ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގައި 14 ޤަތުލުޢާންމު ހިންގައިފައި ވާކަމަށް ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ކަން އިޢުލާންކުރިތަނާ އިސްރާއީލުން ޣައްޒާގެ ޚާން ޔޫނުސް ފޭލިގެއަވަށުގައި ހުރި ގެއަކަށް ޙަމަލާދީ އެ ގޭގެ އަހްލުވެރިންގެ ތެރެއިން ހަތަރު މީހަކު ޝަހީދުކޮށްލިއެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކު ވެއެވެ.
ޖަޒީރާ ބުނާގޮތުގައި އިސްރާއީލުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 200 މީހުން ޝަހީދުކޮށްލައިފައި ވެއެވެ. އަދި އިތުރު 243 މީހުން ޒަޚަމުކޮށްލައިފައި ވެއެވެ.
މި ޢަދަދު އިތުރުވުމުން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ ޢަދަދު 23،357 އަށް އަދި ޒަޚަމުވި މީހުންގެ ޢަދަދު 59 ހާހަށް މައްޗަށް އެރީއެވެ.
އިއްޔެ އިސްރާއީލުން ވަނީ ދައިރުލް ބަލަޙުގައި ޖަޒީރާގެ ނޫސްވެރިއެއް ކަމުގައިވާ އަޙްމަދު ބުދައިރު ޝަހީދުކޮށްލައިފައެވެ. އޭނާ ޝަހީދުވީ ޢަޤްޞާ ހަސްފަތާލުގެ ވަށައިގެންވާ ސަރަޙައްދަށް އިސްރާއީލުން ބޮންއެޅުމުގެ ސަބަބުންނެވެ.
އަނެއްކޮޅުން ފަލަސްޠީނުގެ ރެޑް ކްރެސެންޓް ބުނާގޮތުގައި ޣައްޒާ ހަނގުރާމައިގެ 96 ވަނަ ދުވަހު އިސްރާއީލުން އެ ޖަމްޢިއްޔާގެ އެންބިޔުލެންސަކަށް ބޮންއެޅުމުގެ ސަބަބުން ހަ މީހުން މަރުވިއެވެ. އޭގެ ތެރޭގައި އަވަސްފަރުވާ ދޭ ހަތަރު މީހުން ވެއެވެ.
މި އެންބިޔުލެންސަށް ބޮންއަޅައިފައި ވަނީ ޣައްޒާގެ ޞަލާޙުއްދީން ހަލިމަގުން ދަތުރުކުރަނިކޮށްނެވެ. މިއީ ޣައްޒާގެ އުތުރުން ދެކުނަށް ދަތުރުކުރުމަށް ހަދައިފައިވާ އެންމެ ބޮޑު މަގެވެ.އިސްރާއީލުގެ މި ޙަމަލާއާ ވިދިގެން ރެޑް ކްރޮސްއާއި ރެޑް ކްރެސެންޓް ޖަމްޢިއްޔާތަކުގެ އިއްތިޙާދުގެ އަމީން ޢާންމު އޭނާގެ އެކްސްގައި އެ ޢަމަލު ކުށްވެރިކުރައްވައިފައިވެއެވެ. އޭނާ މި މެސެޖުގައި ވިދާޅުވެފައިވާ ގޮތުގައި "މިއީ ވަރަށް ދެރަ ކަމެކެވެ. އެ ކަން ކުށްވެރިކުރަމެވެ."
އަނެއްކޮޅުން އިސްރާއީލު ބުނާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަލަސްޠީނުގެ ޖަމާޢަތްތަކުން ދިން ޙަމަލާތަކުގައި އިސްރާއީލު ސިފައިންގެ 17 މީހުން ޒަޚަމުވެފައިވެއެވެ. މީގެތެރެއިން ބައެއް މީހުންގެ ޙާލު ވަރަށް ނާޒުކުކަމަށް ވެސް އިސްރާއީލުން ބުންޏެވެ.އިސްރާއީލު ބުނާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެމީހުން ޣައްޒާގައި 150 އަމާޒަކަށް ޙަމަލާދިނެވެ. އެމީހުންނަށް ޣައްޒާތެރެއިން ބިންގަރާސް 15 އަނގަމައްޗާއި ރޮކެޓް އަރުވާ ހަރުތަކާއި ހަނގުރާމަމަތީ ވަސީލަތްތައް ފެނިފައި ވެއެވެ. އިސްރާއީލުގެ ޢަސްކަރީ ތަރްޖަމާނު ބުނިގޮތުގައި އެމީހުންނަށް ރޮކެޓް ހަދާ އާލަތެއް ޣައްޒާއިން ފެނިގެން އެ އާލަތް ހަލާކުކޮށްލިއެވެ.
އިސްރާއީލުގެ ޗީފް އޮފް ސްޓާފް ހެލިވީ ބުނިގޮތުގައި "އިސްރާއީލު ސިފައިން ޣައްޒާގައި ބިންމަތީގައްޔާއި ބިމުއަޑީގައި ހަނގުރާމަކުރަމުންދަނީ ވަރަށް އުދަނގޫ އޮޅުންބޮޅުންކަން ބޮޑު ހަނގުރާމައެކެވެ. ފަލަސްޠީނު މީހުން ވަނީ މި ހަނގުރާމައަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ."



advertisment