Support Us

ޣައްޒާ ހަނގުރާމަޔާ ބެހޭ މިޞްރުގެ އިސްނެގުމާމެދު މަޝްވަރާކުރުމަށް ޙަމާސްގެ ވަފްދެއް ޤާހިރާއަށް

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދާއިމީ ސިފައެއްގައި ހުއްޓުވުމާ ބެހޭގޮތުން މިޞްރުން އިސްނަގައިގެން ހުށައަޅައިވާ ހުށައެޅުމަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ޓަކައި ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުގެ އިސް ވަފްދެއް ޤާހިރާއަށް ވަޑައިގަތްފިއެވެ.

ޙަމާސުން ކަށަވަރުކޮށްދޭ ގޮތުގައި ދާއިމީ ސިފައެއްގައި ހަނގުރާމަ ހުއްޓުމަކަށް ގެނުވާނެ ޑީލެއްނޫނީ ޙަމާސަކުން ނަހަދާނެއެވެ. އަސީރުން ބަދަލުކުރުމުގެ މަސްއަލައާމެދު ވާހަކަދެއްކުން އޮންނާނީ ހަނގުރާމަ ހުއްޓައިލުމުންނެވެ. 

ޙަމާސްގެ މަސްއޫލުވެރިއަކު ފަރަންސޭސި ނޫސް އޭޖެންސީއަށް ވިދާޅުވިގޮތުގައި އަސީރުން ބަދަލުކުރުމާއި އިސްރާއީލު ސިފައިން ޣައްޒާއިން ފޭބުމާ ބެހޭގޮތުން ޙަމާސުގެ ހުށައެޅުންތަކެއް އެބައޮތެވެ. 

މިޞްރުގެ މި ހުށައެޅުން ވަނީ މި ދިޔަ ހަފުތާގައި ޙަމާސަށާއި އިސްލާމީ ޖިހާދު ޖަމާޢަތަށް ވަނީ ހުށައަޅައިފައެވެ. 

މިޞްރުގެ ހުށައެޅުން

މިޞްރުގެ އިސްނެގުމުގައި ތިން ފިޔަވައްސެއް ވެއެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓުމެވެ. އޭގެ މުއްދަތު މަޑުމަޑުން އިތުރުކުރެވިދާނެއެވެ. މި ގޮތަށް ހަނގުރާމަ ހުއްޓައިފައި އޮންނައިރު އިސްރާއީލުންނާއި ޙަމާސުން އަސީރުން ބަދަލުކުރަމުންދާނެއެވެ. މި މަރްޙަލާ ނިމޭނީ ހަނގުރާމަކުރުން މުޅިން ހުއްޓުމަށް އެއްބަސްވުމުންނެވެ.

މިޞްރުގެ މި އިސްނެގުން ބުނާގޮތުގައި ފަންނީ ތަޢުލީމީ ބޭފުޅުން ހިމަނައިގެން ފަލަސްޠީނުގެ ސަރުކާރެއް ޣައްޒާގައި ޤާއިމުކުރެވޭނެއެވެ. މި ސަރުކާރުގައި ފަލަސްޠީނުގެ ހުރިހާ ޖަމާޢަތްތަކެއް ބައިވެރިކުރެވޭނެއެވެ. ހަނގުރާމަ ހުއްޓުމުން ޣައްޒާ ހިންގާނީ މި ސަރުކާރުންނެވެ. އަދި ޣައްޒާ އަލުން ޢިމާރާތްކުރުމުގެ މަސައްކަތް ކުރާނީ މި ސަރުކާރުންނެވެ.

މިޞްރުގެ އިންފޮމޭޝަން އިދާރާގެ ރައީސް ޟިޔާއު ރިޝްވާން އިއްޔެ ވިދާޅުވިގޮތުގައި މިޞްރުން މި ހުށައެޅުން ހުށައެޅީ ހަތުރުވެރި ދެ ފަރާތުގެ ޚިޔާލާއި ވިސްނުން ގާތްކުރުމަށް ޓަކައެވެ. 

އޭނާ ވިދާޅުވިގޮތުގައި މި ހުށައެޅުމާ ބެހޭގޮތުން އެއްވެސް ފަރާތަކުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އުރްދުންގެ ރަސްގެފާނު ޢަބްދުﷲ (2ވަނަ) މި ދިޔަ ބުދަދުވަހު ވަނީ މިޞްރަށް ވަޑައިގެން ރައީސް ސީސީއާ ބައްދަލުކުރައްވައި ޣައްޒާ ހަނގުރާމައާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ. 

އިސްރާއީލުން އެއްޗެއް ނުބުނޭ

އަނެއްކޮޅުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އިސްރާއީލުގެ އަސީރުންގެ ޢާއިލާތަކާ ބައްދަލު ކުރައްވާ ވިދާޅުވިގޮތުގައި ޣައްޒާގައި ހިފަހައްޓައިފައި ތިބި އަސީރުން މިނިވަންކުރުމާ ބެހޭގޮތުން  އިސްރާއީލުން ދަނީ ވާހަކަދެއްކުންތައް ބާއްވަމުންނެވެ. އެހެނަސް އޭނާ އެކަމާބެހޭ ތަފްޞީލުތައް ހާމަކުރެވެން ނެތްކަމަށް އޭނާ ބުންޏެވެ.

މީގެ ދެ ހަފުތާ ކުރިން ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލު ޘާނީ ވަނީ އިސްރާއީލުގެ ޖާސޫސީ އިދާރާގެ ރައީސް ޑޭވިޑް ބަރްނައިޢާ ބައްދަލު ކުރައްވާ ހަނގުރާމަަ ހުއްޓުމާ ބެހޭގޮތުން ވާހަކަދެއްކުންތަކެއް ބާއްވަވައިފައެވެ.

އެމެރިކާއިން ބުނާގޮތުގައި ޤަޠަރު ދަނީ މި ކަމުގައި ވަރަށް މުހިއްމު ވަރަށް ކުރުންތެރި ދައުރެއް ކުޅެމުންނެވެ. ޤަޠަރުން ދަނީ މެދުއިރުމަތީގައި އެ ޤައުމަށް ލިބިފައިވާ ބަރުދަން ހާމަކުރަމުންނެވެ. 

އަސީރުންގެ ޢާއިލާތަކުގެ އިޙްތިޖާޖުތައް

ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ މަސައްކަތްކުރަމުންދާއިރު އަސީރުންގެ ޢައިލާތަކުންނާއި ރަޙްމަތްތެރިން ދަނީ އިސްރާއީލު ސަރުކާރަށް ފިއްތުމަށް ޓަކައި އިޙްތިޖާޖުތައް ބާއްވަމުންނެވެ. އިސްރާއީލުގެ ސަރުކާރުގެ މައިމަރްކަޒުތައް ކައިރިއަށް އެތައް ހާސް ބަޔަކު އެއްވެ އަސީރުން މިނިވަންކުރުމަށް ވަނީ ގޮވައިލައިފައެވެ. ބުރާސްފަތިދުވަހު ޤުދްސުގައި ހިނގައިލުމެއް ވަނީ ބާއްވައިފައެވެ. މީގެ އިތުރަށް އަސީރުންގެ މައިން ވަނީ އިސްރާއީލުގެ ޗީފް އިފް ސްޓާފަށް ސިޓީއެއް ފޮނުވައިފައެވެ. މި ސިޓީފައި އެމީހުން އަސީރުންގެ ޙާލު ބަޔާންކޮށް ދިނުމަށް އެދިފައިވެއެވެ. އިސްރާއީލު ސިފައިން ޣައްޒާގައި ޢަމަލުކުރަމުންދާ ގޮތުން އެ އަސީރުންނަށް ގެއްލުމެއް ލިބިދާނެތީ އަސީރުންގެ މައިން ކަންބޮޑުވުން ހާމަކޮށްފައި ވެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *