އިސްރާއީލުން ދެކުނު ލުބްނާނަށް ޙަމަލާދީ ޙިޒްބުﷲ ޖަމާޢަތުގައި އިސް އިސްވާރެއް ކަމުގައިވާ ވިސާމު ޙަސަނުއް ޠަވީލް އިއްޔެ އަވަހާރަކޮށްލައިފިއެވެ. އިސްރާއީލުން މިފަދަ ޙަމަލާއެއް މި ދިނީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން މެދުއިރުމައްޗަށް ވަޑައިގެން އުޅުއްވާ ދުވަސްވަރެއްގައެވެ. އޭނާ މެދުއިރުމައްޗަށް ވަޑައިގަތީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިތުރަށް ފުޅައުވެގެން ހިނގައިދާނެތީ މަސްރަޙު އިތުރަށް ހޫނުވިޔަ ނުދެއްވުމަށް ޓަކައެވެ.
އިސްރާއީލުން މިއަދު ބުނިގޮތުގައި އިސްރާއީލުން މިއަދުގެ ޙަމަލާގެ ލަނޑުދަނޑިއަކީ ދެކުނު ލުބްނާނުގެ ރަށްތަކެވެ. އެއީ މި ރަށްތަކުގައި ހުންނަ ޙިޒްބުﷲގެ ކޮށިތަކުން އިސްރާއީލުގެ އުތުރު އާބާދީތަކަށް ޙަމަލާދެމުންދާތީއެވެ. އިސްރާއީލުގެ އުތުރުގައި އޮންނަ ޖަލީލުގެ އުސްބިންތަކަކީ އިސްރާއީލުން ހިފާފައިވާ ސޫރިޔާގެ ބިންތަކެކެވެ. މި ތަންތާނގައި އާބާދީތައް ހަދައިގެން އިސްރާއީލު މީހުން ވަޒަންވެރިކުރުވައިގެން އުޅޭ އުޅުމަކީ ބައިނަލް އަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލެކެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މި ސަރަޙައްދުގައި ތިބި ސިފައިންނާ ބައްދަލުކުރަމުން ބުންޏެވެ. "އަމަންއަމާންކަން އިޢާދަކުރުމަށް ޓަކައި ޢަސްކަރިއްޔާއިން ހުރިހާ ކަމެއް ކުރާނެއެވެ. އަހުރެމެން އިސްކަންދެނީ ޢަސްކަރީ ޢަމަލުތައް ފުޅައުނުކޮށް މިކަން ކުރުމަށެވެ. އެހެނަސް އެކަން ކުރަންޖެހިއްޖެނަމަ އެކަން ވެސް ކުރާނަމެވެ. އެކަމެއް ނުހުއްޓުވޭނެއެވެ."
އެމެރިކާގެ ޚާރިޖީ ވަޒީރު މިހާރު މެދުއިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އަމާޒަކީ މި ހަނގުރާމަ ފުޅައުވެގެންދިޔުން ހުއްޓުވުމެވެ. އަދީއްތަ ދުވަހު ބްލިންކެން އުޅުއްވީ ޤަޠަރުގައެވެ. ޤަޠަރާއި މިޞްރަކީ ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް އެންމެ މުހިއްމު ދައުރު އަދާކުރަމުންދާ ދެ ޤައުމެވެ. އިއްޔެ އޭނާ ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނާއި އިމާރާތުގެ ރައީސް މުޙައްމަދު ބިން ޒާއިދާ ބައްދަލު ކުރެއްވިއެވެ. މިއަދު ބްލިންކެން އުޅުއްވަނީ އިސްރާއީލުގައެވެ. މާދަމާ އޭނާ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސާ ބައްދަލު ކުރައްވާނެއެވެ. މިއީ އޮކްޓޫބަރު ހަތެއްގެ ފަހުން ބްލިންކެން މެދުއިރުމައްޗަށް ކުރައްވާ ހަތަރު ވަނަ ދަތުރެވެ.



advertisment