Support Us

ލުބްނާނު ސަރަޙައްދު ކައިރީގައި އިސްރާއީލު ތައްޔާރީ ހާލަތަށް

އިސްރާއީލުން ޙަމާސްގެ ސިޔާސީ އޮފީހުގެ ނައިބު ރައީސް ޞާލިޙުލް ޢާރޫރީ ލުބްނާނުގައި އަވަހާރަކޮށްލުމާ ވިދިގެން ލުބްނާނު އިސްރާއީލް ސަރަޙައްދީ ރޮނގު ކައިރީގައި އިސްރާއީލުން ތައްޔާރީ ޙާލަތު އިޢުލާންކޮށްފިއެވެ. އެއީ ޙިޒްބުﷲ ޖަމާޢަތުން އިސްރާއީލުގެ މި ޢަމަލަށް ރައްދުދީފާނެތީއެވެ.

އިސްރާއީލު ލަފާކުރާގޮތުގައި ޙިޒްބުﷲއިން މާ ވަރުގަދަ ރައްދެއް ނުދޭނެއެވެ. އެ ކަމުގެ ސަބަބުން ހަނގުރާމައެއް ނުފެށޭނެއެވެ. 

މި ފިޔަވަޅުގެ ދަށުން އިސްރާއީލުން ވަނީ ދަގަނޑު ޤުއްބުގެ ދިފާޢީ ނިޒާމު ލުބްނާން ސަރަޙައްދީ ރޮނގުގައްޔާއި ޖަލީލުގެ އުސް ސަރަޙައްދުތަކުގައި ވަރުގަދަކޮށްފައެވެ. ޖަޒީރާ ބުނާގޮތުގައި އިސްރާއީލުން މި ޙާލަތު އިޢުލާން ކުރީ ބޮޑުވަޒީރު ނަތަންޔާހޫއާއި ދިފާޢީ ވަޒީރު ގެލެންޓާއި ހަނގުރާމަމަތީ ކެބިނެޓްގެ ވަޒީރު ބެނީ ގެންޓްސްއާ ބައްދަލުކޮށް މަޝްވަރާކުރުމަށްފަހުގައެވެ. 

ޞާލިޙުލް ޢާރޫރީ ބައިރޫތުގެ ދެކުނު ރަށްބޭރުގައި އުޅުއްވަނިކޮށް އަވަހާރަކޮށްލީ ޑްރޯން ޙަމަލާއަކުންނެވެ. އިސްރާއީލާއި އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި މި ޙަމަލާއަކީ އިސްރާއީލުން ދިން ޙަމަލާއެކެވެ. މި ޙަމަލާއަށް ޙިޒްބުﷲއިން ރައްދުދޭނެ ކަމަށް ލަފާކުރެވެއެވެ.

އެހެނަސް އިސްރާއީލުގެ ރަސްމީ ރޭޑިއޯ ބުނާގޮތުގައި ޖާސޫސީ ރިޕޯޓުތައް ބުނާގޮތުގައި ޙިޒްބުﷲ އިން ދޭނީ "މެދުމިންވަރުގެ ރައްދެއް" ކަމަށް ލަފާކުރެވެއެވެ. އިސްރާއީލުން ޢާރޫރީއަށް ދިން ޑްރޯން ޙަމަލާގައި ޤައްސާމު ފައުޖުގެ އިސް ދެ ބޭފުޅަކާއި މުޤާވަމާގެ ހަތަރު ޢުންޞުރެއް ޝަހީދުކޮށްލައިފާ ވެއެވެ. 

ޙިޒްބުﷲއިން ބުނިގޮތުގައި އިސްރާއީލުގެ މި ޖަރީމާއަކީ ލުބްނާނަށް ދިން ޙަމަލާއެކެވެ. ޙިޒްބުﷲއިން ބުނިގޮތުގައި މިއީ "ލުބްނާނަށާއި ލުބްނާނުގެ ރައްޔިތުންނަށާއި ލުބްނާނުގެ އަމްނަށާއި ސިޔާދަތަށް ދިން ޙަމަލާއެކެވެ. މި ޙަމަލާގައި ސިޔާސީ އަދި ސަލާމަތީ އެތައް މާނަތަކެއް ހިމެނެއެވެ." 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *