މާލެ ސިޓީގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އިދިކޮޅު އެމް.ޑީ.ޕީގެ ކެންޑިޑޭޓް އާދަމް ޢާޒިމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ފޯނުން ގުޅުއްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށް މާލޭ މޭޔަރުކަމުން އިސްތިއުފާ ދެއްވި ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، މާލެ ސިޓީ ކައުންސިލަށާއި އަދި މާލެ ސިޓީގެ މޭޔަރަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަމުގައި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މާލެ ސިޓީ ކައުންސިލުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަދި ސަރުކާރުގެ މަސައްކަތްތަކުގައި މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނޭ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭގެ އާ މޭޔަރު ހޮވުމަށް ވޯޓުލުން އޮތީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00އާ ހަމައަށެވެ. މިއަދުގެ ވޯޓުގައި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި 55 ވޯޓު ފޮށި ބެހެއްޓިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި މިއަދުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އާޒިމަށް ވަނީ 7،621 ވޯޓު ލިބިފަ އެވެ. އޭނާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯ އެވެ.
އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ރައީސް ޑރ. މުއިއްޒުގެ ޕީއެންސީގެ އާޒިމާ ޝުކޫރަށް ލިބިވަޑައިގަތީ 5،301 ވޯޓެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާ މެމްބަރު މުހައްމަދު ސައިފް ފާތިހަށް ލިބިވަޑައިގަތީ 2،343 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ޕޮލިސް ކޮމިޝަނާ ހުސެއިން ވަހީދަށް 1،888 ވޯޓު އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އަލީ ޝުއައިބު އަށް ލިބިވަޑައިގަތީ 125 ވޯޓެވެ.
ޖުމްލަ 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު މިއަދު ވޯޓު ލީ 17،410 މީހުންނެވެ. ވޯޓު ލީ މީހުންގެ އިންސައްތައަކީ 31.84 އެވެ. އަދި 402 ވޯޓު ވަނީ ބާތިލްވެފައެވެ.

މާލެ ސިޓީގެ މުނިސިޕަލް ހުރިހާ ކަމެއް ހިންގުމުގެ ބާރު މާލެ ސިޓީ ކައުންސިލަށް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. ރިޔާސީ ދައުރުގެ ފުރަތަމަ 14 ހަފުތާގެ މަސައްކަތްތަކުގެ ތެރޭގައި ތާވަލުކުރައްވައިގެން، ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ޚިދުމަތެއް ދިނުން މާލެ ސިޓީ ކައުންސިލާ ޙަވާލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށްޓަވާފައެވެ. އަދި މާލެ ސިޓީގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ބިޔަ މަޝްރޫޢެއް ސަރުކާރުން ފަށްޓަވައި އެ މަޝްރޫޢު ހަގީގަތަކަށް ހެދުމަށް ބޭނުންވާނެ މައިގަނޑު ވަސީލަތްތަކާއި ފައިސާގެ އެހީތެރިކަން ހޯދޭނެ ގޮތްތައް ސަރުކާރުން މިހާރުވަނީ ފަހިކުރައްވާފައެވެ. އަދި މާލޭގެ ހުރިހާ މަގުތައް އަލުން ހަދައި، ފެންހިންދާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާނެ ފައިސާގެ އެހީ ޗައިނާއިން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން އެ ޤަައުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވަނީ ހޯއްދަވައިފައެވެ.
މާލެ ސިޓީގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަޝްރޫޢުގެ ތެރޭގައި ހިމަނުއްވައިގެން، ގެދޮރު އިމާރާތްކުރުމާއި ފްލެޓް ގަތުމަށް ބޭނުންވާނެ ފައިސާ، ކުޑަ އިންޓަރެސްޓެއްގައި ލުއި ލޯނުގެ ގޮތުގައި ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު ދަނީ ކުރިއަށް ގެންދަވަމުންނެވެ.



advertisment