Support Us

ޔުކްރޭންގެ މުވާޞަލާތީ އެންމެ ބޮޑު ކުންފުނިތެރެއަށް ރޫސީން ވަދެ ދުވަސްގަނޑެއް ހޭދަކޮށްފި

ޔުކްރޭންގެ މުވާޞަލާތީ އެންމެ ބޮޑު ކުންފުނިތެރޭގައި ރަޝިޔާގެ އިލެކްޓްރޯނިކް މައިދާނުގެ ފޭރޭމީހުން އެތައް މަހެއް ވަންދެން މަޢުލޫމާތު ވަގަށް ނެގުމުގެ މަސައްކަތުގައި ހޭދަކޮށްފައިވާ ކަމަށް ޔުކްރޭނުގެ އިސް މަސްއޫލުވެރިއަކު ހާމަކުރައްވައިފިއެވެ.

ޔުކްރޭނުގެ މި ކުންފުންޏަކީ ކިޔީވް ސްޓާރ އެވެ. ރޫސީ ސައިބަރާނީ ފޭރުންތެރިން މި ކުންފުނީގެ ވިޔުގައިގެ ތެރެއަށް ވަދެފައިވަނީ މޭމަހުން ފެށިގެންނެވެ.

ޔުކްރޭންގެ އަމްނާބެހޭ އިދާރާގެ އިލެކްޓްރޯނިކް އަމްނާ ބެހޭ ބައިގެ ވެރިޔާ އިލިޔާ ވިޓިއޮކް މިކަމާބެހޭ ގޮތުން ތަފްޞީލުތައް ދެއްވަމުން ވިދާޅުވި ގޮތުގައި އެއީ "ކާރިސީ ހަލާކު" ކުރުމެކެވެ. މި ކަމުގެ ލަޑުދަނޑިއަކީ ޖާސޫސީ މަޢުލޫމާތުތައް ވަގަށްނެގުމާއި މާނަވީގޮތުން ޔުކްރޭނަށް ސިހުމެއް ދިނުމެވެ.

އޭނާ ވިދާޅުވިގޮތުގައި މިއީ ރަޝިޔާއިން ހުޅަނގަށް ވެސް ދިން އިންޒާރެކެވެ. އޭނާ ހާމަކުރެއްވިގޮތުގައި އެމީހުން ވަނީ "ގާތްގަނޑަކަށް ހުރިހާ އެއްޗެއް" ފުހެލައިފައެވެ. އެތައް ހާސް ސަރވަރތަކަކާއި އެތައް ހާސް ކޮންޕިޔުޓަރުތަކެއްގައި ހުރި މަޢުލޫމަތުތައް ވަނީ ފުހެލައިފައެވެ.

އޭނާ ވިދާޅުވިގޮތުގައި ރަޝިޔާގެ ފޭރޭމީހުން ކިޔީވް ސްޓަރގެ ވިޔުގަތެރެއަށް ވަނީ ކޮން ދުވަހަކު ކަމެއް ކަނޑައަޅައި ބުނެވޭކަށް ނެތެވެ. ފަހަރެއްގައި އެއި ނޮވެންބަރު ފަހުކޮޅުގައިކަމަށް ވެސް ވެދާނެއެވެ.

އޭނާ ވިދާޅުވިގޮތުގައި ރޫސީ ފޭރުންތެރިން ވަގަށް ނަގައިފައި ވަނީ ފޯނު ނަންބަރުތަކާއި މީހުންގެ ޝަޚްޞީ މަޢުލޫމާތެވެ. އެމީހުން މީހުން ފޮނުވާ ކުރު މެސެޖްތަކަށް ހުރަސްއަޅައި އޮޅުވައިލައި ދޮގު މަޢުލޫމާތު ދީފައި ވެއެވެ.

ކިޔީވް ސްޓަރގެ ރަސްމީ ތަރްޖަމާނު ހާމަކުރެއްވިގޮތުގައި ކުރިމަގުގައި މިފަދަ ޙަމަލާތަކުން ރައްކައުތެރިވުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު އެ ކުންފުނިން ދަނީ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރަމުންނެވެ.

ޔުކްރޭންގެ ކިޔީވް ސްޓާރ މުވާޞަލާތީ ކުންފުންޏަކީ އެ ޤައުމުގައި މުވާޞަލާތީ ޚިދްމަތްދޭ އެންމެ ބޮޑު ތިން ކުންފުނީގެ ތެރެއިން އެންމެ ބޮޑު ކުންފުންޏެވެ. ޔުކްރޭނުގެ ރަށްފުށުގައި ދިރިއުޅޭ ދޮޅު މިލިޔަނެއްހާ މީހުންނަށް މުވާޞަލާތީ ޚިދްމަތްދޭ ހަމައެކަނި ކުންފުންޏަކީ ކިޔީވް ސްޓާރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *