Support Us

އިސްރާއީލު ސިފައިން ތިން އަސީރަކު މަރައިލުމުން ތައްލު އަބީބުގައި މުޒާހަރާތައް

ޙަމާސުން ހިފަހައްޓައިފައި ތިބި އިސްރާއީލުގެ އަސީރުންގެ ތެރެއިން ތިން މީހުން އިސްރާއީލު ސިފައިން މަރައިލި މަސްއަލަ ހޫނުވެ ތައްލު އަބީބުގެ މަގުތައް ކެކި އުތުރިއަރައިފިއެވެ. އަސީރުންގެ ޢާއިލާތަކުގެ މީހުން ރޭ ބޭއްވި މުޒާހަރާގައި ހައިހޫނުކަމުގެ ހަޅުތާލެއް އެމީހުން ފަށާނެކަމުގެ އިންޒާރު ދިނެވެ. 

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުންޏެވެ. "ހިފަހައްޓައިފައި ތިބި މީހުންގެ ތެރެއިން ތިން މީހުން މަރުވުމަކީ ތަޙައްމުލުނުކުރެވޭނެ ހިތާމައެކެވެ. މުޅި އިސްރާއީލު މިރޭ މި އޮތީ ހިތާމައިގެ ރަޖާލައިގެންނެވެ." 

އިސްރާއީލު ސިފައިން އިއްޔެ ހަވީރު ބުންޏެވެ. "ޣައްޒާގެ އިރުމަތީގައި ޝުޖާޢިއްޔާ އަވަށުގައި ޙަމާސާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިސްރާއީލު ސިފައިންނަށް އޮޅުމަކުން ވަނީ އިސްރާއީލުގެ ތިން އަސީރުން މަރައިލައިފައެވެ."

އިސްރާއީލު ސިފައިން ބުންޏެވެ. "ނުރައްކާތެރި ބައެއް ކަމަށް ހީކޮށް އިސްރާއީލު ސިފައިން އެމީހުންގެ ގަޔަށް ބަޑިޖެހީއެވެ." 

މި ޚަބަރާއެކު ޙަމާސުން ހިފަހައްޓައިފައި ތިބި މީހުންގެ ޢާއިލާތައް މަގުމައްޗަށް ނުކުމެ މުޒާހަރާތައް ކުރަން ފެށިއެވެ. އެމީހުން އެންމެ ފަހުން ޖަމާވީ ތައްލު އަބީބުގައި ހުންނަ ޗީފް އޮފް ސްޓާފްގެ ޢިމާރާތް ކައިރިއަށެވެ. ޙަމާސާއެކު އަވަހަށް ޑީލެއް ހަދައި އަސީރުންތައް މިނިވަންކުރުމަށް އެމީހުން ގޮވައިލިއެވެ. 

ޢިބްރީ ބަހުން ނުކުންނަ  މަޢާރީފު ދުވަހު ނޫސް ބުނިގޮތުގައި މުޒާހަރާގެ ބައިވެރިން "ބޭނުންވަނީ ޑީލަކަށޭ" ގޮވައި އަޑުއުފުލިއެވެ.

މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ. "އަހުރެންގެ އަޚު ޣައްޒާގައި ބަންދުކުރެވިފައި ހުންނަތާ 70 ދުވަސްވެއްޖެއެވެ. އޭނާ މަރައިލެވިދާނެތީ ވަރަށް ބިރުގަނެއެވެ."

އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި އަސީރުންގެ 100 ޢާއިލާގެ މެންބަރުންނާއި ރަޙްމަތްތެރިން ރޭގެ މުޒާހަރާގައި ބައިވެރިވިއެވެ. އެމީހުން ބުނިގޮތުގައި ނަތަންޔާހޫ މަސައްކަތް ކުރަނީ އެމީހުންގެ އެދުމަށް އިޖާބަނުދީ އެމީހުންގެ މުޒާހަރާތައް ރޫޅައިލާށެވެ.މުޒާހަރާގެ ބައިވެރިން ބުނިގޮތުގައި ޢަސްކަރީ ޙަމަލާތަކަކީ  އަސީރުން މިނިވަންކުރުމުގެ މަސައްކަތާ އަރާރުންވާ ކަމެކެވެ.

މުޒާހަރާގެ ބައިވެރިން ބުނިގޮތުގައި އެމީހުން ސަރުކާރަށް މުހްލަތުދޭނީ މިރެއާ ހަމައަށެވެ.އަސީރުންގެ ތެރެއިން މީހެއްގެ ޢައިލާއިން ނަތަންޔާހޫއަށް  ފޮނުވި ސިޓީއެއްގައި ވަގުތުން ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައިފާ ވެއެވެ. އަސީރުންގެ ޢާއިލާތައް ބުނާގޮތުގައި ބޮން އަޅައިގެން އަސީރުން މިނިވަނެއް ނުކުރެވޭނެއެވެ. އެމީހުން ބުންޏެވެ. "އަހުރެމެން ބޭނުންވަނީ އަސީރުން ސަންދޯއްތަކެއްގައި ގެންނާކަށް ނޫނެވެ."

އިސްރާއީލުގެ ޢަސްކަރިއްޔާ ބުނާގޮތުގައި ތަޙްޤީޤުތައް ކަށަވަރުކޮށްދޭ ގޮތުގައި އިސްރާއީލު ސިފައިން މަރައިލި ތިން މީހުންނަކީ އިސްރާއީލު މީހުންނެވެ. އެކަން ހިނގީ އޮޅުމަކުންކަމަށް އިސްރާއީލުގެ ޢަސްކަރިއްޔާއިން ބުންޏެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *