ދެކުނު އެފްރިކާގެ މީހަކު އިސްރާއީލަށް ގޮސް ޣައްޒާ ހަނގުރާމައިގައި ބައިވެރިވެއްޖެނަމަ އިންސާނިއްޔަތާ ޚިލާފު ޢަމަލެއް ހިންގިކަމުގެ ކުށުގައި އޭނާ ޝާރީޢަތަށް ފޮނުވޭނެ ކަމަށާއި އޭނާގެ ރައްޔިތުކަން ގެއްލިގެން ހިނގައިދާނެކަމުގެ އިންޒާރު ދެކުނު އެފްރިކާ ސަރުކާރުން ދީފިއެވެ.
ދެކުނު އެފްރިކާގެ ރައީސް ރަމަފޯޒާ ސިފަކުރައްވާގޮތުގައި އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައަކީ ނަސްލުހޭދު ހަނގުރާމައެކެވެ.
ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. "ދެކުނު އެފްރިކާގެ ބައެއް ރައްޔިތުން އިސްރާއީލު ސިފައިންނާއެކު ޣައްޒާގައި ހަނގުރާމަކުރަމުންދާކަމަށް ލިބޭ ރިޕޯޓުތަކާމެދު އަހުރެމެން ވަރަށް ކަންބޮޑުވެއެވެ."
ދެކުނު އެފްރިކާގެ ޚާރިޖިއްޔާއިން ބުނިގޮތުގައި "މިފަދަ ޢަމަލުތަކަކީ ބައިނަލް އަޤްވާމީ ޤާނޫނާ ޚިލާފު ކަމެކެވެ. އެހެންކަމުން އެފަދަ މީހުން ޝަރީޢަތަށް ހުށައެޅިދާނެއެވެ."
ދެކުނު އެފްރިކާއިން މި ހުސްވި މަހު ވަނީ އިސްރާއީލުން ޣައްޒާއަށް އަރައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ބަލައި ތަޙްޤީޤު ކުރުމަށް ބައިނަލް އަޤްވާމީ ޖިނާއީ ކޯޓަށް ހުށައަޅައިފައެވެ. ދެކުނު އެފްރިކާއިން އިސްރާއީލުގެ މި ޢަމަލުތައް ކުށްވެރިކޮށް އިސްރާއީލުގައި ތިއްބެވި ދެކުނު އެފްރިކާގެ ޑިޕްލޮމެޓުން ވަނީ ޤައުމަށް ގެނެސްފައެވެ.
އިސްރާއީލުން ޣައަޒާއާ ދެކޮޅަށް ހަނގުރާމަ ފެށުމާވިދިގެން ދެކުނު އެފްރިކާގެ ރައީސް ރަމަފޯޒާ ވަނީ ފަލަސްޠީނާއެކު ދެކުނު އެފްރިކާ އެއްބާރުލާނެކަން ހާމަކުރައްވައިފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ދެކުނު އެފްރިކާ އެދެނީ މަސްއަލައަށް ޞުލްޙަވެރި ޙައްލެއް ގެނައުމަށް މަސައްކަތް ކުރުމަށެވެ. އޭނާ ވިދާޅުވިގޮތުގައި ފަލަސްޠީނުގެ މަސްއަލައަށް ޞުލްޙަވެރި ޙައްލެއް އައުމަކީ މެދުއިރުމައްޗަށް އެކަމުގެ އަސަރު ފައްސިވެގެންދާނެ ކަމެކެވެ.



advertisment