Support Us

ސުލައިމާނީ އަވަހާރަކޮށްލި މަސްއަލައިގައި ޖަވާބުދާރީވުމަށް މުހްލަތުދީފި 

އީރާނުގެ އިންޤިލާބީ ލަޝްކަރުގެ ޤުދްސު ފައުޖުގެ ވެރިޔާ ޤާސިމު ސުލައިމާނީ އެމެރިކާއިން އަވަހާރަކޮށްލި މަސްއަލައާ ބެހޭގޮތުން ވާހަކަދެއްކުމަށް އެދި އީރާނުން ހުށައެޅި ހުށައެޅުމަށް އެމެރިކާއިން ޖަވާބެއް ނުދިނުމުން އެ މަސްއަލަ ޙައްލުކުރުމަށް ޓަކައި ނިޔާވެރިއަކު މެދުވެރިކުރުމަށް އެދި ޠަހަރާނުން ވޮޝިންގްޓަނަށް ރަސްމީ ލިޔުމެއް ފޮނުވައިފިއެވެ.

އީރާނުގެ ރިޔާސީ އޮފީހުގެ ޤާނޫނީ އަދި ބައިނަލްއަޤްވާމީ ކަންކަމާބެހޭ މަރްކަޒުގެ ރައީސް ތަވައްކުލް ޙަބީބު ޒާދާ އީރާނުގެ ނޫސް އޭޖެންސީއަށް މި ކަން ހާމަކުރެއްވީ އެ ފައިލާބެހޭގޮތުން ވަހަކަފުޅު ދައްކަވަމުންނެވެ.

ޙަބީބު ޒާދާ ވިދާޅުވިގޮތުގައި ޑިޕްލޮމެޓުންނަށް ދޭންޖެހޭ ޙިމާޔަތާ ބެހޭ 1973 ވަނައަހަރުގެ އެއްބަސްވުން ބުނާގޮތުގައި މިފަދަ ބޭފުޅުންނަކީ ބައިނަލްއަޤްވާމީ ޤާނޫނު ޙިމާޔަތްދޭ ބަޔެކެވެ. މި އެއްބަސްވުމުގެ 13ވަނަ މާއްދާ ބުނާގޮތުގައި މިފަދަ ބޭފުޅަކާ ދެކޮޅަށް އެއްވެސް ފަރާތަކުން ޖަރީމާއެއް ހިންގައިފިނަމަ އެ މަސްއަލަ ޙައްލު ކުރާނީ ދެ ފަރާތުގެ ދެމެދުގައި ވާހަކަދައްކައިގެންނެވެ. މި އެދުމަށް އިޖާބަނުދީފިނަމަ ނިޔާވެރިއަކު މެދުވެރިކޮށް މަސްއަލަ ޙައްލުކުރުމަށް އެދެންވާނެއެވެ.

ޙަބީބު ޒާދާ ވިދާޅުވިގޮތުން މި ކަމަށް އެދޭތާ ހަ މަސްދުވަހުގެ ތެރޭގައި އެކަމަށް އިޖާބަދޭން ޖެހޭނެއެވެ. މި އެދުމަށް އިޖާބަނުދީފިނަމަ ދެން އެ މަސްއަލަ ހުށައަޅަންޖެހޭނީ ބައިނަލްއަޤްވާމީ އިންސާފު ކޯޓަށެވެ.

އީރާން ބުނާގޮތުގައި ނިޔާވެރިއަކު މެދުވެރިކޮށް މަސްއަލަ ޙައްލުކުރުމަށް އީރާނުން ވަނީ މީގެ ދޮޅުމަސްކުރިން އެދިފައެވެ. ވޮޝިންގްޓަނުން އެޕްރިލް ނިމުމުގެ ކުރިން މި ހުށައެޅުމަށް އިޖާބަދޭންޖެހޭނެއެވެ.

އީރާނުގެ ޤަޟާއީ ބާރުތަކުން ބުނާގޮތުގައި އީރާނުގެ ކޯޓަކުން ވަނީ މި މަސްއަލަ ބަލައި އެމެރިކާގެ މައްޗަށް 50 ބިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށް ނިޔާކަނޑައަޅައިފައެވެ. ޤާސިމު ސުލައިމާނީ އަވަހާރަކޮށްލައިފައިވަނީ 2020ގައި ޢިރާޤަށް ވަޑައިގެންނެވިތަނާ އެމެރިކާގެ ރައީސް ޓްރަމްޕްގެ ސީދާ އަމުރުފުޅަށް އެމެރިކާގެ ޢަސްކަރިއްޔާއިން ދިން ޑްރޯން ޙަމަލާއަކުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *