އެމެރިކާއާއި އެމެރިކާގެ ބައިވެރިން ރޭ ފަތިހު ޔަމަނުގެ ވެރިރަށް ޞަންޢާއަށް ވައިގެ އައު ޙަމަލާތަކެއް ދީފިކަމަށް ޙޫސީ ޖަމާޢަތުގެ ޓީވީ އަލްމަސީރާ ޗެނެލް ބުނެފިއެވެ.
އެކްސް މަންސާ މެދުވެރިކޮށް ޔަމަނުގެ މި ޗެނެލުން ދުރަށް ދެއްކި ކުއްލި ޚަބަރެއް ބުނާގޮތުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ ދުޝްމަނުން ވެރިރަށް ޞަންޢާގެ އެތައް ތަނަކަށް ވައިގެ ޙަމަލާތަކެއް ދީފިއެވެ. މި ޗެނެލް ބުނިގޮތުގައި މި ޙަމަލާގެ އަމާޒަކީ ދައިލަމީ ބޭހެވެ. މި ޗެނެލުން އިތުރު ތަފްޞީލެއް ނުދެއެވެ.
އެމެރިކާ ސިފައިންގެ މަރްކަޒީ އިދާރާ (ސެންޓްކޮމް) ބުނާގޮތުގައި އެމެރިކާއިން ރޭ ފަތިހު ޙަމަލާދިނީ ޔަމަނުގައި ހުރި ހޫސީންގެ ރާޑަރުތަކަކަށެވެ. ސެންޓްކޮމުން ބުނިގޮތުގައި މި ޙަމަލާދިނީ ޓޮމާހޯކް މިސައިލް ބޭނުންކޮށްގެންނެވެ. މި ޙަމަލާއަކީ ހުކުރު ދުވަހު ދިން ޙަމަލާއާ ގުޅިގެން ދިން މުރާޖާ ޙަމަލާއެކެވެ.އެމެރިކާ ބުނާގޮތުގައި މި ޙަމަލާތަކުގެ ބޭނުމަކީ ޙޫސީންގެ ބާރުތައް ނިކަމެތިކުރުމެވެ.
ވައިޓް ހައުސްއިން ރޭ ނެރުނު 10 ޤައުމުގެ ގުޅިފައިވާ ބަޔާން ބުނާގޮތުގައި ރަތްކަނޑުގައި ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ޙޫސީން ޙަމަލާދެމުންދާތި އެ ކަން ހުއްޓުވުމަށް ޓަކައި އެމެރިކާއާއި އިނގިރޭސިވިލާތުގެ ޢަސްކަރީ ބަރުތަކުން ޙޫސިންގެ ބާރުތަކަށް ޙަމަލާތައް ދިނީއެވެ.
ވައިޓްހައުސްއިން ނެރުނު ބަޔާން ނެރެފައިވަނީ އެމެރިކާއާއި އިނގިރޭސިވިލާތާއި ބަޙްރައިނާއި ކެނެޑާއާއި ޑެންމާރކާއި ޖަރްމަނާއި ހޮލެންޑާއި ނިވްޒީލެންޑާއި ދެކުނު ކޮރެޔާ ސަރުކާރުގެ ނަމުގައެވެ.
މި ޙަމަލާއާ ވިދިގެން ޙޫސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މިއަދަށްފަހު އެމެރިކާއާއި އިނގިރޭސިވިލާތުގެ ލަނޑުދަނޑިތަކަކީ ޙަމަލާދިނުން ޖާއިޒު ލަނޑުދަނޑިތަކެކެވެ.
ރަތްކަނޑުގައި ދަތުރުކުރާ އިސްރާއީލުގެ އުޅަނދުތަކަށާއި އިސްރާއީލުގެ ދިދަނަގައިގެން ދަތުރުކުރާ އުޅަނދުތަކަށާއި އިސްރާއިލަށް މުދާހިފައިގެން ދަތުރުކުރާ އުޅަނދުތަކަށް ޙޫސީން ހުރަސްއަޅަން ފެށީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި ޣައްޒާއާއެކު އެއްބާރުލުން ހާމަކުރުމަށް ޓަކައެވެ.



advertisment