Support Us

ރައީސް ސީސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި

މިޞްރުގައި ބޭއްވި ރިޔާސީ އިންތިޚާބު ރައީސް ޢަބްދުލްފައްތާޙުއް ސީސީ 89.6% ގެ ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވައިފިއެވެ.

މިޞްރުގެ އިންތިޚާބާ ބެހޭ ޤައުމީ އިދާރާގެ ރައީސް ޙާޒިމު ބަދަވީ ނޫސްވެރިންނަށް ހާމަކުރެއްވިގޮތުގައި މި އިންތިޚާބުގައި ވޯޓުދިން މީހުންގެ ތެރެއިން 39 މިލިއަން 702 ހާސް 451 ވޯޓު ރައީސް ސީސީއަށް ލިބިވަޑައިގަތެވެ.

މި އިންތިޚާބުގައި ރައީސް ސީސީއާ ވާދަކުރެއްވި އަނެއް ތިން ބޭފުޅުންގެ ތެރެއިން ދެވަނަ ލިބިވަޑައިގަތީ ޙާޒިމު ޢުމަރަށެވެ. އޭނާއަށް ލިބިވަޑައިގަތީ އެންމެ އެއް މިލިއަން 986 ހާސް 352ވޯޓެވެ. އެއީ ޖުމްލަ ވޯޓުގެ 4.5% އެވެ. ތިންވަނަ ޙާޞިލް ކުރައްވައިފައި ވަނީ ފަރީދު ޒަހްރާނެވެ. އޭނާއަށް ލިބިވަޑައިގެންފައި ވަނީ އެންމެ އެއް މިލިއަން 776 ހާސް 952 ވޯޓެވެ. އެއީ ޖުމްލަ ވޯޓުގެ 4% އެވެ، ހަތަރުވަނަ ލިބިވަޑައިގަތީ ވަފްދު ޕާޓީގެ ކެންޑިޑޭޓް ޢަބްދުއްސިންދު ޔަމާމާ އަށެވެ. އޭނާއަށް ލިބިވަޑައިގަތްފައި ވަނީ އެންމެ 822 ހާސް 606 ވޯޓެވެ.އެއީ ޖުމްލަ ވޯޓުގެ 1.9% އެވެ.

މިޞްރުގައި ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބޭއްވިފައި ވަނީ މި މަހުގެ 10، 11، 12 ވަނަ ދުވަހުއެވެ.

މި އިންތިޚާބުގައި ޢަބްދުލް ފައްތާޙު ސަޢީދު ޙުސައިން ޚަލީލުއް ސިސީ ރަމްޒުއްގެ ގޮތުގައި ބޭނުންފުޅު ކުރައްވައިފައި ވަނީ ތަރިއެވެ. މުޙައްމަދު ފަރީދު ޒަހްރާން ރަމްޒެއްގެ ގޮތުގައި ބޭނުންފުޅު ކުރައްވައިފައި ވަނީ އިރެވެ. މުޙައްމަދު ސުލައިމާން މުޙައްމަދު ޢުމަރު ރަމްޒެއްގެ ގޮތުގައި ބޭނުންފުޅު ކުރައްވައިފައި ވަނީ ހަރުގަނޑެވެ. ޢަބްދުއްސިންދު ޙަސަން ޔަމާމާ ރަމްޒެއްގެ ގޮތުގައި ބޭނުންފުޅު ކުރައްވައިފައި ވަނީ ކަދުރު ރުކެވެ.

މިޞްރުގެ އިންތިޚާބާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރިގޮތުގައި 67 މިލިއަން 32 ހާސް 438 މީހުންގެ ތެރެއިން ވޯޓުލައިފާ ވަނީ 44 މިލިއަން 777 ހާސް 668 މީހުންނެވެ. އެއީ 66.8% އެވެ.

އިންތިޚާބުގެ ނަތީޖާ އިޢުލާން ކުރުމުން ރައީސް ސީސީ ދެއްވި ޚިޠާބުގައި މިޞްރުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކްރު އަދާކުރެއްވިއެވެ. ރިޔާސީ އިންތިޚާބުގައި މިޞްރުގެ ރައްޔިތުން އެއީ ވަރަށް ތަހްޒީބީ ޙަޟާރީ ރަށްވެހި ބައެއްކަން ދައްކައިފައިވާ ކަމަށް ސީސީ ވިދާޅުވިއެވެ.

ސީސީ ވިދާޅުވިގޮތުގައި މިއަދު މިޞްރަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. ޚައްޞަކޮށް މިޞްރުގެ އިރުމަތީ ސަރަޙައްދު އޮތީ ހަނގުރާމައެއްގެ ތުންފަތް މަތީގައި ކަން އޭނާ ހާމަކުރެއްވިއެވެ. މިޞްރުގެ އިޤްތިޞަދު ކޮޅަށް ނަގަން ޖެހިފައިވާ ކަމަށް ދާރިސުން ވިދާޅުވެއެވެ. މިޞްރުގައި ލާދަ ވަނީ ވަރަށް މައްޗަށް ގޮސްފައެވެ. ފައިސާގެ އަގު ވަނީ ވަރަށް ބޮﷲޑަށް ވެއްޓި އެއްޗެހި އަގުބޮޑުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *