Support Us

އިސްރާއީލު ސިފައިންނާއި ސަރުކާރު އަރާރުމެއްގެ ތެރޭގައި

ޙަމާސުން އޮކްޓޯބަރު ހަތެއްގައި ދިން އަޤްޞާ ޠޫފާނުގެ މަސްއޫލިއްޔަތު އިސްރާއީލު ސަރުކާރުން އިސްރާއީލު ސިފައިންގެ ބޮލުގައި އަޅުވަމުންދާތީ އިސްރާއީލު ސިފައިންގެ އިސް ކޮމާންޑަރުން ސަރުކާރަށް ޙަމަލާ ދީފިއެވެ.

އިސްރާއީލުގެ ޗެނެލް 12 ގައި ވާހަކަދައްކަމުން ސިފައިންގެ ބައެއް  މަސްއޫލުވެރިން ބުންޏެވެ. "އަހުރެމެން ޣައްޒާއާއި ލުބްނާނާއި ހުޅަނގު އައްސޭރީގައި ހަނގުރާމަކުރަމުންދާއިރު ސަރުކާރު ދަނީ އަހުރެމެންނާ ހަނގުރާމަކުރަމުންނެވެ." 

އިސްރާއީލު ރޭޑިއޯއިން ސަރުކާރުގެ އިސް ބައެއް މީހުންނާ ޙަވާލާދީ ބުނިގޮތުގައި އިސްރާއީލު ސަރުކާރު މާ ގިނަ ދުވަހަކަށް ދެމިއެއް ނޯންނާނެއެވެ. އެމީހުން ބުނާގޮތުގައި އިސްރާއީލުގެ ޗީފް އޮފް ސްޓާފަށް ދެމުންދާ ޙަމަލާތަކަކީ ނަތަންޔާހޫއާއެކު ވިލަރެސްކޮށްގެން ދުރާލައި ރާވައިގެން ކުރަމުންދާ ކަމެކެވެ. 

ސަރުކާރުގެ ބައެއް ވަޒީރުން ނަން ހާމަނުކުރުމަށް ޝަރްޠުކޮށް  އިސްރާއީލުގެ ރަސްމީ ރޭޑިއޯއަށް ހާމަކުރިގޮތުގައި ބޮޑުވަޒީރު ނަތަންޔާހޫއާއި ބައެއް ވަޒީރުން ދަނީ އޮކްޓޫބަރުގެ ހަތެއްގެ ޙަމަލާގެ ޒިންމާ ސަލާމަތީ އިދާރާގެ ބޮލުގައި އެޅުވުމަށް ޓަކައި ރަސްމީ ބަޔާނެއް ތައްޔާރުކުރަމުންނެވެ. 

އިސްރާއީލުގެ ދިފާޢީ ވަޒީރު ޔޫއާފް ގެލެންޓާއި ޤައުމީ އަމްނާބެހޭ ވަޒީރު ބިން ޣަފީރު މި މަސްއޫލިއްޔަތު އުފުލުމާ ދެކޮޅުހަދަމުންދާތީ ހަނގުރާމަމަތީ ސަރުކާރުގެ ދެމިއޮތުން ވަނީ ނުރައްކަލަށް ހާސާ ވެފައެވެ. 

މި ގޮތަށް ތުހްމަތުތައް ކުރެވެމުންދާއިރު އިސްރާއީލުގެ ކެބިނެޓް އޮތީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. މި ސަރުކާރުގެ ކަނާތުފިޔައިގެ ވަޒީރުންނާ ހަނގުރާމަމަތީ ކެބިނެޓްގައި ހިމެނޭ ކުރީގެ ދިފާޢީ ވަޒީރު ބެނީ ގެންޓްސްއާއި ޗީފް އޮފް ސްޓާފް ހެލިވީއާ ދެމެދުގައި ޚިޔާލު ތަފާތުވެ ވަރަށް ބޮޑަށް ދަނީ އަރާރުންތައް އިތުރުވަމުންނެވެ. އޮކްޓޫބަރު ހަތެއްގެ ޙަމަލާ ތަޙްޤީޤު ކުރުމަށް ޓަކައި ކޮމެޓީއެއް އެކުލަވައިލުމުގެ މަސްއަލައިގައެވެ. 

ހުކރުވިލޭރޭ ބޮޑުވަޒީރު ނަތަންޔާހޫއާއި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު ބިން ޣަފީރާއި މާލީ ވަޒީރު ސުމުޓްރިޗާ މުވާޞަލާތާ ބެހޭ ވަޒީރު ރިގޭވް ވަނީ ޗީފް އޮފް ސްޓާފަށް ޙަމަލާތަކެއް ދީފައެވެ. ޙަމާސް ގެ ޙަމަލާ ދިފާޢުކުރުމުގައި އިސްރާއީލު ނާކާމިޔާބުވީ ޗިފް އޮފް ސްޓާފުގެ ސަބަބުން ކަމަށް މި ވަޒީރުން ތުހްމަތު ކުރެއެވެ. 

ތަޙްޤީޤު ކޮމެޓީގެ ރައީސަކަށް އިސްރާއީލުގެ ކުރީގެ ދިފާޢީ ވަޒީރު ޝާއޫލް މޫފާޒު އިސްކުރުމުގެ މަސްއަލައިގައި ވެސް ވަނީ ޚިޔާލު ތަފާތުވެފައެވެ. 

އިސްރާއީލުގެ ޢަސްކަރިއްޔާއިން ތާއީދު ކުރަނީ މަސްއަލަ ތަޙްޤީޤު ކުރުމަށް ޓަކައި ކޮމެޓީއެއް އެކުލަވައިލުމަށެވެ. އެއީ ފިލާވަޅުތައް އުނގަނުމަށް ޓަކައެވެ. އިސްރާއޫލު ސިފައިން ބުނާގޮތުގައި މިފަދަ ޙަމަލާއެއް ދީފާނެކަމުގެ ޖާސޫސީ މަޢުލޫމާތު އެމީހުން ބޮޑުވަޒީރު ނަތަންޔާހޫއަށް ވަނީ ދީފައެވެ. އޭނާ އެކަމަށް ދޭންޖެހޭ ސަމާލުކަން ނުދިނީއެވެ.

ބިން ޣަފީރު ތުހްމަތުކުރާ ގޮތުގައި އިސްރާއީލު ސިފައިން 2005 ގައި ޣައްޒާއިން ފޭބުމުގެ މޭސްތިރިއަކީ މޫފާޒެވެ. އޭނާ ތަޙްޤީޤު ޓީމުގެ ވެރިއަކަށް ހެދުމަކީ ކުށެކެވެ. އިސްރާއީލު ސިފައިން 2005 ގައި ހުޅަނގު އައްސޭރީގެ އުތުރުގެ ހަތަރު އާބާދީއަކުން ފޭބީ ބޮޑުވަޒީރު އެރިއަލް ޝާރޫންގެ ބޮޑުވަޒީރުކަމުގައެވެ. 

ނަތަންޔާހޫގެ މަޤްބޫލުކަން ދަށަށް

އިސްރާއީލުގައި ބޮޑުވަޒީރު ނަތަންޔާހޫގެ މަޤްބޫލުކަން ހުރި މިންވަރު ބެލުމަށް ޓަކައި ނެގުނު ފެންނަނުފެންނަ ވޯޓެއް ބުނާގޮތުގައި އިދިކޮޅު ޒަޢީމު ބެނީ ގެންޓްސްގެ މަޤްބޫލުކަން 48% އަށް މައްޗަށް ގޮސްފައިވާއިރު ނަތަންޔާހޫއަށް ތާއީދުކުރާ މީހުންގެ ޢަދަދަކީ އެންމެ 34% އެވެ. މި ވޯޓު ނަގައިފައިވަނީ ދިރާސާކުރުމާ ބެހޭ ލާޒާރު މަރްކަޒުންނެވެ. މި ދިރާސާ ބުނާގޮތުގައި އިސްރާއީލުގައި މިއަދު އިންތިޚާބެއް ބޭއްވިއްޖެނަމަ ގެންޓްސްގެ ޕާޓީއަށް 36 ގޮނޑި ލިބޭނެއެވެ. ނަތަންޔާހޫގެ ޕާޓީއަށް ލިބޭނީ 19 ގޮނޑިއެވެ. ލެޕިޑްގެ ޕާޓީއަށް 14 ގޮނޑި ލިބޭނެއެވެ. 

ޣައްޒާ ހަނގުރާމަ ހަމަ ނިމޭއިރަށް އިސްރާއީލުގައި އިންތިޚާބެއް ބޭއްވޭނެކަމަށް ނިމުތު ކުރެވެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *