Support Us

ފަލަސްޠީން މީހުން ގަދަކަމުން ރަށުން ބޭލުމުގެ މުއާމަރާ ތަންފީޒު ކުރުމަށް ޓޯނީ ބްލެއަރ 

ޓޯނީ ބްލެއަރަކީ 2003ގައި އެމެރިކާއިން ޢިރާޤަށް ދިން ޢުދްވާނުގައި ބައިވެރިވެ އެމެރިކާއާއެކު މި ހަނގުރާމައިގައި އިނގިރޭސިވިލާތް ބައިވެރިކުރުވަން އެތައް ބުހްތާން ދޮގުތަކެއް ފަރުމާކުރައްވައި ގައްތަވައިފައިވާ ސިޔާސީ ގީދަޅެކެވެ. 

އެމެރިކާއާއި އިނގިރޭސިވިލާތް ޢިރާޤުގައި ހިންގައިފައިވާ އަނިޔާވެރި ޖަރީމާތަކަށް 11 އަހަރު ފުރުނުފަހުން އިނގިރޭސިވިލާތުގެ ކުރީގެ  ބޮޑުވަޒީރު ޓޯނީ ބްލެއަރ މިއަދު އަނެއްކާ މި ނުކުމެވަޑައިގަންނަވަނީ އެއަށްވުރެ ބޮޑު ޖަރީމާއެއް ހިންގެވުމަށެވެ. އިސްރާއީލުގެ ރޭވުމުގެ މަތިން ފަލަސްޠީނުގެ ނަސްލުހޭދުކޮށް  ޣައްޒާއިން މި ނަސްލު ނައްތައިލުމަށް ޓަކައި އައު ޖަރީމާއެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

އިސްރާއީލު ބުނާގޮތުގައި އެމީހުން މިހާރު މަސައްކަތް ފަށައިފައިވަނީ ޣައްޒާ ހަނގުރާމަ ނިމުމުން ޣައްޒާގައި މަރައިނުލެވި ތިބި ފަލަސްޠީނު މީހުންކޮޅު އެބިމުން ބާލައި އެހެން ޤައުމުތަކެއްގައި ވަޒަންވެރިކުރުވުމަށެވެ. އިސްރާއީލުގެ މި ރޭވުމަށް ދުނިޔޭގެ ޤައުމުތަކުގެ ތާއީދު ހޯދުމުގެ މަސައްކަތްކުރުމަށް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ ޓޯނީ ބްލެޔަރ ކުއްޔަށް ހިފުމަށެވެ. ބްލެޔަރ މިހާރު ވަނީ މި މަސައްކަތްކުރެއްވުމަށް އެއްބަސްވެވަޑައިގަތްފައެވެ.

އިސްރާއީލުގެ ޗެނެލް 12 ބުނާގޮތުގައި މި ދިޔަ ހަފުތާގައި ޓޯނީ ބްލެޔަރ އިސްރާއީލަށް ސިއްރު ދަތުރުފުޅެއް ކުރެއްވިއެވެ.މި ދަތުރުފުޅުގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި ހަނގުރާމަމަތީ ކެބިނެޓްގެ ވަޒީރު ބެނީ ގެންޓްސް އޭނާއާ ބައްދަލުކޮށް މި ފައިލާބެހޭގޮތުން މަޝްވަރާތައް ބޭއްވިއެވެ. 

މި ބައްދަލުވުމުގައި ވާހަކަދެކެވުނީ ޣައްޒާއިން ފަލަސްޠީނު މީހުން ހިޖްރަކުރުވުމަށް ޓަކައި އިސްރާއީލާ ހުޅަނގާ ދެމެދުގައި ޑީލްތަކެއް ހެދުމުގައި ޓޯނީ ބްލެއަރ މެދުވެރިއަކަށް ހެދުމާބެހޭގޮތުންނެވެ.

ފަލަސްޠީނު ސަރުކާރުން ބުނާގޮތުގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ ޓޯނީ ބްލެއަރ ޣައްޒާއިން ފަލަސްޠީނު މީހުން ބޭލުމުގެ މަސައްކަތުގައި އިސްރާއީލުގެ އޭޖެންޓަކަށް ވެވަޑައިގަންނަވަން އުޅުއްވާ ޚަބަރަކީ ފަލަސްޠީނު ވަރަށް ކަންބޮޑުވާ ކަމެކެވެ. ފަލަސްޠީނުން ދަނީ އެ މަސައްކަތަށް ކަޅިއަޅައި ބަލަމުންނެވެ. ފަލަސްޠީނުން ބުންޏެވެ. "އަހުރެމެން އުންމީދުކުރަނީ ފަލަސްޠީނުގެ ނަސްލުހޭދުކުރުމަށް އިސްރާއީލުން ރާވަމުންދާ ރޭވުންތަކުގައި ޓޯނީ ބްލެއަރ ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.”

އެމެރިކާގެ ބުދުކޮއްކޮއެއް

ބީބީސީން 2003ވަނަ އަހަރު ޝާއިޢުކުރި ރިޕޯޓެއް ބުނާގޮތުގައި އެމެރިކާގެ ސިޔާސަތުތަކަށް ބްލެއަރ ތާއީދުކުރައްވާލެއް ބޮޑުކަމުން އޭނާގެ ވާދަވެރިން ސިފަކުރާ ގޮތުގައި ޓޯނީ ބްލެއަރަކީ އެމެރިކާގެ ބުދުކޮއްކޮއެކެވެ. ބީބީސީގެ މި ރިޕޯޓް ބުނާގޮތުގައި އެމެރިކާއާ ޔޫރަޕްގެ ޤައުމުތަކާދެމެދުގައި ވާ ގުޅުންތަކުގެ ފާލަމަކީ އިނގިރޭސިވިލާތެވެ. އަދި ޓޯނީ ބްލެއަރަކީ މުހިއްމު މަސްއަލަތަކާ ބެހޭ އެމެރިކާގެ ޑިޕްލޮމެޓެކެވެ.

ޢިރާޤަށް ރައީސް ބުޝް ދެއްވި ޢުދްވާނީ ޙަމަލާތަކުގައި ޔޫރަޕްގެ ތާއީދު ހޯއްދަވާދެއްވުމަށް ޓޯނީ ބްލެއަރ ވަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވައިފައެވެ. 

ބޮޑުވަޒީރުކަމުން 2007 ގައި ބްލެއަރ ވަކިވެވަޑައިގަތުމުން ބުޝް އޭނާއަށް ވަރަށް ތާރީފު ކުރެއްވިއެވެ. މި ކަމާދެކޮޅަށް ފާޑުކީ މީހުން ސިފަކުރިގޮތުގައި ބްލެއަރަކީ ބުޝްގެ ލޯބިވާ ކުއްތާއެވެ. މިކަމަށް ރައްދުދެއްވައި ބުޝް ވިދާޅުވިއެވެ. "އެއަށްވުރެ އޭނާ މާ މުހިއްމެވެ."

ބްލެއަރގެ މަޤްބޫލްކަން ގެއްލުން

ޓޯނީ ބްލެއަރގެ މަޤްބޫލުކަން ވެއްޓުނީ ޢިރާޤު ހަނގުރާމައިގައި އެމެރިކާގެ އޭރުގެ ރައީސް ބުޝް އަށް ތާއީދު ހޯއްދަވާދެއްވަން ހެއްދެވި ދޮގުތައް ފަޅައި އެރުމުންނެވެ. މި ކަމާބެހޭ ގޮތުން 2016ގައި ކުރެވުނު ތަޙްޤީޤުތައް ބުނާގޮތުގައި 2003 ވަނަ އަހަރު އެމެރިކާއާއެކު ޢިރާޤު ހަނގުރާމައިގައި އިނގިރޭސިވިލާތް ބައިވެރިވުމަށް ބްލެއަރ ދެއްކެވި ޤާނޫނީ އަސާސުތަކަކީ "ރުހުންދެވޭވަރުގެ" ޙުއްޖަތްތަކެއް ނޫނެވެ. ބޮޑުވަޒީރު ޓޯނީ ބްލެއަރ ވަނީ ޙުއްޖަތް ދެއްކެވުމުގައި ޙައްދުފަހަނަޅައިފައެވެ. 

މި ތަޙްޤީޤުތައް ކުރި ކޮމެޓީގެ ރައީސް ޖޯން ޗެލްކޮޓް ވިދާޅުވާގޮތުގައި ޢިރާޤުގައި ހުރިކަމަށް ތުހްމަތު ކުރި "ފަނާކުރަނިވި ހަތިޔާރު" އަކީ އަސްލުގައި ޢިރާޤުގައި ހުރި އެއްޗެއް ނޫނެވެ. ރައީސް ޞައްދާމު ޙުސައިން ވައްޓައިލަން ކުރި ހަނގުރާމައިގައި އިނގިރޭސިވިލާތުގެ 179 ސިފައިން ވަނީ މަރުވެފައެވެ.

މި ރިޕޯޓު ނެރުމުން ޓޯނީ ބްލެއަރ ވަނީ އޭނާގެ ޤަރާރާމެދު ހިތާމަ ފާޅުކުރައްވައިފައެވެ. އަދި އޭނާ ވަނީ މިކުށަށް މާފަށް ވެސް އެދިވަޑައިގަތްފައެވެ. 

ބްލެއަރ އިނގިރޭސިވިލާތުގައި 10 އަހަރު ބޮޑުވަޒީރުކަން ކުރެއްވިއެވެ. އެހެނަސް ޢިރާޤު ހަނގުރާމައިގެ ސަބަބުން އޭނާގެ މަޤްބޫލުކަން ވެއްޓި ސިޔާސީ މަސްރަޙުން ވަކިވެވަޑައިގަތީއެވެ.

ހަނގުރާމައިގެ މުޖްރިމެއް

އެމެރިކާއާއި އިނގިރޭސިވިލާތް ގުޅިގެން ޢިރާޤާ ދެކޮޅަށް ކުރި ހަނގުރާމައިގައި ޢިރާޤުން 600 ހާސް ޢާންމުން މަރުވެފައިވެއެވެ. ޢިރާޤު އެމެރިކާގެ އަޅުވެތިކަމުގެ ދަށަށް ދިޔައެވެ. އަދިވެސް ޢިރާޤަށް މި އުޅެނީ މި އިސްތިޢުމާރުން ސަލާމަތް ނުވެވިގެންނެވެ. ޢިރާޤު ބައިބައިކޮށް ސުންނީންނާއި ޝީޢީންގެ މެދުގައި ފިތުނަފަސާދައިގެ އަލިފާން ރޯކުރިއެވެ. ކުރުދީންނާ ޢަރަބީންނާ ދެމެދުގައި ނަސްލީ އިމްތިޔާޒު ފެތުރިއެވެ.  

މުއްސަނދި މަހުޖަނެއް

ޓޯނީ ބްލެއަރު އެމެރިކާއަށް ކޮށްދެއްވި ޚިދްމަތުގެ އިނާމެއްގެ ގޮތުން މެދުއިރުމައްޗާ ބެހޭ ހަތަރު ބައިވެރިންގެ ކޮމެޓީގެ ވިލަރެސްވެރިޔާކަމުގެ މަޤާމަށް އިސްކުރެވުނެވެ. މި ވަޒީފާގައި ހުންނަވައިގެން އޭނާއަށް ގިނަ ޢަދަދެއްގެ ފައިސާ ލިބިވަޑައިގަންނަވާ ގޮތަށް ސެމިނާރުތަކާއި ނަދްވާތައް ބޭއްވެވިއެވެ. މި ކަމުގެ ސަބަބުން އިނގިރޭސިވިލާތުގައި ބޮޑުވަޒީރުކަން ކުރެއްވި އެންމެ މުއްސަނދި މަހުޖަން ކަމުގައި ޓޯނީ ބްލެއަރ ވެގެންދިޔައެވެ. ދުނިޔޭގެ މުއްސަނދި ބޮޑެތި އިޤްތިޞާދީ އަދި ފިކްރީ މުއްސަސާތަކާއެކު ބޮޑެތި އެއްބަސްވުންތައް ހައްދަވާ އެތަންތަނުން އޭނާގެ ޖީބަށް ފައިސާ އޮހޭނެ ގޮތްތައް ރޭއްވެވިއެވެ. އޭނާ މި ގޮތަށް ޑީލް ހެއްދެވި މުއައްސަސާތަކުގެ ތެރޭގައި ޒިޔުރިޚް މާލީ މުއްސަސާއާއި ޖޭޕީ މޯގަން މުއައްސަސާ ފާހަގަކުރެވެއެވެ.

އިނގިރޭސިވިލާތުގެ ސަން ދުވަހު ނޫސް ބުނާގޮތުގައި ޓޯނީ ބްލެއަރުގެ މުއްސަނދިކަން މިހާރު ވަނީ 100 މިލިޔަނަށް ވުރެ މައްޗަށް ގޮސްފައެވެ. 

ޓައިމްޒް އިން ޝާއިޢު ކުރި ރިޕޯޓެއް ބުނާގޮތުގައި ޓޯނީ ބްލެއަރާއި އޭނާގެ ޢާއިލާއިން ޤާއިމުކޮށްފައިވާ ކުޑަކުދިންނާ ބެހޭ ދަރުމަވެރި ފަންޑަކީ މި ފަންޑަށް މީހުންދޭ ފައިސާ ނާޖާއިޒު ގޮތުގައި ބޭނުންކުރާ ޒިންމާދާރުކަން ކުޑަ މުއައްސަސާއެކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *