Support Us

އިސްރާއީލާ ދެކޮޅަށް ހުށައެޅި ނަސްލުހޭދުގެ ދަޢުވާގެ ފުރަތަމަ އަޑުއެހުން ބާއްވައިފި

ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ބައިނަލްއަޤްވާމީ އިންސާފު ކޯޓަށް ހުށައެޅި ނަސްލުހޭދުގެ ދަޢުވާގެ ފުރަތަމަ އަޑު އެހުން މިއަދު އެ ކޯޓުގައި ބާއްވައިފިއެވެ.

މިއަދުގެ އަޑުއެހުމުގައި އޮތީ ދަޢުވަކުރާ ފަރާތުގެ ތުހްމަތުތައް އަޑުއެހުމެވެ. މި އަޑު އެހުމަށް ތިން ގަޑިއިރުގެ ވަގުތެއް ކޯޓުން ދިނެވެ.

ކޯޓުގެ ރައީސާ އެމެރިކާގެ ޖުއާން ޑޮނޮގޯ މި ޤަޒިއްޔާގެ އިޖްރާތުތައް ކުރިއަށްދާނެ ގޮތް ބަޔާންކޮށްދެއްވިއެވެ. މި އިޖްރާތުތައް ކޯޓުން ކަނޑައެޅީ ދެކުނު އެފްރިކާއާއި އިސްރާއީލުގެ ޤާޒީއެއް ބައިވެރިކޮށްނެވެ. އެނާ ވިދާޅުވިގޮތުގައި މި ގޮތަށް އެ އިޖްރާތުތައް  ކޯޓުން ކަނޑައެޅީ ނަޒާހަތްތެރިކަމާއި ދެފުށް ފެންނަގޮތަށް މި ކޯޓުގައި ޝަރީޢަތް ކުރިއަށް ގެންދާނެކަމުގެ ޖާމިނުވުން ދިނުމަށް ޓަކައެވެ.

ދެކުނު އެފްރިކާއިން ކޯޓުގައި މިއަދު އެދުނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ވަގުތުން ހުއްޓުވުމަށެވެ. ދެކުނު އެފްރިކާއިން ބުނިގޮތުގައި އެއީ ފަލަސްޠީނު ރައްޔިތުންގެ ނަސްލުހޭދުއެކެވެ.

ދެކުނު އެފްރިކާގެ ޤާނޫނީ ޓީމުގެ ރައީސަކީ އެ ޤައުމުގެ ޢަދްލުއިންސާފާ ބެހޭ ވަޒީރެވެ.މި ޓީމުން ވިދާޅުވިގޮތުގައި އިސްރާއީލުން ދަނީ 1948 އިން ފެށިގެން ފަލަސްޠީނުގެ ނަސްލު ނައްތައިލުމަށް ޓަކައި ނިރުބަވެރި ޖަރީމާތަކާއި ޤތުލުޢާންމުތައް ހިންގަމުންނެވެ. އެ ޓީމުން ވިދާޅުވިގޮތުގައި އިސްރާއީލުން ފަލަސްޠީނީންނާމެދު ގެންގުޅެމުންދަނީ ނަސްލީ އިމްތިޔާޒުގެ ސިޔާސަތެކެވެ. މި ޓީމުން ހާމަކުރެއްވިގޮތުގައި  ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލުހޭދުގެ ޖަރީމާތައް ހުއްޓުވުމުގައި ބައިނަލްއަޤްވާމީ މުޖްތަމަޢު ވަނީ ފޭލްވެފައެވެ. 

މި ޓީމުން ވިދާޅުވިގޮތުގައި ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ޢަމަލުތަކުން ފަލަސްޠީނުގެ ނަސްލު މަރައި ނައްތައިލުމުގެ ނިޔަތް އިސްރާއީލުގެ ކިބައިން ފެނެއެވެ. އެ ޓީމުން ވިދާޅުވިގޮތުގައި ފަލަސްޠީނުގެ އެތައް ޢާއިލާތަކެއް އެއްކޮށް ވަނީ މަރައިލައިފައެވެ. އެންމެ ފަރްދަކު ވެސް ބާކީ ނުކޮށެވެ. 

ދެކުނު އެފްރިކާގެ ޢަދްލުއިންސާފާ ބެހޭ ވަޒީރު ވިދާޅުވިގޮތުގައި ޣައްޒާ މީހުން ތިބި ކޮންމެ ތަނަކަށް އިސްރާއީލުން ވަނީ ބޮންއަޅައިފިއެވެ. އިސްރާއީލުން އަންގައިގެން އެ މީހުން އެއް ތަން ދޫކޮށް އެހެން ތަނަކަށް ދާއިރަށް އެ ތަނަކަށް ވެސް ބޮންއަޅައެވެ. 

ދެކުނު އެފްރިކާއިން ހުށައެޅި ދަޢުވާގައި 84 ޞަފްޙާ ހިމެނެއެވެ. ދެކުނު އެފްރިކާއިން އުފުލި ދަޢުވާ ސާބިތުކުރުމަށް ޓަކައި ވީޑިޔޯތަކާއި ފޮޓޯތަކާއި ބިރުވެރި މަންޒަރުތައް ހިމެނޭ ފިލްމުތައް ވެސް ހިމަނައިފައިވެއެވެ. ދެކުނު އެފްރިކާގެ ތުހްމަތުތައް ބުނާގޮތުގައި އިސްރާއީލުން ވަނީ ޣައްޒާ ބަނޑަށް ޖައްސައިފައެވެ. ފެނާއި ކަރަންޓް ކަނޑައިލައިފައެވެ. ބޭހާއި އަނދަނަ ލިބުން މަނާކޮށްފައެވެ. އަމާން ބޯހިޔާވަހިކަމުން މަޙްރޫމުކޮށްފައެވެ. އިންސާނީ އަސާސީ އެއްވެސް ޚިދްމަތެއް ނުލިބޭގޮތަށް ޣައްޒާ ތަޅުލައި ޙިޞާރުކޮށްފައެވެ. 

މާދަމާ އޮންނާނީ ދެކުނު އެފްރިކާގެ ދަޢުވާއަށް އިސްރާއީލުން ދޭ  ރައްދު އަޑުއެހުމެވެ.

ޖުމްލަ 17 ޤާޟީން ހިމެނޭ ބެންޗަކުން ބަލަމުންދާ ޝަރީޢަތުގައި އިސްރާއީލުން ފޮނުވި ޤާޟީއަކާއި ދެކުނު އެފްރިކާއިން ފޮނުވި ޤާޟީއެއް ހިމެނެއެވެ. އިސްރާއީލުން ފޮނުވި ޤާޟީއަކީ ހިޓްލަރު ޔަހޫދީންނާ ދެކޮޅަށް ހިންގި ހޮލޮކޯސްޓުން ސަލާމަތިވި އިސްރާއީލު ސުޕްރީމް ކޯޓުގެ ޤާޟީއެކެވެ. ދެކުނު އެފްރިކާއިން ފޮނުވި ޤާޟީއަކީ ރޮބިން ޖަޒީރާގައި ނެލްސަން މެންޑެލާއާއެކު އޭނާގެ ޒުވާންކަމުގެ 10 އަހަރު ހޭދަކުރެއްވި ޤާޟީއެކެވެ.

ދެކުނު އެފްރިކާގެ ރައީސް ރަމަފޯޒާ ބުދަދުވަހު ވިދާޅުވިއެވެ. "ޣައްޒާގައި ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމުތަކުގެ ސަބަބުން އަހުރެމެންނަށް ބައިނަލްއަޤްވާމީ އިންސާފު ކޯޓަށް ދާން މަޖްބޫރުވީއެވެ."

އޭނާ ވިދާޅުވިއެވެ. "އަހުރެމެންނަކީ ދައުލަތަކުން ހިންގި ނަސްލީ އިމްތިޔާޒާއި ފޭރުމާއި ހިންސައަށް އެއްދުވަސްވަރެއްގައި ހުށައެޅި އޭގެ ވޭނާއި ގިލަން ތަޙައްމުލުކުރި ރައްޔިތަކީމުއެވެ. އަހުރެމެން އަބަދުވެސް އެކަންކަމާ ދެކޮޅަށް ތެދުވާނޫއެވެ."

ޢަރަބި ލީގުން ވަނީ ދެކުނު އެފްރިކާއަށް މި ދަޢުވާގައި ފުރިހަމައަށް ތާއީދުކޮށްފައެވެ. އެ ޖަމާޢަތުގެ އަމީންޢާންމު އަޙްމަދު އަބުލް ޣައިޠު ވިދާޅުވިގޮތުގައި ޢަރަބިލީގު ހުރިހާ ވަސީލަތްތަކުން ދެކުނު އެފްރިކާއަށް ތާއީދުކުރާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ޢަރަބި ލީގު އޮތީ ފަލަސްޠީނުގެ މަސްއަލައަށް ވަގިވެރިވާ ކޮންމެ މަސައްކަތަކަށް ހުރިހާ ވާގިވެރިކަމެއް ދިނުމަށް ތައްޔާރަށެވެ.

ޢަރަބި ޤައުމުތަކުގެ ތެރެއިން ތޫނިސް ބުނާގޮތުގައި އެ ޤައުމުން މިކަމުގައި ބައިވެރިއެއް ނުވާނެއެވެ. މި ކަމުގައި ބައިވެރިވުމަކީ އިސްރާއީލު ޤަބޫލުކުރާކަމުގެ އިޝާރާތަކަށް ބެލިދާނެތީއެވެ.

ހުޅަނގު އައްސޭރީގެ ރާމަﷲގައި ދެކުނު އެފްރިކާއާށް ޝުކްރު އަދާކުރުމަށް ޓަކައި އެތައް ބަޔަކު މަގުމައްޗަށް ވަނީ ނުކުމެފައެވެ. ރާމަﷲގެ މެޔަރު ޢީސާ ޤިއްސީސް ވިދާޅުވިއެވެ. "ދެކުނު އެފްރިކާއަށް އަހުރެމެންގެ ހިތުގެ ވިންދުތައް އެނގެއެވެ. އަހުރެމެންގެ އުންމީދުތަކުގެ އަޑުއިވެއެވެ."  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *