Support Us

ޣައްޒާގައި ޤައްސާމުގެ މަޅިއެއްގައި ޖެހި އިސްރާއީލު ސިފައިންގެ 10 މީހަކު މަރުވެއްޖެ

އުތުރު ޣައްޒާގައި އިސްރާއީލު ސިފައިންނާ ޤައްސާމުގެ ހަނގުރާމަވެރިންނާ ދެމެދުގައި ހިނގި ކުރިމަތިލުންތަކެއްގައި އިސްރާއީލު ސިފައިންގެ 10 މީހަކު މަރުވެއްޖެއެވެ.

އިސްރާއީލު ސިފައިންގެ ތަރްޖަމާން މިއަދު ބުނިގޮތުގައި އިސްރާއީލު ސިފައިންގެ ތެރެއިން މަރުވި މީހުންގެ ތެރޭގައި ކާނަލަކާއި ގޯލާނީ ފައުޖުގެ ވެރިޔާ ހިމެނެއެވެ. މި މީހުން މަރުވީ ޣައްޒާގެ ޝުޖާޢިއްޔާ އަވަށުގައި ޤައްސާމުގެ ހަނގުރާމަވެރިން ޖެހި މަޅިއެއްގައި ބެނދިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރަށް މިއަދު ހެނދުނު އިސްރާއީލުގެ ރަސްމީ ރޭޑިއޯ ބުނިގޮތުގައި ޣައްޒާގެ އުތުރުގައި ހިނގި ކުރިމަތިލުމެއްގައި ތިން ސިފައިން ޒަޚަމުވިއެވެ. އެ ރޭޑިއޯ ބުނިގޮތުގައި އިސްރާއީލު ސިފައިން ދަނީ ޚާން ޔޫނުސާއި ޣައްޒާގެ އެތެރެއަށް  ވަންނަމުންނެވެ. އިސްރާއީލު ސިފައިން ދަނީ މި ދެ ސަރަޙައްދުގެ ބައެއް ގޭގޭގެ ވަޒަންވެރިންނަށް އެ ތަންތަން ދޫކޮށްދިޔުމަށް އަމުރުކުރަމުންނެވެ. އިސްރާއީލު ސިފައިން ބުނާގޮތުގައި ޣައްޒާގައި އަމާންކަމަށް ފާހަގަކޮށްފައިވާ ސަރަޙައްދުތަކެއް ވެއެވެ. އެހެނަސް ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި އިސްރާއީލު ސިފައިން އެ ބުނާ  އަމާން ތަންތަނަށް ވެސް އިސްރާއީލު ސިފައިން އެބަ ޙަމަލާދެމުންދެއެވެ.  

އަނެއްކޮޅުން ފަލަސްޠީނުގެ ޖިހާދީ ޖަމާޢަތްތައް ބުނާގޮތުގައި އެމީހުން ދަނީ އިސްރާއީލު ސިފައިންނާ އަމާޒުކޮށް ޙަމަލާތައް ދީ އިސްރާއީލު ސިފައިންގެ ހަތިޔާރުތަކާއި އާލަތްތައް ހަލާކުކުރަމުންނެވެ. ޙަމާސް ބުނާގޮތުގައި ޤައްސާމުގެ ހަނގުރާމަވެރިން އިސްރާއީލު ސިފައިންނާ ކުރިމަތިލަމުންދާ  ނާރެސްތަކުގެ ތެރޭގައި އިރުމަތީ ޣައްޒާއާއި ބައިތު ލާހިޔާއަޢި ޖަބާލިޔާ ފޭލިގެއަވަށާއި ޚާން ޔޫނުސް ވެއެވެ.  

އަނެއްކޮޅުން އިސްރާއީލުގެ ހަނގުރާމައިގެ މަޖިލީހުގެ މެންބަރެއް ކަމުގައިވާ ބަނީ ގެންޓްސް ބުނާގޮތުގައި އިސްރާއީލު ދެމިއޮތުމަށް ޓަކައި ކުރަމުންދާ ދެވަނަ ހަނގުރާމައަކީ ވަރަށް އަގުބޮޑު ހަނގުރާމައެކެވެ. ޤާހިރާގެ ޚަބަރާބެހޭ ޗެނެލް ބުނާގޮތުގައި ގެންޓްސް ސިފަކުރި ގޮތުގައި އެއީ "ވަރަށް ވޭން ބޮޑު" ހަނގުރާމައެކެވެ.

އެމެރިކާ ފަރާތަށް ބަލާއިރު އެމެރިކާގެ މަސްއޫލުވެރީންނާ ޙަވާލާދީ ސީއެންއެން ބުނާގޮތުގައި އިސްރާއީލަށް ބޭނުންވާ ހަތިޔާރު އިސްރާއީލަށް ދިނުމުގައި އެއްވެސް ރަތްރޮނގެއް ނެތެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *