Support Us

2023 ގެ މުހިއްމު ބައެއް ހާދިސާތައް 

ދީމުޤްރާޠިއްޔަތަށް ރަނގަޅު އަހަރެއްނޫން 

ދާރިސުންނާއި މުޙައްލިލުން ވިދާޅުވާގޮތުގައި 2023ވަނަ އަހަރަކީ ދުނިޔޭގެ ދީމުޤްރާޠީ ނިޒާމަށް ރަނގަޅު އަހަރެއްނޫނެވެ. ޢާލަމީ ދީމުޤްރާޠީ ނިޒާމު ފުޅައުކުރުމުގެ ބިޔަ ރާޅަކަށް އިންތިޒާރު ކުރެވުނު ނަމަވެސް އަހަރު ފާއިތުވެގެން ދިޔައީ ވަރަށް މާޔޫސްކަމާއެކުގައެވެ. ފްރީޑަމް ހައުސް މުއައްސަސާ ބުނާގޮތުގައި 2023ވަނަ އަހަރަކީ ދީމުޤްރާޠީ ނިޒާމާއި ޙުއްރިއްޔަތު ފަހަތަށް ޖެހުނު 17ވަނަ އަހަރެވެ.

ހުސްވި އަހަރު އެފްރިކާގައި ވަނީ އިންޤިލާބީ ވަބާ އިތުރަށް ފެތުރިފައެވެ. މިއަހަރުގެ ޖުލައިގައި ނައިޖަރު ސިފައިން ވަނީ އެ ޤައުމުގައި ދީމުޤްރާޠީ އިންތިޚާބުން ހޮވައިފައިވާ ރައީސް ވެރިކަމުން ވައްޓައިލައި ސިފައިން ވެރިކަމާ ޙަވާލުވެފައެވެ. އަވަށްޓެރި ބައެއް ޤައުމުތަކުން ނައިޖަރުގެ މަސްއަލައާ ބެހެން އުޅުނު ނަމަވެސް އަނެއްބައި ޤައުމުތަކުން ވަނީ އެ ޙާލަތުގައި ހަނގުރާމަ އިޢުލާންކުރާނެކަމުގެ އިންޒާރުދީފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓްގައި ގެބޯންގައި ސިފައިން ވަނީ ވެރިކަމަށް އިސްވެފައެވެ.

ތައިލެންޑްގައި މިދިޔަ އަހަރުގެ މޭމަހު ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ އެ ޤައުމުގެ އައު ޕްރޮގްރެސް ޕާޓީއެވެ. އެހެންނަމަވެސް ފަރުދާގެ އަނެއް ފަރާތުގައި ސިފައިން ތިބެގެން ތައިލެންޑްގައި ޤާއިމު ކުރެވުނީ ޢަސްކަރީ މުއައްސަސާއަށް ތާއީދުކުރާ ސަރުކާރެކެވެ. އިންތިޚާބުގައި ގިނަ ގޮނޑި ކާމިޔާބު ކުރި ޕާޓީއަށް އޮންނަން ޖެހުނީ ކުޅި ބަލާށެވެ.

ހުޅަނގުގެ ދީމުޤްރާޠީ ޤައުމުތަކަށް ބަލާއިރު އެ ޤައުމުތަކުގައި ބޭއްވުނު ގިނަ އިންތިޚާބުތައް ކާމިޔާބުކޮށްފައިވަނީ ޙައްދުފަހަނަޅައިފައިވާ ކަނާތު ފިޔައިގެ ޕާޓީތަކެވެ. މިއީ ޔޫރަޕްގެ ޒަމާންވީ ދީމުޤްރާޠީ ނިޒާމު ރޫޅިގެންދާ ކަމުގެ ސާފު ޢަލާމާތެކެވެ.

ގުއަޓިމާލާގައި އިންތިޚާބު ކުރެވުނު ރައީސް ވެރިކަމަށް އިސްވިޔަ ނުދިނުމަށް ޓަކައި އެ ޤައުމުގެ ބަންޑާރަ ނައިބު މަސައްކަތް ކުރައްވައިފައި ވެއެވެ.

ޕެރޫގައި ބަރްލަމާނުގެ މެންބަރުންނަށް ފިއްތުމަށް ޓަކައި އެބޭފުޅުންގެ މައްޗަށް ފަސާދައިގެ މަސްއަލަތަކެއް ތުހްމަތުކޮށް ތަޙްޤީޤުކުރުމުގެ މަސައްކަތްތަކެއް ބަންޑާރަ ނައިބު ފެށްޓެވިއެވެ. އަމާޒަކީ ސަރުކާރުގެ ވާގިވެރިން މަޤާމުތަކަށް އިސްކުރުމާއި އެ މަޤާމުތަކުގައި ދެމެހެއްޓުމެވެ.

އެމެރިކާއަށް ބަލާއިރު 2024ގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގެންނެވުމަށް މަސައްކަތްކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވާގޮތުގައި އޭނާގެ އިދިކޮޅު ބޭފުޅުންނަކީ "ފަނިފަކުސަތަކެކެވެ." އޭނާ ވިދާޅުވާ ގޮތުގައި އޭނާ ވައިޓްހައުސްއަށް އެނބުރި ވަޑައިގެން "ޚުދްމުޚްތާރުވެ ވަޑައިގަންނަވާނީ ހަމަ އެންމެ ދުވަހަކަށެވެ." އޭނާ ވިދާޅުވިގޮތުގައި އޭނާ ރިޔާސަތު އަނަފާކުރައްވާނީ އޭނާގެ ސިޔާސީ ދުޝްމަނުންނަށެވެ.

ހަވާގެ ވާދަވެރިކަން

މީގެ 150 އަހަރު ކުރިން ދީފައިވާ ނަސޭހަތަކީ "ހުޅަނގަށް ކުރިމަތިލާށެވެ!" އެހެނަސް މިއަދުގެ ނަސޭހަތަކީ "ހަވާއަށް ދާށެވެ!" މިއަދު ޤައުމުތަކާއި ކުންފުނިތައް ވާދަކުރަނީ ހަވާއަށް ދެވޭތޯއެވެ. މިއަދު 77 ޤައުމެއްގައި ހަވާއާބެހޭ އެޖެންސީތައް އެބަހުއްޓެވެ. އަދި 16 ޤައުމެއްގެ ކިބައިގައި ހަވާއަށް އެއްޗެހި އުފުލުމުގެ ޤާބިލްކަން އެބަ ހުށްޓެވެ. މިދިޔަ އަހަރު އިންޑިޔާ ވަނީ ހަނދަށް އުޅަނދެއް ފޮނުވައިފައެވެ. އެއީ ހަނދަށް އުޅަނދެއް ތިރިކުރުވި ހަތަރުވަނަ ޤައުމެވެ. ރަޝިޔާއާއި އެމެރިކާއާއި ޗައިނާއަށް ފަހުގައެވެ.

ހަވާއާބެހޭ ހޯދުންތައް ހޯދުމުގައި ވާދަވެރިކަން ބޮޑުވެ މިހާރު ވަނީ އެ މަސްއަލަ ޖިޔޯސިޔާސީކަމަކަށް ވެފައެވެ.

އެމެރިކާގެ އަތްގަދަކުރުން ހަވާގައި ވެސް ބޭއްވުމަށް ޓަކައި ބޭރު ހަވާ ބޭނުންކުރުމާއި މަދަނީ ބޭނުންތަކަށް ޓަކައި ހަވާ ބޭނުންކުރުމާބެހޭ މުޢާހަދާއެއް ހުށައެޅިއެވެ. އެހެނަސް ޗައިނާ ފަދަ އެތައް ޤައުމުތަކަކުން އެމެރިކާގެ މި ހުށައެޅުމާ ދެކޮޅު ހެދުމުން މި މުޢާހަދާ ވަނީ މަރުވެފައެވެ.

މިފަދަ މުޢާހަދާއަކާ ދިމާއަށް އެމެރިކާއިން މިސްރާބު ޖަހަނީ SpaceX އާއި Blue Origin އާއި Virgin Galactic ފަދަ ބޮޑެތި ކުންފުނިތަކަކީ އެމެރިކާގެ ވިޔަފާރި ކުންފުނިތަކެއް ކަމުގައި ވާތީއެވެ. މިހެންވެ އެމެރިކާގެ މަސައްކަތަކީ ހެޔޮ ނިޔަތެއްގައި ކުރާކަމެއް ކަމަށް ނުދެކެއެވެ.

ހަވާއާ ބެހޭ މަސްއަލަތަކުގެ ތެރޭގައި ހަވާގެ ކުނިގޮނޑުގެ މަސްއަލަވެސް ހިމެނެއެވެ.

އިންޑިޔާ ޗައިނާ ބަލިކޮށްފި

ހުސްވި 2023ވަނަ އަހަރު އާބާދީގެ ޢަދަދުގައި އިންޑިޔާ ވަނީ ޗައިނާ ބަލިކޮށްފައެވެ. އިންޑިޔާގެ އާބާދީގެ ޢަދަދު މިދިޔަ އަހަރުވަނީ 1.43 ބިލިއަނަށް އިތުރުވެ ދުނިޔޭގެ އެންމެ މީސް ގިނަ ޤައުމުކަމުގައި ވެފައެވެ. މިހާރުގެ ތަފާސްހިސާބުތައް ބުނާގޮތުގައި އެންމެ އާބާދީ ބޮޑު ޤައުމުގެ ގޮތުގައި އިންޑިއާ ކުރިއަށް އޮތް އެތައް ދަހަރުތަކެއްގައި ދެމި އޮންނާނެއެވެ. މި ސައްތައިގެ މެދުތެރެއަށްދާއިރު ޗައިނާގެ އާބާދީން 100 މިލިއަން މީހުން މަދުވާނެއެވެ. އެހެނަސް ޗައިނާ މީހުންގެ އެވްރެޖު ޢުމުރު 39 އިން 51 އަށް މަތިވެގެންދާނެއެވެ. މި ސައްތައިގެ މެދުތެރެއަށްދާއިރު އިންޑިޔާގެ އާބާދީ 1.7 ބިލިޔަނަށް އިތުރުވާނެއެވެ. އެ ޤައުމުގެ މީހުންގެ އެވްރެޖް ޢުމުރަކަށް ވާނީ 39 އަހަރެވެ.

އަޒަރްބައިޖާނުން ނަގަރްނޯ ކަރްބާޚު ހިފުން

ސޮވިއެޓް ޔުނިޔަން ރޫޅިގެންދިޔުމާ ވިދިގެން އުފަންވި ބައެއް ޤައުމުތަކަކީ އެ ޤައުމުތަކުގައި އުޅޭ ބައެއް ދަރިފަސްކޮޅުތަކާ އެބައިމީހުންގެ ވަޠަނާ އަރާރުންވާ ގޮތަށް އުފެދިފައިވާ ޤައުމުތަކެކެކެވެ. މި ކަމުގައި އެންމެ ރަނގަޅު މިސާލަކީ އަޒަރްބައިޖާނާއި އަރްމީނިޔާއެވެ. އަޒަރްބައިޖާނުގެ އެތެރޭގައި އޮންނަ ނަގަރްނޯ ކަރްބާޚުގެ ވަޒަންވެރިންނަކީ އަރްމަނުންނެވެ. އެހެނަސް ބިމަކީ އަޒަރްބައިޖާނުގެ ސަރަޙައްދެކެވެ.

އަދި 1991ގެ ފަހުކޮޅުގައި ކުއްލިއަކަށް ނަގަރްނޯ ކަރްބާޚު އަޒަރްބައިޖާނާ ވަކިވެ މިނިވަން ދައުލަތެއް އިޢުލާން ކުރިއެވެ. މި ކަމުގެ ސަބަބުން އަޒަރްބައިޖާނާ އަރްމީނިޔާއާ ދެމެދުގައި ހަނގުރާމަ ފެށުނެވެ.ރަޝިޔާ މެދުވެރިވެގެން ހަނގުރާމަ ހުއްޓުނީ 1994 ގައެވެ. މި ހަނގުރާމައިގައި ނަގަރްނޯ ކަރްބާޚުން އަޒަރްބައިޖާނުގެ ބިމުން ބައެއް ހިފިއެވެ. ޢަމަލީގޮތުން ނަގަރްނޯ ކަރްބާޚު މިނިވަންވިއެވެ. މި ޙާލަތުގައި 2020 އާ ހަމައަށް ދެމިއޮތެވެ. އަދި 2020ގެ ސެޕްޓެންބަރުގައި ހަނގުރާމަ އަލުން އައުވެގެންދިޔައެވެ. ހަ ހަފުތާފަހުން ހަނގުރާމަ ހުއްޓައިލިއިރު ނަގަރްނޯ ކަރްބާޚުގެ ބޮޑު ބައެއް ވަނީ އަޒަރްބައިޖާނުން ހިފައިފައެވެ. މި ފަހަރުވެސް ހަނގުރާމަ ހުއްޓުނީ ރަޝިޔާ މެދުވެރިވެގެންނެވެ. 2023 ގެ ސެޕްޓެންބަރުގައި އަޒަރްބައިޖާނުން ކުއްލި ޙަމަލާއެއް ދީ ހަފުތާއެއްގެ ތެރޭގައި ނަގަރްނޯ ކަރްބާޚު ހިފިއެވެ. މިކަމާވިދިގެން އެ ސަރަޙައްދުގައި ދިރިއުޅުނު އަރްމަނުންގެ 85% މީހުން އެ ސަރަޙައްދު ދޫކޮށް އަރްމީނިޔާއަށް ދިޔައެވެ. މި ޙަމަލާގެ ސަބަބުން އަރްމީނިޔާގައި ގަނޑުބަޑުތައް އުފެދުނެވެ. އަރްމަނު މީހުންނަށް ރައްކައުތެރިކަން ދިނުމުގައި އަރްމީނިޔާ ނާކާމިޔާބުވެފައިވާތީއެވެ.

ސޫދާނުގެ އަހްލީ ހަނގުރާމަ

ސޫދާނު 2023 ގައި ދީމުޤްރާޠީ ދައުލަތަކަށް ވުމުގެ ބަދަލުގައި ފެނިގެން ދިޔައީ ސޫދާނު ހަލަބޮލިވެ އަނަފާވެރިން ފުރްޞަތުގެ ބޭނުންކުރަމުން ދިޔަތަނެވެ. މި ހަލަބޮލިކަމުގެ މޫތައް ފައިބާފައި ވަނީ 2019ގައި ސިފައިންގެ ވެރިން އިސްވެތިބެގެން ފެށި އިޙްތިޖާޖުތަކަށެވެ. މި އިޙްތިޖާޖުތަކާ ވިދިގެން ރައީސް ބަޝީރު ވެރިކަމުން ވަކިކުރެވުނެވެ. ރައީސް ބަޝީރުގެ ވެރިގެން ވައްޓައިލި ހިސާބުންނެވެ.

މި ގަޑުބަޑުތަކުގެ ތެރޭގައި ސިފައިންގެ ވެރިޔާ ޢަބްދުލްފައްތާޙުލް ބުރްހަނާއި އަވަސް ޙަރަކާތުގެ މިލީޝިޔަ ބާރުތަކުގެ ވެރިޔާ މުޙައްމަދު ޙަމްދާން (ޙަމީދަތީ) ދިޤްލޫ އައު އިންޤިލާބެއް ގެންނެވިއެވެ. ނަމަވެސް ޢާންމު ރައްޔިތުންގެ ފިއްތުންތަކުގެ ސަބަބުން 2022 ގައި ދެ އަހަރު ދުވަހުގެ އިންތިޤާލީ މަރްޙަލާއެއް އިޢުލާން ކުރެއްވިއެވެ. މި އެއްބަސްވުމުގެ ސަބަބުން ބުރްހާނާއި ޙަމީދަތީ ބާރުގައި އެއްވަރު ދެ ޒަޢީމުންނަށް ވެގެންދިޔައެވެ. އަދި އަވަސް ޙަރަކާތުގެ ހަނގުރާމަވެރިން ސޫދާނުގެ ރަސްމީ ސިފައިންނާ އެއްކޮށް އެއްބާރަކަށް ހެދުމަށް ނިންމުނެވެ. އެހެނަސް ޙަމީދަތީ މި އެއްބަސްވުން 15 އެޕްރީލް 2023 ގައި އުވާލައްވައި ސިފައިންނަށް ޙަމަލާތައް ދެއްވަން ފެށްޓެވިއެވެ. މި ޙަމަލާތަކުގައި ޙަމީދަތީގެ ބަރުތައް ވެރިރަށް ޚުރްޠޫމުގެ ބޮޑު ބައެއް ހިފިއެވެ.އަދި ބުރްހާނުގެ ސިފައިން ސޫދާނުގެ ކަނޑުގެ މައިރަށް ޕޯޓް ސޫދާން ހިފިއެވެ. މި އަހަރު ނިމުނުއިރު ސޫދާން ވަނީ ޚަރާބުކޮށް ހަލާކުކޮށްފައެވެ. ޙަމީދަތީއަށް ބޭރުގެ އެތައް ބާރުތަކެއް ވާގިވެރިވަމުންދާކަން ފާހަގަ ކުރެވެއެވެ.އެފްރިކާގެ އެތައް ޤައުމުތަކަކާއި ލީބިޔާގެ ޙަފްތަރުގެ ބާރުތައް މި މުއާމަރާގައި ހިމެނެއެވެ. މި ހަނގުރާމައިގެ ސަބަބުން ސޫދާނުގެ ބިނާރުތަކާއި މުއްސަނދިކަން ވަނީ ހަލާކުވެގެން ގޮސްފައެވެ. ސޫދާނުގެ އާބާދީގެ 15 % ވަނީ މަގުމަތިވެ ވިއްސިވިހާލިވެފައެވެ.

އެމެރިކާ ޗައިނާ ގުޅުންތައް ނުތަނަވަސްވެ އުތުރިއެރުން

ހުސްވި 2023 ފެށުނީ އެމެރިކާ ޗައިނާ ގުޅުން ރަނގަޅުވެދާނެކަމުގެ ފޮނި އުންމީދަކާއެކުގައެވެ. ޖަމާޢަތް 20 ގެ ބާލީ ސަމިޓްގެ ހަވާސާ މަތީގައި ރައީސް ބައިޑެނާއި ރައީސް ޝީ ބައްދަލު ކުރެއްވުމަކީ މޭވާގަތް ބައްދަލުވުމެއް ކަމަށް ސިފަކުރެވުނެވެ. މި އަހަރުގެ ފެބްރުވަރީގައި ޚާރިޖީވަޒީރު ބްލިންކެން ބޭޖިންގަށް ވަޑައިގަތުމަށް އޮތީ ހަމަޖެހިފައެވެ. ޗައިނާ އެމެރިކާ ޖިއޯ ސިޔާސީ ވާދަވެރިކަމުގެ ކުރިމަތީގައި "ޙިމާޔަތުގެ ފާރެއް" ލުމަށް ޓަކައެވެ. ނަމަވެސް ޗައިނާގެ ބެލޫންޏެއް އެމެރިކާތެރެއަށް ވަދެ ހަފުތާއެއްހާ ދުވަސްވަންދެން އުޅުނު މަސްއަލައިގެ ސަބަބުން ދެ ޤައުމުގެ ގުޅުން ހޫނު ފެނަށް ވެއްޓިގެން ދިޔައެވެ. ޗައިނާ ބުނާގޮތުގައި އެއީ މޫސުމާބެހޭ ދިރާސާތައް ކުރުމަށް ޗައިނާއިން އެރުވި ބެލޫންޏެކެވެ.އެ ބެލޫނި އެމެރިކާތެރެއަށް ވަނީ މިސްރާބު ކައްސައިލައިގެންނެވެ. ނަމަވެސް ބޭޖިންގުން ބުނިބުނުން ވޮޝިންގްޓަނުން ބަލައެއް ނުގަތެވެ.

މި ޙާދިސާގެ ސަބަބުން އެ ދެ ޤައުމުގެ ދެމެދުގައި ވާ ގުޅުންތައް ނުބައި ވިއެވެ. މި ކަމުގެ ސަބަބުން އެމެރިކާގެ ޚާރިޖީ ވަޒީރުގެ ބޭޖިންގ ދަތުރުފުޅު ފަސްކުރެއްވިއެވެ. މިކަމާ ވިދިގެން އެމެރިކާގެ ދިފާޢި ވަޒީރު އޮސްޓަން ޗައިނާގެ މަސްއޫލުވެރިންނާ ގުޅުއްވަން ކުރެއްވި މަސައްކަތަށް ޗައިނާއިން ވަނީ އިޖާބަނުދީ ދޮރު ތަޅުލައިފައެފެ. ނަތީޖާއަކަށްވީ ބޮޑު ދެ ބާރުގެ ދެމެދުގައި އޮތް ގުޅުން ކެނޑުމެވެ. މި ނުތަނަވަސްކަން ކުޑަކުރުމަށް ދެ ޤައުމުން ވެސް މަސައްކަތްކުރިއެވެ. މި ކަމުގެ ސަބަބުން ޚާރިޖީ ވަޒީރު ބްލިންކެން ޖޫންގައި ބޭޖިންގަށް ޒިޔާރަތްކުރެއްވިއެވެ.މި ޒިޔާރަތަކީ އެމެރިކާގެ ޚާރިޖިއްޔާއިން ސިފަކުރިގޮތުގައި "ބިނާކުރަނިވި" ޒިޔާރަތެކެވެ. އެހެނަސް އެމެރިކާއިން ޗައިނާގެ ވިޔަފާރިއަށް ހުރަސްއެޅުން ހުއްޓައެއް ނުލިއެވެ. އެމެރިކާއިން ތައިވާނަށް ދެމުންގެންދާ އެހީތައް މަދެއް ނުކުރިއެވެ. އަދި އޭޝިޔާގައި އޮންނަ އެމެރިކާގެ ޢަސްކަރީ ބާރު ކުޑައެއް ވެސް ނުކުރިއެވެ. އެހެންކަމުން ޗައިނާ އެމެރިކާ ގުޅުމަށް ހެޔޮ ބަދަލެއް ނައެވެ.

އެއަށްފަހު ޝީއާއި ބައިޑެން 2023 ގައި ސޭން ފްރެންސިސްކޯގައި އައިބެކް ސަމިޓްގެ ހަވާސާމަތީގައި ބައްދަލު ކުރެއްވިއެވެ. މި ސަމިޓްގެ ސަބަބުން ބޮޑު ނަތީޖާއެއް ނުނުކުމެއެވެ. މޭވާގަތް ސަމިޓެކޭ ވިދާޅުވުމަށްފަހު ޝިއަކީ ޚުދްމުޛްތާރު ވެރިއެކޭ ވިދާޅުވިއެވެ. އަހަރު ނިމުނީ މަސްރަޙަށް އެއްވެސް ފިނިކަމެއް ނުލިބިއެވެ.

ޔުކްރޭންގެ އިދިކޮޅު ޙަމަލާ އަގު ބޮޑު ނަތީޖާ ކުޑަ 

އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ޔުކްރޭނަށް ހަތިޔާރާއި ފައިސާއާއި ލޮޖިސްޓިކް އެހީތައް ދީގެން ރަޝިޔާއާ ދެކޮޅަށް ޔުކްރޭނުން 2023ގެ ޖޫނުގައި ފެށި އިދިކޮޅު ޙަމަލާތައް ކުރިއަށް ގޮސްފައި ވަނީ އިތުރު ގެއްލުންތަކާއެކުގައެވެ. ރަޝިޔާއިން ފިނިމޫސުމާއި ރަބީޢުމޫސުން ބޭނުންކޮށްފައިވަނީ ޔުކްރޭންގެ މި އިދިކޮޅު ޙަމަލާއަށް ތައްޔާރުވެ ދިފާޢުތައް ވަރުގަދަކުރުމަށެވެ. މި ހުސްވި ނޮވެންބަރު މަހު ޔުކްޜޭނުގެ ޖެނެރަލަކު ސިފަކުރެއްވި ގޮތުގައި މި ހަނގުރާމައަކީ "ބެދިފައިވާ މަގެކެވެ." އޭނާ އެއްބަސްވެވަޑައިގަތްފައިވާ ގޮތުގައި "ފުނަށް ވަދެވިފައެއް ނުވެއެވެ. ސަފުތައް ފޫއަޅުވައިލެވިފައެއް ނުވެއެވެ."

ދާރިސުންނާއި މުޙައްލިލުން ވިދާޅުވެފައިވާ ގޮތުގައި 2023 ގައި ރަޝިޔާއިން ވަނީ ބަޚްމޫތުފަދަ މުހިއްމު އެތައް ރަށެއް ހިފައިފައެވެ. ހުޅަނގުގެ މީޑިއާތަކުން ޔުކްރޭންގެ އިދިކޮޅު ޙަމަލާތައް ވަރަށް އޮފުދާރުކޮށް ވަރަށް ފުޅައުކޮށް ފަތުރަމުން ދިޔަނަމަވެސް އެމީހުންނަށް އެންމެ ފިޔަވަޅެއް ވެސް ކުރިއަށް އެޅިފައެއްނުވެއެވެ. މިލިޓޮޕޮލް ސަހަރު ޙިޞާރުކޮށް އާޒޯފް ކަނޑު ހުރަސްކޮށް މާރިޔޯޕޯލް ސަހަރުތެރެއިން ކްރެމިޔާ ސަރަޙައްދާ ހަމައަށް ވާޞިލުވުމުށް ވަރަށް ބުރަ މަސައްކަތްތަކެއް ޔުކްރޭނުން ކުރިއެވެ.

ހުޅަނގުން ޔުކްރޭނަށް ވަނީ 5،200 ޓޭންކާއި 1،300 ބޮޑުބަޑިއާއި ހަނގުރާމަމަތީ 100 މަތިންދާބޯޓާއި ހެލިކޮޕްޓަރާއި 23،000 ޑްރޯން ދީފައެވެ. މީގެއިތުރަށް އެމެރިކާއާއި ޔޫރަޕުން ވަނީ 100 ހާސް ޔުކްރޭން ސިފައިންނަށް ނޭޓޯގެ ޒަމާނީ ހަތިޔާރުތައް ބޭނުންކުރުމަށް ތަމްރީން ދީފައެވެ.

ރަޝިޔާއިން ވަނީ 2023 ގައި ޔުކްރޭނަށް ފޮނުވި ސިފައިންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. ޔުކްރޭން ހަނގުރާމަ ކުރިއަށް ދިޔައިރު ރަޝިޔާގެ އިޤްތިޞާދު ވެސް ވަނީ ކުރިއަރައިފިއެވެ.

ޔުކްރޭން ހަނގުރާމަ ދިގުލުމުގެ ސަބަބުން އެމެރިކާއަށާއި ހުޅަނގުގެ ޖީބަށް ވަނީ ވަރަށް ބުރަވެފައެވެ.އެމެރިކާގެ ކޮންގްރެސްއިން ވަނީ ޔުކްރޭނަށް އިތުރު އެހީ ދިނުމާ ދެކޮޅު ހަދައިފައެވެ. ހުޅަނގުން ދަނީ ޙަމަލާ ދިނުމުގެ ބަދަލުގައި ދިފާޢަށް ފޭބުމަށް ޔުކްރޭނަށް ގޮވައިލަމުންނެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބަކީ ވެސް ޔުކްރޭނާ ކުރިމަތިވެފައިވާ މަސްއަލައެކެވެ. މި އިންތިޚާބު ޖުމްހޫރީންނަށް ކާމިޔާބު ކުރެވިއްޖެނަމަ ރަޝިޔާއާއެކު ޞުލްޙަ ޤާއިމުކުރުމަށް ޔުކްރޭނަށް މަޖްބޫރުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *