Support Us

ޔޫރަޕްގެ އިއްތިޙާދުން ޔުކްރޭނަށް ދޭން އުޅުނު އެހީ ހަންގެރީން ހުއްޓުވައިފި

ޔޫރަޕްގެ އިއްތިޙާދުން ޔުކްރޭނަށް ދަރަނީގެ ގޮތުގައްޔާއި ހިލޭއެހީގެ ގޮތުގައި ދޭން އުޅުނު 50 ބިލިއަން ޔޫރޯ އާ ދެކޮޅަށް ހަންގެރީގެ ބޮޑުވަޒީރު ވިކްޓަރު އުރްބާން ވީޓޯ ކުރެއްވުމުން މި އެހީ ދިނުން ފަސްކުރަން ޖެހިއްޖެއެވެ.

ޔޫރަޕްގެ މަޖިލީހުގެ ރައީސް ޝަރލް މިޝޭލް މިއަދު ހެނދުނު ވިދާޅުވިގޮތުގައި އެ މަސްއަލައާމެދު މި އަންނަ އަހަރު އަލުން މަޝްވަރާތައް ކުރެވޭނެއެވެ.

އޭނާ ނޫސްވެރިންނަށް ވިދާޅުވިއެވެ. "ތަފްޞީލުގެ ތެރެއަށް ފީނާކަށް ބޭނުމެއް ނޫނެވެ. މި އަންނަ އަހަރު ކުރީކޮޅު ސަމިޓް ބައްދަލުވުމެއް ބޭއްވުމަށް އަހުރެމެން މަސައްކަތް ފަށާނަމެވެ."

އޭނާގެ ކުރިން ހަންގެރީގެ ބޮޑުވަޒީރު ވިކްޓަރ އުރްބަން (ފޮޓޯގައި) ވަނީ ބްރަސަލްސްގައި ޔޫރަޕްގެ އިއްތިޙާދުގެ ސަމިޓްގައި ޔުކްރޭނަށް ދިނުމަށް ހުށައެޅި 50 ބިލިއަން ޔޫރޯއާ ދެކޮޅަށް ވީޓޯކުރެއްވިކަން ހާމަކުރައްވައިފައެވެ.

އުރްބަން އޭނާގެ އެކްސް މަންސާގައި ލިޔުއްވައިފައިވެއެވެ. "ރޭގެ ޖަލްސާގެ މުލައްޚަޞަކީ ޔުކްރޭނަށް އިތުރު އެހީދިނުމާ ދެކޮޅަށް ވީޓޯކުރުމެވެ. ޔޫރަޕްގެ ބަޖެޓް މުރާޖަޢާކުރުމަށް ވެސް ވީޓޯކުރުމެވެ. މި މަސްއަލައަށް އަހުރެމެން މި އަންނަ އަހަރު އަލުން ދާނަމެވެ."

ޔުކްރޭނަށް ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި 50 ބިލިއަން ޔޫރޯގެ އެހީއާއި ދަރަނި ދިނުމަށް ޔޫރަޕްގެ އިއްތިޙާދުގެ 27 ޤައުމުގެ ތެރެއިން 26 ޤައުމު އެއްބަސްވިއެވެ. އެހެނަސް ހަންގެރީން މި ކަމާ ދެކޮޅުހެދުމުން މި ހުށައެޅުން ބާޠިލުވެ ބައިގެންދިޔައީއެވެ.

އުރްބާންގެ މި ވީޓޯގެ ކުރިން ޔުކްރޭނުގެ ރައީސް ޒިލެންސްކީއާއި އޭނާގެ އެކުވެރިން ވަނީ ޔުކްރޭނަށް މި އެހީދިނުމަށް ޔޫރަޕް އިއްތިޙާދުން ރޭ ފާސްކުރާނެތީ އެކަމަށް ތަހްނިޔާ ވިދާޅުވެފައެވެ.

ޔުކްރޭން ޔޫރަޕްގެ އިއްތިޙާދުގައި ބައިވެރިކުރުމުގެ މަސްއަލައިގައި ވެސް އުރްބާން ވަނީ އެކަމާބެހޭގޮތުން ވާހަކަދެއްކުންތައް ފެށުމާ ދެކޮޅު ހައްދަވައިފައެވެ. އެހެނަސް މި މަސްއަލައިގައި ހަންގެރީން ވީޓޯއެއް ނުކުރެއެވެ. ދޭތެރެމެދުގެ ޙައްލަކަށް ދިޔުމަށް ޓަކައި ވޯޓަށް އެހުމުގެ ކުރިން އުރްބަން ވަނީ ޖަލްސާ ދޫކުރައްވާ ބޭރަށް ނުކުމެވަޑައިގެންފައެވެ.

ފަހަކަށް އައިސް ކިޔޭވް މަސައްކަތް ކުރަމުންދަނީ އެ ޤައުމުގެ އެކުވެރިން ޔުކްރޭނަށް އެހީވުން ހުއްޓައިނުލައި ކަން ދެއްކުމަށެވެ. އެންމެ ބޮޑު ވާގިވެރިޔާ އެމެރިކާގައި ވެސް ކޮންގްރެސް ދަނީ ޔުކްރޭނަށް އެހީދިނުމާ ދެކޮޅުހަދަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *