Support Us

ފަލަސްޠީނު ރައްޔިތުން ނަސްލުހޭދުގައި އުޅޭތާ 75 އަހަރުވެއްޖެ: މަޑޫރޯ

އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް  ހިންގަމުންދާ ނަސްލުހޭދުގައި އެމީހުން އުޅެމުންދާތާ 75 އަހަރު ވެއްޖެ ކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވެއްޖެއެވެ.

މިއަދު އޭނާ ދެއްވި ބަޔާނެއް ބުނާގޮތުގައި ފަލަސްޠީނު މީހުން ދިރިއުޅެމުންދަނީ "ހޮލޮކޯސްޓް" ގައެވެ. ނުވަތަ  އަނގުރު އަލިފާނުގެ އުދުނެއްގެ ތެރޭގައެވެ. 

ރައީސް މަޑޫރޯ މި ބަޔާންދެއްވީ މެކްސިކޯގެ ލަ ޖޮރްނާޑާ އަށް މިއަދުއެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުން މީގެ ތިން މަސް ކުރިން ޣައްޒާއާ ދެކޮޅަށް ފަށައިފައިވާ ސުންނާފަތިކޮށް ހަލާކުކުރުމުގެ ހަނގުރާމައިގެ ކުރިމަތީގައި ބައިނަލްއަޤްވާމީ މުޖްތަމަޢު އޮތީ ހަނުހިމޭނުންނެވެ. މި ހަނގުރާމައިގެ ސަބަބުން މިހާތަނަށް ވަނީ 22 ހާސް މީހުން ޝަހީދުވެފައެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނެވެ.

"އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ދެމުންދާ ޙަމަލާތަކަކީ ނަސްލުހޭދުއެއް ކަމާމެދު އެއްވެސް މީހަކު ޝައްކެއް ނުކުރެއެވެ." މަޑޫރޯ ވިދާޅުވިއެވެ. "އެޑޮލްފް ހިޓްލަރާއި ނާޒީންގެ ވެރިކަމުގައި ޔަހޫދީން ހޮލޮކޯސްޓަށް ހުށައެޅި ގޮތަށް  މިއަދު ޣައްޒާގެ ރައްޔިތުން ދަނީ ހޮލޮކޮސްޓަށް ހުށައެޅެމުންނެވެ." 

ފަލަސްޠީނު މީހުން މަރައި ހުސްކުރަމުންދާދިޔުން ހުއްޓުވުމަށް ޓަކައި ބައިނަލްއަޤްވާމީ ކޯޓަތަކަށް ޙަރަކާތްތެރިވުމަށް މަޑޫރޯ ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ފަލަސްޠީނު މީހުން މިއަދު ކަތިލަމުން މަރަމުންދަނީ ދުނިޔޭގެ ލޮލަށް ފެންނަ ގޮތަށެވެ. 

އޭނާ ވިދާޅުވިގޮތުގައި މި ފަދަ ޢަމަލުތަކާ ހެދި ޢީސާގެފާނު އުފަންވެވަޑައިގެންނެވި ބައިތު ލަޙްމުގައި މިއަހަރު ކްރިސްމަސް ފާހަގައެއް ނުކުރެވެއެވެ. 

އޭނާ ވިދާޅުވިއެވެ. "ނަސްލީ އިމްތިޔާޒުގެ ވެރި ޞިހްޔޫނީން  ނައްތައިލަން ބޭނުންވަނީ ހަމައެކަނި ފަލަސްޠީނު މީހުންނެއްނޫނެވެ. ޢަރަބި މުސްލިމުންނާއި ޢަރަބި މަސީޙީންވެސްމެއެވެ."

ކަރަކާސްގައި ހުންނަވާ ފަލަސްޠީނުގެ ސަފީރު ފާދީ އައްޒައިން ބައިވެރިކުރައްވައިގެން ރައީސް މަޑޫރޯ ބޭއްވެވި މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި ނާޒީ ފިކްރަށްވުރެ  ޞިހްޔޫނިއްތުގެ ނުރައްކާތެރިކަން މާ ބޮޑެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *