އިސްރާއީލުގެ ޢަސްކަރިއްޔާއިން ލަފާކުރިވަރަށްވުރެ ޙަމާސުން ޣައްޒާގެ ބިމުއަޑީގައި ހަދައިފައިވާ ބިންގަރާސްތައް މާ ގިނަ ކަމަށާއި އެއީ ބޮޑު ވިއުގައެއް ކަމަށް އިސްރާއީލުގެ ދުވަހުނޫސް ބަދީޢޫތު އަޙްރަނޫތު ބުނެފިއެވެ.
މި ނޫސް ބުނާގޮތުގައި މި ކަންވެގެން ދިޔައީ އިސްރާއިލު ސިފައިންނަށް ލިބުނު ވަރަށް ބޮޑު ސިހުމަކަށެވެ. މި ބިންގަރާސްތަކުގެ ޢަދަދު އިސްރާއީލު ސިފައިންގެ އިސްވާރުން ލަފާކުރިވަރަށްވުރެ 600% ގިނައެވެ.
މި ހުސްވި ޑިސެންބަރުމަހު 17 ގައި އުތުރު ޣައްޒާއިން ހަތަރު ކީލޯމީޓަރުގެ ދިގު ބިންގަރާސް މަގެއް އިސްރާއީލު ސިފައިން ހޯދައިފައިވެއެވެ. މި މަގު އޮތީ ޣައްޒާ ފަށަލައިގެ ތެރޭގައި ބިނާކޮށްފައިވާ ޔަހޫދީ އާބާދީތަކަށް ދެވޭ ގޮތަށެވެ. މި ބިންގަރާސް ފެނުމުން އިސްރާއީލު ސިފައިން އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ބުނެ ފޮނިކެނޑިއެވެ. އެހެނަސް އިސްރާއީލު ސިފައިންނަށް މި ތަން މި ފެނުނީ ޣައްޒާ ހަނގުރާމައަށް 60 ދުވަސްވީ ފަހުންނެވެ.
ޙަމާސްގެ ޢަސްކަރީ ފިޔަ ޤައްސާމު ފައުޖުން ބުނިގޮތުގައި އިސްރާއީލު ސިފައިންނަށް މި ހިސާބަށް މި އާދެވުނީ ވަގުތު ފާއިތުވި ފަހުންނެވެ. ޤައްސާމުން ބުނިގޮތުގައި އެ މަގު ބިނާކުރީ އަޤްޞާ ޠޫފާނަށް ޓަކައެވެ.
އިސްރާއީލުން ޣައްޒާއަށް އަރައި ދެމުންދާ ޙަމަލާތަކުގެ އެއް ބޭނުމަކީ ޣައްޒާގައި ޙަމާސުން ހަދައިފައިވާ އެތައް ކީލޯމީޓަރުތަކެއްގެ ބިންގަރާސްތައް ހަލާކުކޮށްލުމެވެ. ނުވަތަ ބޭނުންނުކުރެވޭގޮތަށް އެ ތަންތަނަށް ހަލާކުކޮށްލުމެވެ.
މި ނޫސް ބުނާގޮތުގައި އިސްރާއީލުގެ ސަލާމަތީ ބާރުތައް ދެކޭގޮތުގައި ޣައްޒާގެ ބިމުއަޑީގައި ޙަމާސުން ދުއިސައްތައެއްހާ ކީލޯގެ ބިންގަރާސްތައް ހަދައިފައިވެއެވެ. އަދި 2020ގެ ކުރިން އެއްވެސް ބިންގަރާހެއް ނެތެވެ. އެހެނަސް މިއީ ކުށެއްކަން އިސްރާއީލުން މިހާރު އެބަ ބުނެއެވެ.
ބިންގަރާސް ހަނގުރާމަ
އިސްރާއީލު ސިފައިން ޣައްޒާއަށް އަރައި ދެމުންދާ ހަނގުރާމައިގައި އެމީހުންނާ ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ ޣައްޒާގެ ބިންގަރާސްތަކެވެ. އިސްރާއީލު ސިފައިން މި ތަންތަން ހޯދުމަށް ޓަކައި ބޭނުންކުރަމުންދަނީ އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރުތަކާއި ވަސީލަތްތަކާއި ހުނަރުތަކެވެ. އެއްގަމާއި ކަނޑައި ވައިގެ ބާރުތައް ބޭނުންކޮށްގެންނެވެ.
ބިންގަރާހެއް އޮތް ހިސާބެއްކަމަށް ޝައްކު ކުރެވިއްޖެނަމަ އެ މަގެއް އެކަށް ހަލާކުކޮށް ފުނޑުފުނޑުކޮށްލައެވެ.
ޙަމާސުން ބިނާކޮށްފައިވާ ބިންގަރާސްތައް ބޯހިޔާވަހިކަމުގެ ބިންގަރާހަށާއި ދިފާޢީ ބިންގަރާހަށާއި ޙަމަލާދޭ ބިންގަރާހަށާއި މަދަދު ގެނެސްދޭ ބިންގަރާހަށާއި އަމުރުވެރިކަން ހިންގުމުގެ ބިންގަރާސްތަކަށް ބެހެއެވެ. އަދި ބައެއް ބިންގަރާސްތައް އަނދަވަޅުގެ ގޮތުގައި ދުޝްމަނުން ދަންތުރައިގައި ޖައްސަން ވެސް ހަދައިފައެވެއެވެ. މިއީ ޙަޤީޤަތުގައި ބިންގަރާހެއްނޫނެވެ. އެއީ ބިންގަރާހެއް ކަމަށް ދައްކައިދޭ ބިންގަރާސް އަނގަމަތިތަކެކެވެ. ޣައްޒާގެ އުތުރުގައްޔާއި ދެކުނުގައި އިސްރާއީލު ސިފައިންގެ އެތައް ބަޔަކު ވަނީ މި އަނދަވަޅުތަކެއް ވެއްޓި ޝިކާރަވެފައި ވެއެވެ.



advertisment