ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އަނބިކަނބަލުން މެޑަމް ޕަންގ ލީއުޔަން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި މިރޭ ފުރަމާނަ ޖާފަތެއް ދެއްވައިފިއެވެ. މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިއަދު ވަނީ ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. އަދި އެ ބައްދަލުވުމަށްފަހު ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައިވެއެވެ. މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި އިޖުތިމާއީ އިޤްތިޞާދީ ދާއިރާއިން ގުޅުންތައް ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާ ސަރުކާރުގެ މަތީފަންތީގެ އޮފިޝަލުންނާއެކު މަޝްވަރާތައް ކުރައްވާފައެވެ.



advertisment