ޣައްޒާގައި ދިރިއުޅޭ ފަސް އަހަރުން ދަށުގެ ހުރިހާ ކުދިން ތިބީ މަރަށް ޙާޒިރުވެފައިވާ ކަމަށް ކުޑަކުދިންނާ ބެހޭ އދގެ ޖަމްޢިއްޔާ ޔުނިސެފުން ބުނެފިއެވެ.
ޔުނިސެފުން ހާމަކުރިގޮތުގައި ޣައްޒާ ބަނޑަށް ޖެހިފައިވާތީ އެ ސަރަޙައްދުގެ ކުޑަކުދިން ވަނީ ކާޑުބައްޔަށް ހާސާވެފައެވެ.މި ކަމުގެ ސަބަބުން އެ ކުދިން ތިބީ މަރުގެ ތުންފަތްމަތީގައި ކަމަށް ސީއެންއެން ބުންޏެވެ.
"ޣައްޒާގައި ދިރިއުޅޭ ކުޑަކުދިންގެ ތެރެއިން 10 ހާސް ކުޑަކުދިން ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ކާޑުބަލީގެ ވަރަށް ނުރައްކާތެރި ޙާލަތަކަށް ވެއްޓިގެންދާނެއެވެ. އެ ކުދިންނަށް ވަނީ ކާނާގެ ފަރުވާދޭން މަޖުބޫރުވެފައެވެ." ޔުނިސެފް ބުންޏެވެ. "މީގެ މާނައަކީ ޣައްޒާގެ ޢާއިލާތައް ބަނޑަށްޖެހިގެން މަރަށް ޙާޒިރުވެފައިވާވުން ވަރަށް އަވަހަށް ޙަޤީޤަތަކަށް ވެގެން ހިނގައިދާނެއެވެ."
ޔުނިސެފް ބުނާގޮތުގައި ޣައްޒާގައި 155 ހާސް މާބަނޑު އަންހެނުންނާއި ކިރުމައިން ބަނޑުފުރާނަ މުއްތިކުރާނެ އެތިކޮޅެއް ނުލިބި އެބަ ތިއްބެވެ. މި ކުދިންނަށް މައިންގެ ގާތުން ކިރެއް ނުލިބެއެވެ. "މިއީ އެކަމާމެދު އަހުރެމެން ވަރަށް ކަންބޮޑުވާ ކަމެކެވެ. މީގެ އިތުރަށް ދެ އަހަރު ނުފުރޭ 135 ހާސް ކުޑަކުދިން ޣައްޒާގައި އެބަ ތިއްބެވެ. މި ކުދިންނަށް ފުދޭވަރަށް ކިރެއް ނުލިބެއެވެ."
ޔުނިސެފް ބުނާގޮތުގައި ކާނާއާ ބެހޭ އދގެ މީޔާރަށް ބަލާއިރު ޣައްޒާގެ ހުރިހާ ރައްޔިތުން (2.2 މިލިޔަން މީހުން) ތިބީ ވަރަށް ވޭންދެނިވި ބަނޑަށްޖެހުމެއްގައެވެ.
ޔުނިސެފް ބުނާގޮތުގައި ދުނިޔޭގެ އެއްވެސް ރަށެއް މިފަދަ ބިރުވެރިގޮތަކަށް ބަނޑަށް ޖެހިފައެއް ނުވެއެވެ.



advertisment