Support Us

ސޫރިޔާއިން އިސްރާއީލާ ދެކޮޅަށް އދ އަށް ޝަކްވާއެއް

އިސްރާއީލުގެ ޢުދްވާނީ ސިޔާސަތުތައް އިމުގެތެރެއަށް ލުމަށް ގޮވައިލާ ސޫރިޔާއިން އދށާއި ސަލާމަތީ މަޖިލީހަށް ޝަކްވާ ހުށައަޅައިފިއެވެ.

މި ޝަކްވާ ބުނާގޮތގައި އިސްރާއީލުގެ ޢުދްވާނީ ސިޔާސަތުތަކަކީ ސަރަޙައްދު ރޯކޮށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އަމަންއަމާންކަން ނަގައިލައިފާނެކަމެކެވެ. ސޫރިޔާއިން ބައިނަލްއަޤްވާމީ މި ދެ މުއައްސަސާއަށް ޝަކްވާގެ ދެ ސިޓީ ފޮނުވީ މި މަހު 25 ވަނަދުވަހު އިސްރާއީލުން ދިން ވައިގެ ޢުދްވާނީ ޙަމަލާ ވެރިރަށް ދިމަޝްޤުގެ ވަށައިގެންވާ ސަރަޙައްދު ފަނަހަނަޅައިގޮސްފައިވާތީއެވެ. މި ޙަމަލާގައި ސޫރިޔާގައި ހުންނަ އީރާނު އެންބަސީގެ ޢަސްކަރީ މުޝީރު ރިޒާ މޫސަވީ އަވަހާރަކޮށްލައިފައިވެއެވެ. އިސްރާއީލުން މި ޙަމަލާދީފައިވަނީ އިސްރާއީލުން ހިފައިފައިވާ ސޫރިޔާގެ ގޯލާންގެ އުސްބިންތަކުގެ ތެރެއިންނެވެ. ސޫރިޔާގެ ސިޓީ ބުނާގޮތުގައި އިސްރާއީލުގެ މި ޢަމަލަކީ ޑިޕްލޮމެޓިކް ގުޅުންތަކާބެހޭ ވިއެނާ އެއްބަސްވުމާ ޚިލާފު ޢަމަލެކެވެ.

ސޫރިޔާއިން ބުންޏެވެ. "އިސްރާއީލުގެ މި ޢުދްވާނަކީ އެމީހުން ދެމުންދާ ޢުދްވާނީ ޢަމަލުތައް ފުޅައުކުރުމަށާއި ފަލަސްޠީނުގެ ރައްޔިތުންނާދެކޮޅަށް ކޮންމެ ދުވަހަކު ހިންގަމުންދާ ޤަތުލުޢާންމުތަކާއި ނަސްލުމާރީގެ ޢަމަލުތަކުގައި މަތިޖެހުމަށާއި ފަލަސްޠީނު ރައްޔިތުން އެމީހުންގެ މިނިވަންކަމާއި ކުރިމަގު އެކަށައެޅުމަށް ޓަކައި ކަނޑައަޅައިފައިވާ އަޒްމާ ދުރަށް ލެވޭތޯ ހިންގި ސޫރިޔާގެ ބިމުގެ ސިޔާދަތާ އިދިކޮޅު ޙަރަކާތެކެވެ."

މި ސިޓީ ބުނާގޮތުގައި އދ ގެ ޗާޓަރުގެ 51ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ސޫރިޔާއަށް ލިބިފައިވާ ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި ބިމުގެ އެއްބައެއްވަންތަކަން ރައްކައުތެރިކުރުމުގެ ޙައްޤު ދިފާޢުކޮށް ޙިމާޔަތްކުރުމުގައި ސޫރިޔާ ސާބިތުކަންމަތީ ދެމިއޮންނާނެތެވެ.

މި ސިޓީގައި އިސްރާއީލުގެ ޢުދްވާނީ ޢަމަލުތައް ހުއްޓުވުމަށް ޓަކައި ސަލާމަތީ މަޖިލީހުން އެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރުމަށް ގޮވައިލައިފާ ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *