Support Us

ޙަމާސާއި އިސްރާއީލު ބޭސް ޑީލެއް ހަދައިފި

ފަލަސްޠީނުގެ މުޤާވަމާ ޖަމާޢަތްތަކާއި އިސްރާއީލާ ދެމެދުގައި މިއަދު ބޭސް ޑީލެއް ހަދައިފިއެވެ. މި ޑީލް ހަދައިފައިވަނީ ޤަޠަރު މެދުވެރިވެގެންނެވެ. 

މި އެއްބަސްވުމުގެ ދަށުން ޣައްޒާގައި މުޤާވަމާގެ ބާރުގެ ދަށުގައި ތިބި އިސްރާއީލުގެ އަސީރުންނަށް ފަރުވާދިނުމަށް ބޭނުންވާ 150 ބާވަތެއްގެ ބޭސް ޣައްޒާއަށް އެތެރެކުރުމުގެ ހުއްދަ މުޤާވަމާއިން ދޭނެއެވެ. އޭގެ ބަދަލުގައި އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޒަޚަމުވެފައިވާ ފަލަސްޠީނުގެ ޒަޚަމީންނަށް ބޭނުންވާ ބޭސްވެސް ޣައްޒާއަށް އެތެރެ ކުރެވޭނެއެވެ. 

މި އެއްބަސްވުން ބުނާގޮތުގައި އިސްރާއީލުގެ އަސީރުންނަށް ފޯރުކޮށްދެވޭ ކޮންމެ ބޭސް ފޮށްޓަކަށް ފަލަސްޠީނުގެ 1000 ޒަޚަމީންނަށް ފަރުވާކުރެވޭނެމަގު ހުޅުވިގެންދާނެއެވެ. 

ޚަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުގައި ފަރަންސޭސިވިލާތުން  ގަނެފައިވާ ބޭސްތައް ޣައްޒާއަށް އެތެރެކުރެވޭނީ ޤަޠަރުގެ ބެލެހެއްޓުމުގެ ދަށުން ބައިނަލްއަޤްވާމީ ރެޑް ކްރެސެންޓް ކޮމެޓީ މެދުވެރިވެރިގެންނެވެ. 

މި ޚަބަރުތައް ބުނާގޮތުގައި މި ބޭސްތައް ބަލައިގަތުމާއި ޣައްޒާއަށް ވެއްދުމާއި އިސްރާއީލުގެ އަސީރުންނަށް މި ބޭސް ފޯރުކޮށްދެވޭނީ ފަލަސްޠީނުގެ މުޤާވަމާއިން ކަނޑައަޅައިފައިވާ އާލިއްޔަތަކާއި އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

ޙަމާސްގެ އިސް މަސްއޫލުވެރިއެއް ކަމުގައިވާ އުސާމާ ޙަމްދާން ރޭ ވިދާޅުވިގޮތުގައި އިސްރާއީލުގެ އަސީރުންނަށް ބޭނުންވާ ބޭސް ފޮނުވުމާބެހޭގޮތުން އިސްރާއީލުން ވަނީ ހުށައެޅުމެއް ހުށައަޅައިފައެވެ. އޭނާ ނޫސްވެރިންނަށް ހާމަކުރެއްވި ގޮތުގައި "ޣައްޒާއަށް ބޭސް ފޮނުވުމުގައި  ޤަޠަރުން ނެގި އިސްނެގުމަށް ޣައްޒާ ޝުކްރު އަދާކުރެއެވެ. އަހުރެމެންނަށް ތަނަވަސްކޮށްދެވޭ ބޭހުން އަސީރުންނަށް ފަރުވާ ދޭނަމެވެ."

އަނެއްކޮޅުން އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ހޮނިހިރު ވިލޭރޭ ނެރުނު ބަޔާނެއް ބުނާގޮތުގައި ޤަޠަރު މެދުވެރިވެގެން އަސީރުންނަށް ފަރުވާދިނުމާ ބެހޭ އެއްބަސްވުމަކަށް މިހާރު ވަނީ އާދެވިފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އަސީރުންނާ ހަމައަށް މި ބޭސް ފޯރުކޮށްދެވޭނެއެވެ.

އިސްރާއީލު ބުނާގޮތުގައި ޣައްޒާގައި އިސްރާއީލުގެ 137 އަސީރުން ހިފަހައްޓައިފައި އެބަ ތިއްބެވެ. 

ޙަމާސުން ބުނާގޮތުގައި އިސްރާއީލުގެ އަސީރުން ދޫކޮށްލެވޭނީ ޣައްޒާ ހަނގުޜާމަ ހުއްޓައިލައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ އެންމެން ދުކޮށްލުމުންނެވެ.  

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް