Support Us

2023 އަކީ ބައިޑެންގެ ޚާރިޖީ ސިޔާސަތަށް ނާކާމިޔާބު އަހަރެއް

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް ބައިޑެން ތައްޔާރުވެވަޑައިގަންނަވަމުންދާ ވަގުތެއްގައި 2023ވަނަ އަހަރަކީ ބައިޑެންގެ ޚާރިޖީ ސިޔާސަތަށް ވަރަށް ނާކަމިޔާބު އަހަރެއްކަމަށް އެމެރިކާގެ Responsible Statecraft ނެޓް ޞަފްޙާ ބުނެފިއެވެ.

މި ޞަފްޙާ ބުނާގޮތުގައި ރައީސް ބައިޑެންގެ ޚާރިޖީ ސިޔާސަތުގައި އޭނާއަށް ލިބިވަޑައިގަތްފައިވާ ކާމިޔާބުތައް ވަރަށް މަދެވެ. އަދި 2023ގެ ކުރީކޮޅުގައި މާބޮޑު ކާރިސާތަކެއް ނުހިނގައެވެ. އެހެނަސް  މި އަހަރުގެ އެންމެފަހު ދެތިން މަހަކީ ޣައްޒާ ހަނގުރާމައާ ހެދި ބައިޑެންގެ ޚާރިޖީ ސިޔާސަތަށް ބޮޑެތި ލޮޅުންތަކެއް އެރި ދުވަސްތަކެކެވެ. އެއީ ރައީސް ބައިޑެން އިސްރާއީލަށް އެއްވެސް ހިފެހެއްޓުމެއްނެތި ތާއީދު ކުރެއްވުމުންނެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އިސްރާއީލަށް ހަތިޔާރުދީ ޣައްޒާގައި ކުރަމުންދާ ލާއިންސާނީ ނިރުބަވެރި ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ހިތްވަރުދެއްވައި އެހީވެދެއްވާން ފެށްޓެވުމުންނެވެ.

އެމެރިކާގެ ބަޖެޓަށް ބުރަ އިތުރުވުން

 ރެސްޕޮންސިބްލް ސްޓޭޓްކްރާފްޓް ނެޓްގެ ލިޔުންތެރިއެއް  ކަމުގައިވާ ޑެނިއަލް ލެރިސަން ވިދާޅުވާގޮތުގައި އޮކްޓޫބަރު ހަތަކުން ފެށިގެން އިސްރާއީލަށް އެއްވެސް ހިފެހެއްޓުމެއްނެތި ވޮޝިންގްޓަނުން އެހީވާން ފެށުމުން ޔުކްރޭނަށް ދެމުންދިޔަ އެހީ ހުއްޓި ހަނގުރާމަ ހިނގަމުންދާ ޔުކްރޭން މައިދާން ރަޝިޔާއަށް ހުސްވެގެން ދިޔައެވެ.

ޔުކްރޭން ހަނގުރާމައިގައި ކިޔީވަށް ތާއީދުކުރިނަމަވެސް ވޮޝިންގްޓަނުން އެއްވެސް ހިފެހެއްޓުމެއްނެތި ކިޔީވަށް ތާއީދުކުރާނެކަމަށް އެއްވެސް ކަށަވެތިކަމެއް ދީފައެއް ނުވެއެވެ. ރައީސް ބައިޑެން މިއަހަރު ފެށުނުއިރު ދެއްވި ކޮންގްރެސް ޚިޠާބުގައި އެމެރިކާގެ ސިޔާސަތު ވަނީ ޔުކްރޭން ހަނގުރާމައާއެކު ބަނދެލައްވައިފައެވެ. އެހެނަސް އޮކްޓޫބަރު ހަތެއްގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައިގައި އިސްރާއީލަށް އެއްވެސް ހިފެހެއްޓުމެއްނެތި ވޮޝިންގްޓަނުން ތާއީދުކުރަން  ނިންމީ ކީއްވެގެންކަމެއް ހާމައެއް ނުކުރެއެވެ. އެމެރިކާ ދެކޭގޮތުގައި  އެމެރިކާގެ މަޞްލަޙަތު ބޮޑަށް ނިޔާކުރަނީ އިސްރާއީލާއެކު އެއްބާރުލުމަށެވެ.

އެހެނަސް އެމެރިކާއިން އިސްރާއީލަށް ތާއީދުކުރުމުގެ ސަބަބުން ޢިރާޤާއި ސޫރިޔާގައި ތިބި އެމެރިކާ ސިފައިންނަށް ދަނީ ޙަމަލާތައް ދެވެމުންނެވެ. އެމެރިކާ ސިފައިންގެ ނަފްސުތައް ދަނީ މިލީޝިޔާ ބާރުތަކުގެ ޙަމަލާތަކަށް ހާސާވަމުންނެވެ. 

މީގެ އިތުރަށް އެމެރިކާއިން އިސްރާއީލަށް ތާއީދުކުރުމުގެ ސަބަބުން ރަތްކަނޑާއި އަރަބިކަނޑުވެސް ވެސް ވަނީ ނާމާންވެފައެވެ. އިސްރާއީލުގެ ބަނދަރުތަކަށް ދަތުރުކުރާ އިސްރާއީލުގެ އުޅަނދުތަކާއި އިސްރާއީލުގެ ދިދަނަގައިގެން ދަތުރުކުރާ އުޅަނދުތަކާއި އިސްރާއީލަށް މުދާހިފައިގެންދާ އުޅަނދުތަކަށް ޔަމަނުގެ އަންޞާރުﷲ ޖަމާޢަތުން ދަނީ ހުރަސްއަޅަމުންނެވެ. އެހެންކަމުން އިސްރާއީލު ހަނގުރާމައިގެ ސަބަބުން އެމެރިކާ ދަނީ ތަފާތު މައިދާންތަކުގައި ނުރައްކާތަކާ ކުރިމަތިވަމުންނެވެ.

އެމެރިކާގެ މަޞްލަޙަތުތައް ދަނީ ހިރާސަށް ހާސާވަމުން

ލެރިސަން އޭނާގެ ދިރާސާ ކުރިއަށް ގެންދަވަމުން ވިދާޅުވިގޮތުގައި ހަނގުރާމަ ނިމެންދެން އެމެރިކާއިން އިސްރާއީލަށް ހިފެހެއްޓުމެއްނެތި ތާއީދުކުރާނެކަން އިޢުލާންކޮށް ފިޔަވަޅުތައް އަޅަމުންދިޔުމުގެ ސަބަބުން އެމެރިކާ ވަނީ ޢާލަމީ ސިޔާސިއްޔަތުގައި ވަރަށް ބޮޑަށް ފާޑުކިޔުމަށް ހުށައެޅިފައެވެ. އިސްރާއީލުން ޣައްޒާ ޙިޞާރުކޮށްގެން އިންސާނީ އަސާސީ އެއްވެސް ޙައްޤަކަށް ބަލައިލުމެއްނެތި އަނާދިރުކޮށް އިސްރާއީލުން ދެމުންދާ ޙަމަލާތަކުގައި އެމެރިކާއަކީ ބައިވެރިއެއް ކަމަށް ދުނިޔެ ދެކެއެވެ. އިސްރާއީލުން ފަލަސްޠީނުގެ މަދަނީންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމުތަކާއި ނަސްލުމާރީ ޖަރީމާތަކުގައި އެމެރިކާއަކީ ބައިވެރިއެއްކަމަށް ދުނިޔެ ދެކެއެވެ. އިސްރާއީލު ދިފާޢުކުރުމަށް ޓަކައި ސަލާމަތީ މަޖިލީހުގައި އެމެރިކާއިން ކުރަމުންދާ ވީޓޯތަކަކީވެސް ބައިނަލްއަޤްވާމީ މަސްރަޙުގައި އެމެރިކާގެ ސިޔާސަތަށް އަރަމުންދާ ވަޒަންތަކެކެވެ. އދ ގެ ޢާންމު ޖަމްޢިއްޔާއާއި ޔުނިސެފާއި ޔުނިސްކޯއާއި އިންސާނީ ޙައްޤުތަކަބެހޭ ޖަމްޢިއްޔާތަކުން އިސްރާއީލު ކުށްވެރިކުރަމުންދާ ވަގުތެއްގައި މި ޖަމްޢިއްޔާތަކުގެ ޤަރާރުތަކާ ވޮޝިންގްޓަން ދެކޮޅުހަދާ ހެދުމަކީ ވެސް އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި ޖެހެމުންދާ ލައްގަނޑުތަކެކެވެ.

ބައިޑްންގެ މެދުއިރުމަތީގެ މަފްހޫމުގައި ރެނދުއެޅުން

ރައީސް ބައިޑެންގެ މެދުއިރުމަތީގެ އެޖެންޑާއަށް ބަލާއިރު އޭނާގެ ޑިޕްލޮމަސީގައި ވަނީ ވަރަށް ބޮޑަށް ރެނދުލައިފައެވެ. ސުޢޫދީ ޢަރަބިއްޔާއާއި އިސްރާއީލުގެ ގުޅުންތައް ޠަބީޢީ ކުރުމަށް 2023 ގައި ބައިޑެން މަސައްކަތްތަކެއް ފެށްޓެވިއެވެ. އޭނާ ހީފުޅުކުރެއްވި ގޮތުގައި އިސްރާއީލާއި ޢަރަބި ދުނިޔޭގައި ތިބި އެމެރިކާގެ އޭޖެންޓުން މެދުވެރިކޮށް ސުޢޫދީ – އިސްރާއީލު ގުޅުން ޠަބީޢީކުރެވިއްޖެނަމަ މެދުއިރުމައްޗަށް ހަމަޖެހުން އަންނާނެއެވެ. އެހެނަސް މެދުއިރުމަތީގެ ހަމަޖެހުމުގައި ފަލަސްޠީނު ކުޅޭ ދައުރާމެދު އޭނާ ވިސްނަވައފައެއް ނުވެއެވެ. 

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ޙައްދުފަހަނަޅައިފައިވާ ސަރުކާރުގެ ސިޔާސަތާމެދުވެސް ރައީސް ބައިޑެން ވިސްނަވައިފައެއް ނުވެއެވެ. ނަތަންޔާހޫއާއި އޭނާގެ ހަރުކަށި ކެބިނެޓުން ހުޅަނގުއައްސޭރި އިސްރާއީލުގެ ބިމަކަށް ހެދުމަށް ކުރަމުންދިޔަ މަސައްކަތާމެދު ބައިޑެން ވިސްނަވައިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ބައިޑެން ވިސްނަވަމުން ގެންދެވީ އިސްރާއީލާއެކު ގުޅުން ޠަބީޢީކުރެއްވުމަށް ޓަކައި މުހައްމަދު ބިން ސަލްމާނަށް ވެދުމަށް އަރުވާނެ އެއްޗެއްސާމެދުއެވެ. ސުޢޫދީ– އިސްރާއީލު ގުޅުމުގެ ސަބަބުން ފަލަސްޠީނު މީހުން ހަވާސާވެގެން ހިނގައިދާނެކަމާމެދު ނުވިސްނަވައެވެ. އެމީހުންނަށް ލިބިފައިވާ އަދި ލިބެމުންދާ އަނިޔާތަކާމެދުގައި ވެސް ވިސްނަވައެއް ނުލައްވައެވެ. 

ނާގިދުން ވިދާޅުވާގޮތުގައި ޙަމާސްގެ އަޤްޞާ ޠޫފާނުގެ ސަބަބުތަކުގެ ތެރޭގައި މި ކަންކަން ހިމެނެއެވެ. އެމެރިކާއިން ސުޢޫދީ– އިސްރާއީލު ގުޅުންތައް ޠަބީޢީ ކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު ފަލަސްޠީނު އޮތީ ގޮވަން ތައްޔާރުވެފައެވެ. އެހެނަސް އެމެރިކާއިން ބުނަމުންދިޔައީ މުޅިން އެހެން ވާހަކަތަކެކެވެ. އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ޖެކް ސޮލިވަން ވިދާޅުވަމުން ދިޔައީ މެދުއިރުމަތި އޮތީ މީގެ އެތައް ދަހަރުތަކެއްގައި ވެސް ނުދެކޭ ފަދަ ހަމަހިމޭންކަމެއްގައެވެ. 

އެމެރިކާ ދުނިޔޭގައި ނަފްރަތްތެރި ކުރުވައިފި

އެމެރިކާއިން އިސްރާއީލަށް ހިފެހެއްޓުމެއްނެތި ތާއީދުކޮށް ވާގިވެރިވުމުގެ ސަބަބުން ދުނިޔޭގެ ދެކުނުގެ ޤައުމުތަކުގައި އެމެރިކާއަށް ލިބިފައިވާ "ހިތްނިޔަތް ރަނގަޅުކަން" ވަނީ ގެއްލިފައެވެ. ސަލާމަތީ މަޖިލީހުން ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ކުރި ހުރިހާ މަސައްކަތްތަކަކާ ދެކޮޅަށް އެމެރިކާއިން ތިންފަހަރަށް ވީޓޯކޮށްފައި ވެއެވެ. މިކަމުގެ ސަބަބުން މިއަދު އެމެރިކާ ވަނީ  ބައިނަލްއަޤްވާމީ ސިޔާސީ މަސްރަޙުގައި އެކަނިވެރިވެ އެކަހެރިވެފައެވެ. އެފްރިކާއާއި އޭޝިޔާއާއި ލެޓިން އެމެރިކާގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކާއެކު ކުރަމުންދިޔަ ވާދަކުރުމުގައި އެމެރިކާ ވަނީ ވަރަށް ބޮޑަށް ފަހަތަށް ސޮއްސާލައިފައެވެ. އެމެރިކާގެ މަޤާމަށް ވަނީ ވަރަށް ނިކަމެތިކަން ލިބިފައެވެ. ޤަދަރުވެއްޓިފައެވެ. ޗައިނާއަށާއި ރަޝިޔާއަށް ކުރިއެރުން ލިބިފައެވެ.

އެމެރިކާއިން އިސްރާއީލުގެ ހަނގުރާމައަށް ތާއީދު ކުރިގޮތުން އެމެރިކާއިން ދެ މިންގަނޑެއް ގެންގުޅޭކަމަށް ދުނިޔެ ވަނީ ޤަބޫލުކޮށްފައެވެ. ޔުކްރޭނަށް ތާއީދު ހޯދާދިނުމަށް ޓަކައި އެމެރިކާއިން ބައިނަލްއަޤްވާމީ ޤާނޫނުގެ ވާހަކައާއި އިންސާނީ ޙައްޤުތަކުގެ ވާހަކަ އަނގަފުޅައުކޮށް ދެއްކިއެވެ. އެހެނަސް އެމެރިކާގެ ބައިވެރިންނާ މުޢާމަލާތުކުރާއިރު މި ޤާނޫނެއް ނެތެވެ. މިއީ ތިންވަނަ ދުނިޔޭގައި އެމެރިކާގެ އަގުވެއްޓިގެން ދިޔަ ކަމެކެވެ.

ރައީސް ޕުޓިން ބައިނަލްއަޤްވާމީ ކޯޓަށް ގެންދިޔައިރު ނަތަންޔާހޫ ކޯޓަށް ނުގެންދަނީ ކީއްވެގެންތޯ އެމެރިކާއާ ސުވާލު ކުރެވުނެވެ. ޣައްޒާގައި އެތައް ހާސް ކުޑަކުދިން މަރައި އެތައް ހާސް މާބަނޑު އަންހެނުންނެއް މަރަމުންދާއިރު އެ ކޯޓު ކޮބައިތޯ ވެސް ސުވާލު ކުރެވުނެވެ. 

އަދި 2023 އަށް ބަލާއިރު އެމެރިކާގެ ޚާރިޖީ ސިޔާސަތު ބޮޑަށް ބުރަވެފައިވަނީ ޑިޕްލޮމަސީއަށްވުރެ ބޮޑަށް ޢަސްކަރީ އާލަތްތަކުގެ މައްޗަށެވެ. އެމެރިކާގެ ޢާންމު ޚިޔާލުތައް ދައްކާގޮތުގައި ޚާރިޖީ ސިޔާސަތުގައި ބައިޑެން ވަނީ ފޭލްވެވަޑައިގަތްފައެވެ. ޖުމްހޫރީންނަށް ވަނީ އަރަނި ޕޮއިންޓްތަކެއް ލިބިފައެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *