Support Us

ޙިޒްބުﷲއާ ދެކޮޅަށް އިސްރާއީލު ކުރާ ހަނގުރާމައެއް ކާމިޔާބު ކުރަން ދަތިވާނެ: އެމެރިކާއިން 

އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ފުޅައުކޮށް ލުބްނާނުތެރެއަށް ގެންދިޔުމަކީ އެމެރިކާ ވަރަށް ކަންބޮޑުވާ ކަމެއްކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓެއް ބުނެފިއެވެ. މި ރިޕޯޓު ބުނާގޮތުގައި ލުބްނާނުގައި ކުރާ ހަނގުރާމައިގައި އިސްރާއީލަށް ނަޞްރު ހޯދަން ވަރަށް ދަތިވާނެއެވެ.

އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓް ދުވަހު ނޫސް އެމެރިކާގެ ޖާސޫސީ ދިރާސާއަކާ ޙަވާލާދީ ބުނިގޮތުގައި ލުބްނާނުގެ ތެރެއަށް ހަނގުރާމަ ފުޅައުކުރުމާ ބެހޭގޮތުން އިސްރާއީލުން ދައްކާ ވާހަކައާމެދު އެމެރިކާ ހިތްހަމައެއް ނުޖެހެއެވެ. މި ދިރާސާއަކީ އެމެރިކާގެ ދިފާޢީ ޖާސޫސީ އޭޖެންސީން ކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާ ބުނާގޮތުގައި "ޣައްޒާގައި ހަނގުރާމަ ކުރަމުން ޙިޒްބުﷲއާ ދެކޮޅަށް އިސްރާއީލުން ކުރާ ހަނގުރާމަ ކާމިޔާބު ކުރުން އިސްރާއީލަށް ބުރަ ކަމަކަށް ވާނެއެވެ."

މި ނޫސް ބުނާގޮތުގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ދެކެވަޑައިގަންނަވާ ގޮތުގައި ލުބްނާނާ ހަމައަށް ހަނގުރާމަ ފުޅައުކުރުމަކީ ސިޔާސީ މައިދާނުގައި ދެމިހުރުމަށް ލިބިގެންވާ މުހިއްމު ތަޅުދަނޑިއެވެ. ޙަމާސުން އޮކްޓޫބަރު ހަތެއްގައި އިސްރާއީލަށް ދިން ޙަމަލާގެ ސަބަބުން ނަތަންޔާހޫއާ ދެކޮޅަށް ކިޔޭ ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޙަމާސުން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ އަސީރުން މިނިވަންނުކުރެވޭތީ އަސީރުންގެ ޢާއިލާތަކާއި ރަޙްމަތްތެރިން ދަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ބާއްވަމުންނެވެ.

މި ނޫސް ބުނާގޮތުގައި ރައީސް ބައިޑެން އޭނާގެ އިސް އެހީތެރިންނާއި މުޝީރުން މެދުއިރުމައްޗަށް ފޮނުއްވަމުން ގެންދަވަނީ "އިސްރާއީލާ ޙިޒްބުﷲއާ ދެމެދުގައި ޝާމިލު ހަނގުރާމައެއް ފެށުނަނުދިނުމަށް ޓަކައެވެ."

އިސްރާއީލު ބުނާގޮތުގައި ލުބްނާނަށް ބަޑީގެ ޙަމަލާތައް ދީދީ އިސްރާއީލަކަށް ނޯވެވޭނެއެވެ. އިސްރާއީލަށް ޖެހޭނީ ޙިޒްބުﷲ މައިތިރިކުރުމަށް ޓަކައި ވަރުގަދަ ޙަމަލާއެއް ދޭށެވެ.

މި ނޫސްބުނާގޮތުގައި ޙިޒްބުﷲ ޖަމާޢަތަކީ ވަރަށް ރަނގަޅަށް ތަމްރީނު ލިބިފައިވާ އެތައް ހާސް ހަނގުރާމަވެރިންތަކެއް ހިމެނޭ ފައުޖެކެވެ. ޙިޒްބުﷲ އަތުގައި އެތައް ހާސް ރޮކެޓަކާއި މިސައިލަކާއި ބޮން އެބަ ހުށްޓެވެ. މި ނޫސް ބުނާގޮތުގައި ޙިޒްބުﷲގެ ޒަޢީމު ޙަސަން ނަޞްރުﷲ ހަނގުރާމަ ފުޅައު ކުރައްވާކަށް ބޭނުންފުޅެއް ނުވެއެވެ. އެހެނަސް އިސްރާއީލުން ޖެއްސުންކުރުންތައް އިތުރުކޮށްފިނަމަ އޭނާއަށް ހަނގުރާމައިގެ ތެރެއަށް ވަދެވަޑައިގަންނަވަން މަޖްބޫރުވެ ވަޑައިގަތްފާނެއެވެ. މިއީ އެމެރިކާ ބޭނުންވާ ކަމެއްނޫނެވެ.

ޙަމާސްގެ ޙަމަލާއާ ވިދިގެން ރައްކައުތެރި ފިޔަވަޅެއްގެ ގޮތުން ޙިޒްބުﷲއަށް ޙަމަލާއެއް ދިނުމަށް އިސްރާއީލުން ބޭނުންވާކަމަށް ދަނީ ބުނަމުންނެވެ. މިއީ އެމެރިކާ އެކަމާ ދެކޮޅު ހަދަމުންދާ ކަމެކެވެ. އެއީ މި ކަމުގެ ސަބަބުން އީރާން މި މަސްއަލައިގެ ތެރެއަށް ވަދެދާނެތީއެވެ. އީރާން މި ހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަމަ އެމެރިކާއަށް މި ހަނގުރާމަތެރެއަށް ވަންނަން މަޖްބޫރުވެދާނެތީއެވެ. ޙިޒްބު ﷲ މި ހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަމަ 2006ގެ އިސްރާއީލު ޙިޒްބުﷲ ހަނގުރާމައަށްވުރެ މި ހަނގުރާމަ މާބޮޑަށް ފުޅައުވެގެންދާނެއެވެ.މިއަދު ޙިޒްބުﷲ އަތުގައި ކުރިއަށް ވުރެ މާ ބަރުގަދަ މާ ބޮޑަށް އަމާޒުހިފޭ ހަތިޔާރުތައް ހުރީތީއެވެ.

އެމެރިކާގެ މި ދިރާސާ ލަފާކުރާ ގޮތުގައި އިސްރާއީލާ ޙިޒްބުﷲއާ ދެމެދުގައި ކުރިމަތިލުންތަކެއް ފެށިއްޖެނަމަ ތިން ލައްކައާއި ފަސް ލައްކައާ ދެމެދުގެ ޢަދަދަކަށް މީހުން މަރުވެގެންދާނެއެވެ. ޙިޒްބުﷲގެ ޙަމަލާތައް އިސްރާއީލުގެ ވަރަށް ފުނަށް ވަދެގެންދާނެއެވެ. ފަހަރެއްގައި އިސްރާއީލުގެ ނިޔުކްލިއަރ ރިއެކްޓަރުތަކަށާއި ޕެޓްރޯ ޞިނާޢަތްތަކާ ހަމައަށް ވެސް ވާޞިލްވެދާނެއެވެ.

އިސްރާއީލުން ޙަމާސްގެ ނައިބު ރައީސް ޞާލިޙުލް ޢާރޫރީ އަވަހާރަކޮށްލުމާވިދިގެން ޙިޒްބުﷲއިން ދިން ޙަމަލާގައި ފަސްދޮޅަހަކަށް މިސައިލް ވަނީ ފޮނުވައިލައިފައެވެ. އިސްރާއީލުން ޢާރޫރީ އަވަހާރަކޮށްލަން ދިން ވައިގެ ޙަމަލާގައި ހަ މީހުން ވަނީ މަރުވެފައެވެ. މިކަމާހެދި މަސްރަޙު ވަނީ ހޫނުވާން ފަށައިފައެވެ. މި މަސްރަޙު ފިނިކުރެވޭތޯ އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން މެދުއިރުމައްޗަށް ފެށްޓެވި ދަތުރުފުޅުގައި މާދަމާ އިސްރާއީލަށް ވަޑައިގަންނަވާނެއެވެ.

ޙިޒްބުﷲ އާ ދެކޮޅަށް އިސްރާއީލުން ދިން ޙަމަލާތަކުގައި ލުބްނާނު ސިފައިންގެ މަރްކަޒަތަކަކަށް ވަނީ ޙަމަލާތައް އަރައިފައެވެ. ލުބްނާނު ސިފައިންނަކީ އެމެރިކާއިން ތަމްރީނުދީ ބަލަހައްޓާ ބާރެކެވެ. ލުބްނާނުގައި ވާ ޙިޒްބުﷲގެ ބާރުތައް ތަވާޒުނުކޮށް ހިފަހައްޓާ ދެނީ ލުބްނާނުގެ ޢަސްކަރިއްޔާއިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *