ފޮރިން ސެކްރެޓަރީގެ މަގާމަށް ފާޠިމަތު ޢިނާޔާ، މއ. ރެސްޓިންހައުސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ. މިއީ ފޮރިން ސެކްރެޓަރީގެ މަގާމަށް ކަނބަލަކު ޢައްޔަނުކުރެއްވި ފުރަތަމަ ފަހަރެވެ.
އެކަމަނާއަށް މަގާމުގެ ފަތްކޮޅު ދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ޢިނާޔާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މިނިސްޓަރުގެ ނައިބުގެ މަގާމުގައެވެ. އެކަމަނާ ފޮރިން ސެކްރެޓަރީގެ މަގާމަށް ޢައްޔަނުކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.
އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުޞަތު ހޯދައިދިނުމަކީ މި ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ.