅި ރޭވުމުގައި އެއްގަމު ޙަމަލާތައް ތިން މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް ބުނެފައިވާނެއެވެ. ޣައްޒާގެ އުތުރުގައި މި ޙަމަލާތައް ވަނީ ނިމިފައެވެ.
އޭނާ ބުނިގޮތުގައި ދެކުނު ޣައްޒާގައި އިސްރާއީލު ސިފައިން ދެމުންދާ ޙަމަލާތައް ވަރަށް އަވަހަށް ނިންމައިލެވޭނެއެވެ. ދެން އޮންނާނީ ހަނގުރާމައިގެ ފަހުގެ މަރްޙަލާއެވެ. މި މަރްޙަލާގެ ކަންތައްތަކާ ބެހޭގޮތުން ގެލެންޓް މާ ބޮޑު ތަފްޞީލުތަކެއް ނުދެއެވެ.
އޭނާ ބުނިގޮތުގައި އިސްރާއީލު ސިފައިން މިހާރު ވަނީ ޙަމާސްގެ ޢަސްކަރީ ބާރު ރޫޅައިލައިފައެވެ. މިހާރުގެ މަސައްކަތަކީ ޙަމާސްގެ ޢަސްކަރީ ޞިނާޢަތްތައް ހަލާކުކޮށް ނައްތައިލުމެވެ.
އޭނާ ބުނިގޮތުގައި ޚާން ޔޫނުސާއި ރަފަޙާ ދެމެދުގައި ކުރަން ޖެހޭ މަސައްކަތްތަކެއް އެބަ ހުއްޓެވެ. އެއީ ބިންމަތީގައްޔާއި ބިމު އަޑީގައި ކުރަންޖެހޭ ކަންތައްތަކެއް ކަމަށް ވެސް ގެލެންޓް ބުންޏެވެ.
އޭނާ ބުނިގޮތުގައި ޣައްޒާގައި އުޅޭނީ ފަލަސްޠީނު މީހުންނެވެ. ކުރިމަގުގައި އެތާނގައި ވެރިކަން ކުރާނީ ފަލަސްޠީނީންނެވެ. އޭނާ ހާމަކުރި ގޮތުގައި ކުރިމަގުގައި ވެސް ޣައްޒާގައި ވެރިކަންކުރާނީ ޣައްޒާ މީހުންނެވެ. އެހެނަސް އެއީ އިސްރާއީލާ އަދާވަތްތެރި ބާރަކަށް ނުވާނެއެވެ.
އަސީރުންނާ ބެހޭގޮތުން ގެލެންޓް ބުނިގޮތުގައި އެ މަސްއަލަ ޙައްލު ކުރެވޭނީ ބާރުވެރި މަރްކަޒެއްގައި އޮވެގެންނެވެ. ހަނގުރާމަ ހުއްޓިއްޖެނަމަ އެ މަސްއަލަ ޙައްލު ކުރެވޭނެއެވެ. އެމީހުން ޙަމާސްގެ ބާރުގެ ދަށުގައި އަހަރުތަކެއް ވަންދެން ދެމިތިބޭނެއެވެ.
އޭނާ ބުނިގޮތުގައި 2024 ވަނައަހަރު ވަނީ ހަނގުރާމައިގެ އަހަރަކަށެވެ.
އޭނާ ބުނިގޮތުގައި ޢަސްކަރީ ޢަމަލުތަކުގެ ދަށުން އެއްވެސް އަސީރަކު މިނިވަންކުރެވިފައެއް ނުވެއެވެ. ހަނގުރާމައިގެ ބައެއް ޢަމަލުތަކުގެ ސަބަބުން އަސީރުންގެ ބަޔަކު މަރުވެފައިވާ ކަމަށް ވެސް އޭނަ ހާމަކުރިއެވެ. ޙަމާސާއެކު އަސީރުން ބަދަލުކުރުމުގެ ޑީލުގެ ދަށުން 110 އަސީރަކު މިނިވަންކުރެވިފައިވާކަމަށް ވެސް އޭނަ ބުންޏެވެ.



advertisment