އިސްރާއީލުގެ ބޮޑުވަޒީރުކަމުން ނަތަންޔާހޫ އިސްތިޢުފާދިނުމަށާއި އިސްރާއީލުގެ އަސީރުން މިނިވަންކޮށްގެން ސަލާމަތުން ރަށަށް ގެނައުމަށް ގޮވައިލާ ބޮޑު މުޒާހަރާއެއް ރޭ އިސްރާއީލުގައި ބާއްވައިފިއެވެ.
މި މުޒާހަރާގެ ބައިވެރިން އިސްރާއީލުގެ ބޮޑު މަގެއް ބަންދުކުރުމުން ފުލުހުން މި މުޒާހަރާ ހުއްޓުވުމަށް މަސައްކަތްކުރިއެވެ. މީގެ އިތުރަށް އިސްރާއީލުގެ ޙައިފާގައި ވެސް ރޭ މުޒާހަރާކޮށް ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލިއެވެ.
އިސްރާއީލުގެ ޢިބްރީ މީޑިއާތައް ބުނިގޮތުގައި ނަތަންޔާހޫގެ ސަރުކާރު ޣައްޒާ ހަނގުރާމައިގައި ފޭލްވެފައިވާކަމަށް މުޒާހަރާގެ ބައިވެރިން ގޮވިއެވެ.
އިސްރާއީލުގެ ޗެނެލް 12 ބުނިގޮތުގައި މުޒާހަރާގެ ބައިވެރިން ބަންދުކުރީ އަޔާލޫން މަގެވެ. މި މަގު ބަންދުކުރުމުގެ ކުށުގައި އަށް މީހުން ބަންދުކުރިއެވެ.
މި މަގުގައި ބޭއްވި މުޒާހަރާއާ ހަމަ އެއް ވަގުތެއްގައި ތައްލު އަބީބުގެ މެދުތެރޭގައި ވެސް ރޭ މުޒާހަރާއެއް ބޭއްވިއެވެ. މި މުޒާހަރާގެ ބައިވެރިން ސަރުކާރަށް ގޮވައިލީ އަސީރުން މިނިވަންކޮށްގެން އަވަހަށް ރަށަށް ގެނެސް ހަނގުރާމަ ހުއްޓައިލުމަށެވެ.
ތައްލު އަބީބުގެ މުޒާހަރާތަކާ ހަމަ އެއްވަގުތެއްގައި ޙައިފާގައި ވެސް އެތައް ސަތޭކަ ބަޔަކު މުޒާހަރާކުރިއެވެ. މި މުޒާހަރާގެ ބައިވެރިން ނަތަންޔާހޫގެ އިސްތިޢުފާއަށް ގޮވައިލިއެވެ. މި މީހުން ބުނިގޮތުގައި ޣައްޒާ ހަނގުރާމައިގައި ސަރުކާރު ވަނީ ފޭލްވެފައެވެ.
ޙަމާސުން އިއްޔެ ބުނިގޮތުގައި އިސްރާއީލުގެ ހަތަރު އަސީރަކު ބެލެހެއްޓުމާ ހަވާލުކޮށްފައިވާ ޤައްސާމުގެ ހަތައާ މިހާރު ގުޅުމެއް ނެތެވެ. މި ހަތަރު އަސީރުންނަށް ވީ ގޮތެއް ނޭނގެއެވެ.
ޤަޠަރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލު ޘާނީ މި ދިޔަ އާދިއްތަ ދުވަހު ހާމަކުރެއްވި ގޮތުގައި ހަނގުރާމަ ހުއްޓުމާބެހޭ ވާހަކަދެއްކުންތައް ކުރިއަށް އެބަދެއެވެ. އެހެނަސް ގޮންޖެހުންތައް ވަރަށް ގިނައެވެ.
ޙަމާސްގެ އިސް އިސްވާރަކު އިސްރާއީލުން އަވަހާރަކޮށްލުމާ ވިދިގެން ޙަމާސުން ވަނީ އަސީރުން ބަދަލުކުރުން ހުއްޓައިލައިފައެވެ. ޙަމާސުން ބުނާގޮތުގައި އަސީރުންނާބެހޭ ވާހަކަދެއްކުންތައް ބޭއްވޭނީ ހަނގުރާމަ ހުއްޓައިލީމައެވެ. އިސްރާއީލު ބުނާގޮތުގައި އިސްރާއީލުގެ 137 އަސީރުން ޙަމާސުން ހިފަހައްޓައިފައި އެބަ ތިއްބެވެ.



advertisment