...

Support Us

ކޮލަމް: ގުންޑޮޅި

ކޮލަމް ގުންޑޮޅި: މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަނީ ކީއްކުރަން؟

މި ދިވެހި ޤައުމުގައި އަދުލު އިންސާފު ޤާއިމް ނުކުރެވުމާއި "ޖަންގަލީގެ ޤާނޫނު"ން ކަންކަން ވަމުންދާ ދިއުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އެހެން ވާން މެދުވެރި ވަނީ ކީއްވެތޯއާއި ސަބަބަކީ ކޮބައިތޯ ބަލައި ހައްލު ހޯދާންޖެހެއެވެ. ކަމުގެ ހައްލު ހޯދުމަށް ފީނާއިރު ފެނިގެންދަނީ ޤާނޫނުތަކުގެ ދޯހަޅިކަމެވެ. ޤާނޫނެއް ހެދިފައި ވާނަމަ، އެ ޤާނޫނެއް އައިސްފައިވަނީ ކޮންމެވެސް ބަޔަކަށް އަމާޒުކޮށް އެބަޔަކު އޮބިއެޅުވުމަށްކަމެވެ. ނޫންނަމަ ވަކި ދުވަސްވަރެއްގެ "ސިޔާސީ މަޝްރަހު" އޮތްގޮތަކުން އެކަމުގައި މަރުތަޅު އެޅުވުމަށެވެ. މައްސަލަ އަންނަނީ މި ހިސާބުންނެވެ. މައްސަލައިގެ ޙައްލު ހޯދޭނެ ބަޔަކަށް ތިބީ ވެސް ހަމަ އެ "މަޖިލީހުގަ" އެވެ. ރައްޔިތުން ތަމްސީލުކުރާ "ރައްޔިތުންގެ މަޖިލީސް" ހަރުދަނާ ވާންވީ އަދި ޒިންމާދާރު ވާންވީ މިސަބަބުތަކާ ހުރެއެވެ.

ލަސްތަކެއް ނުވެ ދެން ކުރިމަތީ އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. ފަސް އަހަރުގެ ދައުރަކަށް އިންތިހާބު ކުރެވޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އަހަރުގެ މާޗު 17 ވަނަ ދުވަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިޢްލާންކޮށްފައެވެ. އަދި މި އިންތިޚާބަށް ވާދަކުރުމުގެ ފުރުސަތު މި ހިނގާ ޖެނުއަރީމަހުގެ 30 ވަނަ ދުވަހު ހުޅުވާލާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކޮށްފައެވެ. މި އިންތިޚާބަށް މިހާރުވެސް ބައެއް ބޭފުޅުން ކުރިމަތިލައްވާނެކަން އިޢްލާން ކުރައްވައި ކެމްޕެއިން ކުރައްވަމުންދާތަން ފެންނަމުން އެބަދެއެވެ.

މަޖިލީހުގެ މެންބަރަކަށް ވުމުން ލިބޭ މުސާރަ ވަރަށް ބޮޑެވެ. ލިބޭ އިމްތިޔާޒުތަކާއި އިނާޔަތްތައްވެސް އެހާމެ ރަނގަޅެވެ. މެމްބަރުކަމުގެ ދައުރެއް ނިމުމަށްފަހުވެސް ދައުލަތުން އިނާޔަތްތަކެއް ލިބިލިބި ހުރެއެވެ. ތާއަބަދަށެވެ. ދާއިމަށެވެ. ފަހުގެ ތާރީޚަށް ބަލައިލާއިރު މަޖްލީހުގެ މެމްބަރުކަން ކޮށްފައިވާ ބޭބޭފުޅުންގެ މުއްސަނދިކަން ފެނިގެން ގޮސްފައިވަނީ ވަރަށް ތިޔާގިކޮށެވެ. ބިންވެރިންނަށް ވިއެވެ. ބޮޑެތި ވިޔަފާރިވެރިންނަށް ވިއެވެ. ރިސޯޓު ޝެއަރހޯލްޑަރުންނަށް އަދި އޯނަރުންނަށް ވިއެވެ. އެހެންކަމުން މަޖިލީހުން ގޮނޑިއެއް ހޯދުމަކީ، އަމިއްލަ ދިރިއުޅުން ކޮޅަށް ޖަހާލައި މިލްކިއްޔާތު ތަނަވަސްކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައިވެސް ވަނީ ބެލެވެން ފަށައިފައެވެ.

މަޖިލީހުގެ މެމްބަރަކަށް ވުމަށް މާކަ ބޮޑު ޝަރުތުތަކެއް ކަނޑައަޅާފައި ނެތުމާއެކު، ބޮޑެތި މަހުޖަނުންނާއި ވިޔަފާރިވެރިންގެ އިތުރުން ފިލްމުސްޓާރުން، ޓިކްޓޮ-ސްޓާރުން އަދި އެނޫންވެސް މަޝްހޫރު އަދި މަޝްހޫރު ނޫން ފަރާތްތަކުންވެސް މަޖިލީހަށް ކުރިމަތިލާތަން ފެނެއެވެ. މެމްބަރުކަމަށް ކުރިމަތިލައި ކެމްޕެއިން ކުރައްވަމުން ޒާތްޒާތުގެ މުބާތްރާތްތައް ޒުވާނުންނަށް ބާއްވައިދޭނެ ކަމުގައި ބުނެ ވަޢުދުވެއެވެ. ފުޓްސެލް ދަނޑާއި ވޮލީ ކޯޓް އަޅާނެކަމަށް ބުނެ ވަޢުދުވެއެވެ. އަދިވެސް ތަފާތު ގިނަ ވަޢުދުތަކެއް ހާމަކުރަމުން މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް މަސައްކަތް ކުރާ ކުރުމަކީ، އެއީ މަޖިލީހުގެ މެންޑޭޓްތޯ ނުވަތަ މަސައްކަތްތޯ ވިސްނާންޖެހެއެވެ. ރައްޔިތުމީހާގެ ޒިންމާއަކީ ވޯޓުދިނުމުގައި މަޖްލީހުގެ މަސައްކަތް ކުރެވޭނެ ޤާބިލު މީހަކު އިޚްތިޔާރުކުރުމެވެ. ވޯޓުދިނުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ޒިންމާއަކީ އަދި މަސްއޫލިއްޔަތަކީ އެންމެހާ ރައްޔިތުންގެ މައްޗަށް ކަންކަން އިންތިޒާމްވެގެންދާ ގޮތުގެ މަތީން ޤާނޫނުތައް ހެދުމެވެ. އެގޮތުން ހެދޭ ޤާނޫނުގެ ނަތީޖާއަކަށް ވާންވާނީ ޤައުމުގެ މަސްލަހަތު ހިމާޔަތް ކުރެވުމާއެކު އެއްވެސް ފަރާތަކަށް ބޭއިންސާފުން ކަމެއް ކުރުމުގެ ފުރުސަތު ނުލިބޭނެ ގޮތަށް އެޤާނޫނެއް ބައްޓަންވެފައި އޮތުމެވެ. އެހެންކަމުން، ރައްޔިތުންގެ ހެވާއި ލާބައަށް އަދި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް އެކަށައަޅަން ބޭނުންވާ ޤާނޫނުތައް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ އާދައިގެ ދައުރެއް ނޫންކަން ކަށަވަރެވެ. މިއަދުގެ ސިޔާސީ މަޝްރަހުގައި ހުރި ކަންބޮޑުވާންޖެހޭ ގިނަ މައްސަލަތަކަށް ބަލާއިރު، އެކަންކަމުގެ ހައްލު ހޯދޭން އޮތް ހަމައެކަނި ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. ހަދައިފައި ހުރި ޤާނޫނުތަކެއްގެ ދޯހަޅިކަމުން މި ޤައުމުގައި ކުރިމަތިވަމުން މިދަނީ ކިތައް ކިތައް މައްސަލަތޯއެވެ؟

ރައްޔިތުންގެ މަޖިލީހުގެ މަސްޢޫލިއްޔަތަކީ ކަންކަން އިސްލާހު ކުރުމަށް ޤާނޫނުތައް ހެދުމެވެ. ޤާނޫނަށް ބަދަލުތައް ގެނައުމެވެ. ވަކި ފަރާތަކަށް މަންފާވާ ގޮތަށް ނުވަތަ ނާޖާއިޒު ފައިދާއެއްވާ ގޮތަށް ހުންނަ ކަންކަމަށް ބަދަލު ގެނެވޭނީ ހަމަ ރައްޔިތުންގެ މަޖިލީހަށެވެ. ޤައުމުގައި ހުރި އަސްލު މައްސަލަތަކާއި ކަންބޮޑުވުންތަކަށް އެކަށޭނަ ހައްލެއް ގެނެވެން އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. އިޚްލާސްތެރި ވާންވީ ރައްޔިތުންގެ ޙައްޤުގައި ދިވެހި ޤައުމަށެވެ. އެކަމަކު، މިކަންވެސް ކުރެވޭނީ ކަމުގެ ޤާބިލުކަން ހުރި މީހަކަށެވެ. އެ ޤާބިލުކަމަކީ މަޖްލީހުގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ޢިލްމު ނުވަތަ ޤާނޫނީ ދާއިރާއަށް ނުވާ، ދުރު ދާއިރާއެއް ނުވަތަ ނުގުޅޭ މަޝްހޫރުކަމެއްގެ ތެރެއިން ނެރުއްވޭ ފަރާތެއް ހޮއްވެވުމަކުން ދެންވެސް މަޖިލީހަކުން އެދެވޭ ޒިންމާދާރު ބަދަލެއް ނުފެންނާނެއެވެ. އަދި އެފަދަ ފަރާތަކަށް މަޖިލީހުގެ މަސްޢޫލިއްޔަތުތަކެއް އަދާވެސް ނުކުރެވޭނެއެވެ. ނޭނގޭ ކަމެއްގެ މަސްޢޫލިއްޔަތު އަދާކުރުމަށް އެފަދަ ފަރާތެއް އިޚްތިޔާރު ކުރާނީތޯ އަދިވެސް އެއްފަހަރު ވޯޓުލުމުގެ ކުރިން ވިސްނާލައްވާށެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.