Support Us

ރަޝިޔާއިން ޔުކްރޭނަށް ވައިގެ ވަރުގަދަ ޙަމަލާތަކެއް

 ރަޝިޔާއިން ޔުކްރޭނަށް މީގެ ހައެއްކަ މަސްކުރިން ނުދޭ ފަދަ ވައިގެ ވަރުގަދަ ޙަމާލާތަކެއް މިއަދު ދީފިއެވެ. މި ޙަމަލާތަކުގެ ސަބަބުން 12 މީހުން މަރުވެ 76 މީހުން ޒަޚަމުވިކަމަށް ކިޔީވުން ބުންޏެވެ.

ކިޔީވް ބުނާގޮތުގައި ރޫސީ ޙަމަލާތަކުގެ އަމާޒަކަށް ވެފައިވަނީ ވެރިރަށް  ކިޔީވާއި ޔުކްރޭންގެ ދެކުނާއި ހުޅަނގާއި އިރުމަތީގެ ސަރަޙައްދުތަކެވެ. 

މި ޙަމަލާތަކުގެ ސަބަބުން ޑްނިޕްރޯ ސަހަރުގެ ހަސްފަތާލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މީގެއިތުރަށް ހުޅަނގުގައި އޮންނަ ލަވީވް ސަހަރާއި އިރުދެކުނުގައި އޮންނަ ބަނދަރުމަތީ އޮޑީއްސާ ސަހަރާއި އިރުމަތީގައި އޮންނަ ޚަރކީވް ސަހަރުގެ އެތައް ބިނާތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށް ކިޔީވުން ބުންޏެވެ.

ވެރިރަށް ކިޔީވްގެ މެޔަރ ކްލިޗްކޯ އޭނާ ޓެލެގްރާމުގައި ވިދާޅުވެފައިވާ ގޮތުގައި ވެރިރަށުގައި ދެ މީހުން މަރުވެ ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައި އެބަވެއެވެ. 

އޮޑިއްސާ ސަހަރުގެ މެޔަރު ވިދާޅުވެފައިވާ ގޮތުގައި ރޫސީ ޙަމަލާގެ ސަބަބުން ކަޅުކަނޑުގެ އައްސޭރީގައި އޮންނަ މި ސަހަރުން ދެ މީހުން މަރުވެ 15 މީހުން ޒަޚަމުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ރޫސީ މިސައިލްތަކުގެ އަމާޒަކަށް ވެފައިވަނީ އެ ހިސާބުގެ ބިނާތަކާއި ޢިމާރާތްތަކެވެ. 

ޔުކްރޭންގެ ހަކަތައާބެހޭ ވުޒާރާ ބުނިގޮތުގައި ރަޝިޔާގެ ޙަމަލާތަކުގެ ސަބަބުން ހަތަރު ސަރަޙައްދަކުން ކަރަންޓް ކަނޑައިގެންގޮސްފައި ވެއެވެ. 

ޔުކްރޭންގެ ރައީސް ޒިލެންސްކީ ހާމަކުރެއްވި ގޮތުގައި ރަޝިޔާއިން ދިން މިއަދުގެ ޙަމަލާތަކުގައި 110 މިސައިލާއި ޑްރޯން ބޭނުންކޮށްފައިވެއެވެ. އޭނާގެ އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި ރަޝިޔާގެ މިއަދުގެ ޙަމަލާގައި ރޫސީ ހަތިޔާރު ކޮށާރުތަކުގައި ހުރި ހުރިހާ ބާވަތެއްގެ މިސައިލާއި ޑްރޯން ބޭނުންކޮށްފައިވެއެވެ. އޭގެ ތެރޭގައި ކިންޖާލް މިސައިލާއި އެސް 300 މަރުކާގެ މިސައިލާއި ކްރޫޒް މިސައިލާއި އެކް 101 މަރުކާއާއި އެކްސް 505 މަރުކާގެ މިސައިލް ވެއެވެ. ޒިލެންސްކީ ހާމަކުރެއްވި ގޮތުގައި ރަޝިޔާގެ ގިނަ މިސައިލްތައް ވަނީ ވައްޓައިލެވިފައެވެ. 

ޔުކްރޭންގެ ދާޚިލީ ވަޒީރު ވިދާޅުވިގޮތުގައި ރަޝިޔާއިން މިއަދު މި ދިން ޙަމަލާގެ ސަބަބުން 12 މީހުން މަރުވެ 76 މީހުން ޒަޚަމުވިއެވެ. 

ޔުކްރޭންގެ ޢަސްކަރިއްޔާ ބުނާގޮތުގައި މި ޙަމަލާގައި ބައިވެރިވި ރޫސީ މިސައިލްތަކާއި ޑްރޯންތަކުގެ ތެރެއިން 114 އަމާޒު ވަނީ ވައްޓައިލެވިފައެވެ. 

ޔުކްރޭންގެ ރައީސް އޮފީހުން ބުނާގޮތުގައި ރަޝިޔާގެ ލަނޑުދަނޑިތަކުގެ ތެރޭގައި ޕޮލެންޑް ކައިރީގައި އޮންނަ ލަވީވް ސަހަރުގެ ބިނާރުތައް ހިމެނެއެވެ. ޔުކްރޭންގެ ބޮޑުވަޒީރު ޑެނިސް ޝްމިހާލް ވިދާޅުވަގޮތުގައި ރަޝިޔާގެ އަމާޒަކީ އިޖްތިމާޢީ ޙަޔަވީ ބިނާރުތަކެވެ.

ޔުކްރޭންގެ ވައިގެ ބާރުތައް ބުނާގޮތުގައި ރަޝިޔާގެ މި ޙަމަލާފައި އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލްތަކާއި ކްރޫޒް މިސައިލްތަކާއި ބޮލިސްޓިކް މިސައިލް ހިމެނެއެވެ. ޔުކްރޭންގެ ވައިގެ ދިފާޢީބާރުތައް ބުނިގޮތުގައި ރަޝިޔާގެ މި މިސައިލްތަކަށް ހުރަސްއަޅާނެ ބާރެއް ޔުކްރޭނަށް ލިބިފައެއް ނުވެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *