Support Us

ދުނިޔެ ގަޑުބަޑުވުމުގެ ސަބަބަކީ ހުޅަނގުން ދުނިޔެއަށް އަތްގަދަކުރަން މަސައްކަތް ކުރުން: ލެވްރޯވް

"ދުނިޔެ ގަޑުބަޑުތެރެއަށް ވެއްޓެމުންދިޔުމުގެ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ ޤައުމުތަކުގެ މައްޗަށް އަތްގަދަކުރުމަށް ހުޅަނގުން ހިންގަމުންދާ މުއާމަރާތުތައް" ކަމަށް ރޫސީ ޚާރިޖީ ވަޒީރު ސަރްގީ ލެވްރޯވް ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ މަޝްހޫރު ޓާސް ނޫސް އޭޖެންސީއަށް މި އަހަރު ނިމުމުގެ މުނާސަބަތުގައި އޭނާ މިއަދު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިގޮތުގައި "ހުޅަނގުގެ ނުބައި މަކަރުވެރި ރޭވުންތަކުގެ ސަބަބުން 2024ގައި އެއްވެސް މީހަކަށް ސަލާމަތްކަމެއް ނުލިބޭނެއެވެ." ލެވްރޯވް ވިދާޅުވިގޮތުގައި އެމެރިކާއިން މަސައްކަތް ކުރަމުންދަނީ އަފްޣާނިސްތާނާއި ޢިރާޤާއި ލީބިޔާއާއި އެހެނިހެން އެތައް ޤައުމުތަކެއްގައްޔާއި އެތައް ސަރަޙައްދުތަކެއްގައި އެމެރިކާ ޢަމަލުކޮށްފައިވާ ފަދައިން ޣައްޒާގެ ކުރިމަގާމެދު އެމެރިކާ ދެކޭގޮތް ލާޒިމުކުރެވޭތޯއެވެ. އޭނާ ވިދާޅުވިގޮތުގައި އެއީ ބައިނަލްއަޤްވާމީ ޤާނޫނާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ.އެމެރިކާގެ މި އާހިތަ ސިޔާސަތުގެ ސަބަބުން އެ ޤައުމުތަކާއި އެ ސަރަޙައްދުތައް ވަނީ ޚަރާބުވެ ހަލާކުވެފައިކަމަށް ރޫސީޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިއެވެ. "އަހުރެމެން އިސްކަންދެނީ ފަލަސްޠީނު މީހުންގެ ރައުޔަށެވެ. އަދި ސަރަޙައްދުގައި އަހުރެމެންގެ ބައިވެރިންގެ ރައުޔަށެވެ." އޭނާ ވިދާޅުވިއެވެ. "ފަލަސްޠީނު މީހުންނަށް އެމީހުންގެ އަމިއްލަ ބިމުގައި އެމީހުންގެ ޚާއްޞަ ދައުލަތް ޤާއިމުކުރުމުގެ ޙައްޤު ލިބިގެންވެއެވެ. ހުޅަނގުއައްސޭރިއާއި އިރުމަތީ ޤުދްސާއި ޣައްޒާހިމެނޭގޮތަށެވެ."

ލެވްރޯވް ވިދާޅުވިއެވެ. "ރަޝިޔާގެ ސިޔާސަތު ބިނާވެގެންވަނީ ސަލާމަތީ މަޖިލީހާއި އދގެ ޢާންމު ޖަމްޢިއްޔާގެ ޤަރާރުތަކާއި ނިންމުންތަކުގެ މައްޗަށާއި ޢަރަބީންގެ ޞުލްޙައިގެ އިސްނެގުމަށާއި ދެމެހެއްޓެނިވި ޞުލްޙައެއް ޤާއިމުކުރުމުގެ އުޞޫލުތަކުގެ މަތީގައެވެ. އެއީ ފަލަސްޠީނީން އިސްރާއީލާއެކު ޞުލްޙަމަސަލަސްކަމުގައި އުޅުމަށް ޓަކައެވެ. ބައިނަލްއަޤްވާމީ މެދުވެރިންގެ ދައުރަކަށް ވާނީ އަރާރުން އުފެދިފައިވާ ހުރިހާ މަސްއަލަތަކެއް ޙައްލުކޮށްދިނުމަށް ޓަކައި ހުރިހާ ފަރާތްތަކެއްގެ މެދުގައި ވާހަކަދެއްކުންތައް ބާއްވައިދިނުމެވެ."

ލެވްރޯވް ވިދާޅުވިގޮތުގައި މިއީ "ފަސޭހަ ކަމެއް ނޫނެ"ވެ. އެހެނަސް "ވާހަކަދެއްކުންތަކުގެ ބަދީލަކީ ހުއްޓައިނުލައި ލޭ އޮހޮރުވުން ކުރިއަށް ގެންދިޔުމެވެ. ސިޔާސީ އުދަރެހެއްނެތްނަމަ އިސްރާއީލީންނާއި ފަލަސްޠީނީން އުޅެމުންދާނީ ހޫނުކަމުގެ ތެރޭގައެވެ. މި ހޫނުކަން އިރުއިރުކޮޅާ އުތުރި އަރާނެއެވެ. 75 އަހަރު ކުރިން އޮތްފަދަ ޙާލަތެއްގައެވެ."

ލެވްރޯވް ވިދާޅުވިއެވެ. "މެދުނުކެނޑި ދުނިޔޭގައި ޠޫފާންތައް ދަނީ އުފެދެމުންނެވެ. އެއް ސަބަބަކީ ހުޅަނގުގައި ވެރިކަންކުރާ ދާއިރާތަކުން އެމީހުންގެ ސަރަޙައްދުތަކާ އެތައް ހާސް ކީލޯމީޓަރެއްގެ ދުރުގައި ގަޑުބަޑުތައް އުފެއްދުމެވެ. ދުނިޔޭގެ އެހެނިހެން ރައްޔިތުންގެ ލޭންދޭނުގައި އެ މީހުންގެ މަސްއަލަތައް ޙައްލުކުރުމަށް އުޅުމެވެ."

އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ހުޅަނގުން ދުނިޔޭގެ ޤައުމުތަކުގެ މައްޗަށް އަތްގަދަކުރުމަށް މަސައްކަތްކުރާހާ ދުވަހަކު އެމީހުންގެ ޖިޔޯސިޔާސިއްޔަތުގެ މަޅިތަކުން ދުނިޔޭގައި ހަމައެކަކަށް ވެސް ސަލާމަތްކަމެއް ނުލިބޭނެއެވެ. މިއަދު ދުނިޔެ ވަނީ މި ކަން ދެނެގަންފިއެވެ."

މޮސްކޯއިން ހުޅަނގާ ދެކޮޅަށް ދިލަ ފާޑުކިޔުމަކުން ފާޑުކިޔަނީ ޔުކްރޭން ހަނގުރާމަޔާ ހެދިއެއްނޫނެވެ. އަދިކިއެއްހެއްޔެވެ؟ މޮސްކޯ ދެކޭގޮތުގައި މެދުއިރުމަތީގެ މަސްއަލަ ކެކެމުންދަނީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ދޯހަޅިކަމުންނެވެ.

ލެވްރޯވްގެ މި ބަސްދީގަތުމުގައި މެދުއިރުމަތީގައި އަރައިގަނެވެމުންދާ ނަސްލުމާރީއާއި ޖަމާޢީ ޢުޤޫބާތް ކުށްވެރިކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި "ފަލަސްޠީނުގެ ރައްޔިތުން ތަޙައްމުލުކުރަމުންދާ އަނިޔާތައް ނައްތައިލެވިގެން މެނުވީ މެދުއިރުމައްޗަށް ހަމަޖެހުމެއް ނުގެނެވޭނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *